ސިޓީ ކައުންސިލުން މާލެއިން ޕާކިން ސްލޮޓް ވެހިކަލްގެ މުއްދަތަށް (ދިގުމުއްދަތަކަށް) ވިއްކަން ނިންމާފައިވާ ނިންމުން މަޑު ޖައްސާލުމަށް އަންގާފައިވަނިކޮށް ޓްރާންސްޕޯޓް މިނިސްޓްރީންވެސް އެ މައްސަލައިގާ ހަރުކަށި އެންގުމެއް އަންގައިފިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން މި މައްސަލައިގާ ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ މަގުމައްޗަކީ ހުރިހާ ރައްޔިތުންވެސް ބޭނުންކުރާ ތަނަކަށްވީހިނދު މަގުން ބައެއް ވަކި މީހަކަށް ވިއްކުމުގެ އިހްތިޔާރު ސިޓީ ކައުންސިލަަކަށް ލިބިގެނެއް ނުވާކަމަށެވެ.
" ސިޓީ ކައުންސިލަށް ލިބިދޭ ބާރުގެ ދަށުން ޕާކިން ޒޯންތައް ކަނޑައަޅައި، ހިލޭ ޕާކު ކުރެވޭނެ ސަރަހައްދުތަކާއި، ވަކި މަގުތަކަށް ވަކި ފީއެއް ދައްކައިގެން ޕާކު ކުރެވޭނެ ސަރަހައްދުތައް ކަނޑައެޅިދާނެ، ނަމަވެސް މަސްތަކާއި އަހަރުތަކަށް ދެމިގެންދާހެން ދިގުމުއްދަތަށް ޕާކިން ސްލޮޓް ކުއްޔަށް ދިނުމަކީ ގާނޫނާއި ގަވާއިދު ހުއްދަކުރާކަމެއް ނޫން" ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފައިވެއެވެ.
އެ މިނިސްޓްރީން ބުނެފައިވަނީ މާލެ ސިޓީ ކައުންސިލުން އެ މިނިސްޓްރީއަށް ބޭނުންވާ ލޭންޑް ޔޫޒް ޕްލޭން އަދި ޕާކިން ސްލޮޓްތައް ދޫކުރާނެ އުސޫލު ހުށަހަޅާފައިނުވާކަމަށާއި އަދި އެފަދަ ހުއްދަޔަކަށް މިހާތަނަށް އައި އިރު އެދިފައިވެސް ނުވާކަމަށެވެ.
"މި މިނިސްޓްރީގެ ފަރާތުން ބޭނުންވާ ހުއްދަޔާ ނުލާ ސިޓީ ކައުންސިލުން އަމިއްލަ ފަރާތްތަކަށް އަމާޒުކޮށްގެން ދިގުމުއްދަތަށް މާލެއިން ވިއްކުމަށް ނިންމާފައިވާ ޕާކިން ސްލޮޓްތައް ނުވިއްކޭނެ ކަމުގައި މި ފުރުސަތުގައި ދަންނަވަމެވެ." ޓްރާންސްޕޯޓުން ބުނެފައިވެއެވެ.
އެ ނޫސްބަޔާނުގައި އިތުރަށް ބުނެފައިވަނީ މިއީ ހުރިހާ ރައްޔިތުންގެ މަސްލަހަތާ ގުޅިފައިވާކަމަކަށްވާތީ ވަކި ބަޔަކަށް ފައިދާވާގޮތަށް ރައްޔިތުންގެ މެދުގައި ތަފާތުކުރުމަށް ސިޓީ ކައުންސިލުން މިކަމުގައި އަމަލުކުރުމުގެ ޖާގަ ސަރުކާރުން ނުދޭނެކަމަށާއި ގާނޫނާއި ގަވާއިދުގެ ތެރެއިން ސިޓީ ކައުންސިލުން މިކަމުގެ ހުއްދަ ނެގުމަށް ބޭނުންވާ ލިޔެކިޔުންތައް ހުށަހަޅައިގެން ކުރިއަށްގެންދިއުމަށް ސަރުކާރުން އެދޭކަމަށެވެ.
https://twitter.com/dhuvasmv/status/1491101778099720195
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް