މޮރޮކޯގައި މިހާރު ކުރިޔަށްދާ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް ޔޫރަޕްގެ އެންމެ ފަހުގެ ޗެމްޕިއަން ސްޕެއިންގެ ރެއާލް މެޑްރިޑް ދަތުރުކޮށްފިއެވެ.
މި މުބާރާތުގެ ފައިނަލަށް ރެއާލް ދަތުރުކުރީ ރޭ ކުޅުނު ސެމީ ފައިނަލުގައި އެފްރިކާގެ ޗެމްޕިއަން، މިސްރުގެ އަލް އަހްލީ 4-1 ގެ ނަތީޖާއިން ބަލިކޮށްގެންނެވެ.
އަލް އަހުލީ ބަލިކޮށް ފައިނަލުގެ ފަހު ޖާގަ ރެއާލް އިން ހޯދިއިރު، ފައިނަލުގެ ފުރަތަމަ ޖާގަ ހޯދީ އޭސިއާގެ ޗެމްޕިއަން ސައުދީ އަރަބިއްޔާގެ އަލް ހިލާލްއެވެ. އެޓީމުން ފައިނަލުގެ ފާގަ ކަށަވަރުކުރީ ދެކުނު އެމެރިކާގެ ޗެމްޕިއަން، ބްރެޒިލްގެ ފްލަމެންގޯ ބަލިކޮށްގެންނެވެ.
މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 11 ވަނަ ދުވަހުގައެވެ. އެއީ އަންނަ ހޮނިހިރު ދުވަހުގެރޭގައެވެ.
ޕްރިންސް މޯލޭ އަބްދުﷲ ސްޓޭޑިއަމްގައި ރޭ ކުޅުނު ސެމީ ފައިނަލްގެ ފަހު މެޗަށް ރެއާލުން ނުކުތީ އެޓީމުގެ މުހިންމު ކުޅުންތެރިންތަކެއް ނުލައެވެ. އަނިޔާގެ ސަބަބުން އެ ޓީމުގެ ކެޕްޓަން ކަރިމް ބެންޒެމާ އާއި ގޯލްކީޕަރު ތިބޯ ކޯޓުއާ އާއި އެޑާ މިލިޓާއޯ އަދި ފާލަންޑް މެންޑީ މި މެޗުގައި ކުޅެފައެއް ނުވެއެވެ.
ރެއާލުން ރަނގަޅު ކުޅުމެއް ދެއްކި މި މެޗުގައި ލަނޑު ޖަހާ ލީޑު ނެގީ މެޗުގެ 42 ވަނަ މިނެޓުގައެވެ. ރެއާލް އަށް ލީޑު ނަގައިދިން މި ލަނޑު ކާމިޔާބު ކޮށްދިނީ ވިނީޝިއުސް ޖޫނިއާއެވެ. ރެއާލުމް މެޗުގެ ލީޑު ފުޅާކުރި ލަނޑު ދެވަނަ ހާފުގެ 46 ވަނަ މިނެޓުގައި ޖަހައިދިނީ ފެޑޭ ވަލްވޭޑޭއެވެ.
މެޗުގެ 65 ވަނަ މިނިޓްގައި އަލް އަހްލީން ވަނީ ލިބުނު ޕެނަލްތީ އަކުން ލަނޑެއް ޖަހައި ފަރަގު ކުޑަކޮށްފައެވެ. މިއީ ރެއާލްގެ އެޑޮއާޑޯ ކަމަވިންގާ ކުރި ފައުލަކަށް ދިން ޕެނަލްޓީއެވެ. މި ޕެނަލްޓީ ގޯލުގެ ތެރެއަށް ވައްދާލައިގެން މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޑިފެންޑަރ އަލީ މަލޫލްއެވެ. މެޗުގެ 87 ވަނަ މިނެޓުގައި ރެއާލަށް ވެސް ޕެނަލްޓީއެއް ލިބުނެވެ. ނަމަވެސް ލޫކަ މޮޑްރިޗް ފޮނުވާލި ޕެނަލްޓީ ކީޕަރު އެލް ޝެނާވީ ވަނީ މަތަކޮށްފަ އެވެ.
ރެއާލުން އެޓީމުގެ ފަހު ދެ ލަނޑު ޖަހާފައިވަނީ މެޗުގެ އިތުރު ވަގުތުގެ ތެރޭގައެވެ. މި ލަނޑުތައް ރެއާލް އަށް ޖަހައިދިނީ ރޮޑްރީގޯއާއި ސާޖިއޯ އަރީބާސް އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް