ފްރާންސް ކަޕްގެ ރައުންޑް އޮފް 16 ގައި ރޭ ކުޅުނު މެޗުން ޕީއެސްޖީ ބަލިކޮށް މުބާރާތުގެ ކުއާޓާ ފައިނަލަށް އޮލިމްޕިކް މާސޭ ދަތުކރުކޮށްފިއެވެ.
އަމިއްލަ ދަނޑުގައި މާސޭއިން ޕީއެސްޖީ ބަލިކޮށްފައިވަނީ 1-2 ގެ ނަތީޖާއިންނެވެ.
މެޗު ފެށިގެން ރަނގަޅަށް ކުޅެފައިވަނީ ވެސް މާސޭއިންނެވެ. މާސޭއިން މި މެޗުގައި ލަނޑު ޖަހާ ލީޑުނެގީ މެޗުގެ 31 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއެއްގައި އެލެކްސިކް ސަންޗޭސް ކާމިޔާބު ކޮށްދިން ލަނޑުންނެވެ. މި ޕެނަލްޓީ މާސޭއަށް ލިބުނީ ސާޖިއޯ ރާމޯސް އޭރިޔާތެރެއިން މާސޭގެ ސެންގިސް އުންޑާއަށް ކުރި ފައުލަކަށެވެ.
މި ޕެނަލްޓީ ލަނޑަށް ފަހު ޕީއެސްޖީން ކުޅުން ރަނގަޅު ކުރިއިރު، އެޓީމުން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެެ. މި ލަނޑު ޕީއެސްޖީއަށް ޖަހައިދިނީ ނޭމާ ތަނަވަސްކޮށްދިން ފުރުސަތެއްގައި ޑިފެންޑަރ ސާޖިއޯ ރާމޯސްއެވެ.
ދެ ޓީމުވެސް އެއްވަރެއްގައި އޮވެ މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމުނުއިރު، ދެވަނަ ހާފަށް ކުޅެން ނިކުމެ މެޗުގެ 57 ވަނަ މިނެޓުގައި މާސޭއިން ވަނީ ލަނޑުޖަހާ ދެވަނަ ފަހަރަށް މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު މާސޭއަށް ކާމިޔާބު ކޮށްދިނީ ރުސްލަން މަލިނޯސްކީއެވެ.
މާސޭގެ މި ލަނޑަށް ފަހު ޕީއެސްޖީން ކުރިޔަށް ޖެހިގެން ލަނޑެއް ޖެހޭތޯ ގިނަ މަސައްކަތް ތަކެއް ކުރި ނަމަވެސް އެޓީމަށް އެކަން ކާމިޔާބެއް ނުވިއެވެ. މެޗު ނިމުނީ މާސޭއަށް ކުރި ލިބިގެންނެވެ.
ޕީއެސްޖީ ބަލިކޮށް މާސޭއިން ފްރެންޗް ކަޕް ކުއާޓާ ފައިނަލަށް ދަތުރުކުރިއިރު، އެޓީމުން ކުޢާޓާ ގައި ބައްދަލުކުރާނީ މިރޭ ރައުންޑް އޮފް 16 ގައި ބައްދަލުކުރާ ލޮރިއެންޓާއި ލެންސް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ. މުބާރާތުގެ ކުއާޓާ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ މާޗުމަހުގެ އެއްވަނަ ދުވަހުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް