އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލީޑްސް ޔުނައިޓެޑާއި މެންޗެސްޓަރ ޔުނައިޓެޑް ބައްދަލުކުރި މެޗު އެއްވަރުވެއްޖެއެވެ.
އަމިއްލަ ދަނޑުގައި ލީޑްސް އާއި ދެކޮޅޮށް ޔުނައިޓެޑް ކުޅުނު މެޗު އެއްވަރުވެފައިވަނީ 2-2 ގެ ނަތީޖާއިންނެވެ.
ދެ ޓީމުގެ ފަރާތުންވެސް ހަމަހަމަ ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ލީޑްސް އިންނެވެ. މެޗުގެ ކުޅުން ފެށިގެން ފުރަތަމަ މިނެޓުގައި ލީޑްސް އަށް މެޗުގެ ލީޑު ނަގައިދިން މި ލަނޑު ކާމިޔާބު ކޮށްދިނީ ޕެޓްރިކް ބަމްފޯޑްގެ އެހީތެރިކަމާއި އެކު ވިލްފްރެޑް ގިނޮންޓޯއެވެ.
އެއްލަނޑުގެ ލީޑަކާއި އެކު ލީޑްސް އިން ކުރީގައި އޮވެގެން މެޗުގެ ފުރަތަމަ ފާހު ނިމުނުއިރު، ދެވަނަ ހާފު ފެށިގެން ދެވަނަ މިނެޓުގައި ލީޑްސްއިން އިތުރު ލަނޑެއް ޖަހައި ލީޑު ފުޅާކުރިއެވެ. ނަމަވެސް މި ލަނޑަކީ ޔުނައިޓެޑްގެ ޑިފެންޑަރ ރަފޭލް ވެރާން އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ.
ޔުނައިޓެޑުން އެޓީމުގެ ފުރަތަމަ ލަނޑު ޖަހާ ފަރަގު ކުޑަކުރީ މެޗުގެ 62 ވަނަ މިނެޓުގައި ޑިއޭގޯ ޑަލޮޓް ތަނަވަސްކޮށްދިން ފުރުސަތެއްގައި މާކަސް ރަޝްފޯޑް ކާމިޔާބު ކޮށްދިން ލަނޑުންނެވެ. ޔުނައިޓެޑުން މެޗުގެ ނަތީޖާ އެއްވަރުކުރީ މެޗުގެ 70 ވަނަ މިނެޓުގައި ޖޭޑަން ސަންޗޯ ކާމިޔާބު ކުރި ލަނޑުންނެވެ.
ދެ ޓީމުވެސް އެއްވަރެއްގައި އޮވެ މެޗު ނިމުނުއިރު، މި ނަތީޖާއާއި އެކު ޔުނައިޓެޑް ތާވަލްގެ ތިންވަނާގައި އޮތީ ކުޅުނު 22 މެޗުން ލިބުނު 43 ޕޮއިންޓާއި އެކުގައެވެ. އަދި ލީޑްސް އޮތީ އެޓީމުން ކުޅުނު 21 މެޗުން ލިބުނު 19 ޕޮއިންޓާއި އެކު ތާވަލްގެ 16 ވަނާގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް