ތިލަފުށިން ވިއްކާ ބިމުގެ 90 ޕަސަންޓް ބިން ވިއްކާނީ ކޮންޓްރޯލް ކުރެވޭ އަގެއްގައި ދިވެހިންނަށް ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.
އެޗްޑީސީން މިހެން ބުނެފައި މިވަނީ ތިލަފުށިން އަލަށް ހިއްކާ ސަރަހައްދުން ބޭރު މީހުންނަށް ބިން ވިއްކުމަށް ނިންމި ނިންމުމާއި ގުޅިގެން ހަގީގަތާއި ހިލާފު ވާހަކަ ތަކެއް ފެތުރި ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒުވެފައި ވާތީ އެވެ.
އެގޮތުން މިކަމަށް އިޝާރާތްކޮށް އެޗްޑީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ތިލަފުށިން އަލަށް ހިއްކާ ސަރަހައްދުން ދޫކުރުމަށް ހަމަޖެހިފައިވާ ބިމުގެ 90 އިންސައްތަ ދޫކުރާނީ ދިވެހިންނަށް ކަމަށާއި އެ ބިންތައް ދޫކުރާނީ ކޮންޓްރޯލް އަގު ތަކެއްގައި ކަމަށެވެ.
އަދި އެޗްޑީސީން ބުނީ ބޭރުގެ ކުންފުނިތަކަށް ކުރިމަތި ލެވޭނީ ތިލަފުށިން ދޫކުރާ ބިންތަކުގެ ތެރެއިން މަދު ބިންތަކަކަށް ކަމަށާއި އެއީ ވިއްކާ ބިންތަކުގެ 10 އިންސައްތަ ކަމަށްވެސް އެޗްޑީސީން ހާމަކޮށްފައި ވެއެވެ.
އެޗްޑީސީން ބުނީ ތިލަފުއްޓަކީ ސްޕެޝަލް އިކޮނޮމިކް ޒޯނެއް ނޫންކަމަށާއި ބޭރުގެ ވިޔަފާރިތަކުން ބިމަށް އެދި ހުށަހެޅުމުގައި ރާއްޖޭގެ ގާނޫނުތަކާއި ކަމާ ބެހޭ އުސޫލުތަކަށް އަމަލުކުރަން ޖެހޭނެ ކަމަށެވެ.
ދިވެހި ވިޔަފާރިތަކުގެ ގޮތުގައި ހާއްސަ ކޮށްފައިވާ މަސްވެރިކަން، ދަނޑުވެރިކަން ފަދަ ވިޔަފާރި ތަކަށް ބޭރުގެ ވިޔަފާރިތަކުގެ ސަބަބުން އެއްވެސް އަސަރެއް ނުކުރާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް އެޗްޑީސީން ބުނެފައި ވެއެވެ.
މީގެ އިތުރުން އެޗްޑީސީން ބުނީ މި މަޝްރޫޢުގެ މަޤްސަދަކީ ސިނާއީ މަސައްކަތްތަކަށް ހުރި ދަތިތަކަށް ބޮޑު ލުއެއް ހޯދައި ދިނުމާއި ދިވެހި ވިޔަފާރިތަކަށް ހުރި ފުރުސަތުތައް އިތުރު ކުރުން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް