މޯލްޑިވްސް ހާފް މެރަތަންގައި ބައިވެރިވުމުގެ ވަގުތު މިރޭގެ 10:00 އާއި ހަމައަށް އިތުރުކޮށްފި

އައި ރަނާސް އަދި މޫވް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ މޯލްޑިވްސް ހާފް މެރަތަންގެ ރޭސްތަކަށް ރަޖިސްޓްރީ ވުމުގެ ފުރުސަތު މިރޭގެ 10:00 އާއި ހަމައަށް އިތުރުކޮށްފިއެވެ....

09 Feb 2023 | 09:51

އައި ރަނާސް އަދި މޫވް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ މޯލްޑިވްސް ހާފް މެރަތަންގެ ރޭސްތަކަށް ރަޖިސްޓްރީ ވުމުގެ ފުރުސަތު މިރޭގެ 10:00 އާއި ހަމައަށް އިތުރުކޮށްފިއެވެ.

ރަޖިސްޓްރީވުމުގެ ވަގުތު އިތުރުކޮށްފައިމިވަނީ ލިބެމުން އަންނަ ތަރުހީބަށް ބަލާފައިކަމުގައި މި އިވެންޓް އިންތިޒާމްކުރާ ޓީމުން ބުނެއެވެ.

ތަފާތު ގިނަ ރޭސްތަކެއް ހިމެނޭ މި އިވެންޓް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ މި އަހަރުގެ މާރޗް މަހުގެ 11 ވަނަ ދުވަހުގައެވެ.

މި އިވެންޓްގެ ތެރޭގައި މި އަހަރު ދުވުމުގެ އިތުރުން އިންލޭން ސްކޭޓިން އާއި ވީލް ޗެއާ ރޭސިންވެސް ކުރިއަށްގެންދަން ވަނީ ނިންމާފައެވެ.

އެގޮތުން ދުވުމުގެ ރޭސްތަކުގެ ތެރޭގައި ބޮޑެތި މީހުންނަށް ހާފް މެރަތަން (21 ކިލޯމީޓަރ)، 15 ކިލޯ މީޓަރ (15ކޭ) 10 ކިލޯމީޓަރ (10ކޭ) އަދި 5 ކިލޯމީޓަރ (5ކޭ) ކުރިއަށްދާނެ ކަމަށެވެ. އަދި ކުޑަކުދިންނަށް 3.2 ކިލޯ މީޓަރ 1.6 ކިލޯ މީޓަރ އަދި 800 މީޓަރ ރޭސް ކުރިއަށްދާނެ ކަމުގައި އިވެންޓް ޑިރެކްޓަރ ހުސެއިން ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު ވިދާޅުވީ މިދިޔަ އަހަރެކޭ އެއްގޮތަށް މި އަހަރުވެސް މޯލްޑިވްސް ހާފް މެރަތަން ކުރިއަށްދަނީ ޖަމިއްޔާ ޖަމާއަތްތަކާއި ސަރުކާރުގެ މުއައްސަސާތަކާއި ސްޕޮންސަރުންގެ ވަރަށް ބޮޑު އެއްބާރުލުމަކާއި އެކުގައި ކަމަށާއި ވޮލަންޓިއަރުންނާއި ދަރިވަރުންގެ ބެލެނިވެރިންގެ އެހީތެރިކަންވެސް ކުރީ އަހަރެކޭ އެއްގޮތަށް މިއަހަރުވެސް ވަރަށް ބޮޑަށް ލިބެމުން އަންނަ ކަމަށެވެ.

"ހާފް މެރަތަން އަކަށް ފަސް ޖެހެވެންޏާ 15 ކޭ ޓްރައި ކޮށްލެވިދާނެ، 10 ކޭ ބުރަ ކަމަށްވަންޏާ 5 ކޭ ގަ ބައިވެރިވެވިދާނެ، އަދި ފެމިލީ އިވެންޓެއްގެ ގޮތުގައި ހިނގާލާފައިވެސް 5ކޭ ނިންމާލެވިދާނެ" ޝުޖާއު ވިދާޅުވިއެވެ.

ރަޖިސްޓްރޭޝަން ފެށިގެން ކުރިއަށްދާއިރު ޝުޖާއު ވިދާޅުވީ ލިބެމުން އަންނަ ތަރުހީބު ވަރަށް ރަނގަޅު ކަމަށާއި ނޯމަލް ރަޖިސްޓްރޭޝަންސް މާދަމާގެ ނިޔަލަށް ނިމުނު ނަމަވެސް ރޭސްތަކުގައި ފުރުސަތު އޮތް ވަރަކުން މާރޗް މަހުގެ ފުރަތަމަ ދުވަހާއި ހަމައަށް ރަޖިސްޓްރޭޝަން ކުރިއަށް ދާނެ ކަމަށެވެ.

މި އިވެންޓް ބާއްވަން ނިންމާފައިވަނީ ހޮނިހިރު ދުވަހުގެ ފަތިހު 5:15 އިން ފެށިގެންނެވެ. ރޭސްތަކުގެ ގަޑިތައް ބަހާލާފައިވާ ގޮތަށް ބަލާލާއިރު ހާފް މެރަތަން ފަތިހު 5:15ގައި ފެށޭއިރު 15 އަދި 10ކޭ 5:45ގައި ފަށާނެއެވެ. 5 ކޭ ދުވުން އަދި ވީލްޗެއަރ ރޭސިން ހެނދުނު 7:30 ގައި ފަށާނެއެވެ. އަދި އިންލައިން ސްކޭޓިން ހެނދުނު 8:30ގައި ފަށާނެއެވެ. ޝުޖާއު ވިދާޅުވީ ގަޑިތައް މިގޮތަށް ބަހާލާފައިވަނި މެރަތަން ނުވަތަ 15،10 ކޭ ނިންމާލާފައި ދަރިންނާއެކު ބެލެނިވެރިންނަށް އެހެން ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެހެން އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް