ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި އިމާރަތް ކޮށްފައިވާ ހިޔާ ފްލެޓުގައި ޤުރުއާން ކްލާހަކާއި ޓިއުޝަން ސެންޓަރެއް ހިންގާނެ ބަޔަކު ހޯދަން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑިސީ) އިން އިއުލާނުކޮށްފި އެވެ.
އެޗްޑީސީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ޤުރުއާން ކްލާހާއި ޓިއުޝަން ކްލާސް ހިންގަން ހިޔާގެ ތިން ޓަވަރަކުން ފުރުސަތު ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެއީ ހިޔާ ޓަވަރު ދޭ، ޓަވަރު ހަތެއް އަދި ޓަވަރު 10 ންނެވެ.
މި ތަންތަން ހިންގުމަށް ދޫކުރަނީ އަމިއްލައަށް ޑިޒައިންކޮށް ހިންގާ އުސޫލުންނެވެ. އަދި ކުއްޔަށް ހިފާފައި ހުންނަ މުއްދަތުގައި ތަނުގެ މެއިންޓަނަންސް އާއި ސުޕަވައިޒް ކުރަން ޖެހެނީ އަމިއްލައަށެވެ.
މި ތިންތަންވެސް ކުއްޔަށް ދިނުމަށް ހަމަޖެހިފައިވަނީ އެއް އަހަރާއި ދެ އަހަރާއި ދެމެދުގެ މުއްދަތަކަށް ނަމަ މަހަކު އަކަފޫޓަކަށް 10 ރުފިޔާއެވެ. އަދި ތިން އަހަރާއި ފަސް އަހަރާއި ދެމެދުގެ މުއްދަތަކަށް ނަގާ ނަމަ މަދުވެގެން މަހަކަށް އަކަފޫޓަކަށް 15 ރުފިޔާ އެވެ.
މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑި އަކީ މިމަހުގެ 22 ވަނަ ދުވަހުގެ މެންދުރު 2:00 އެވެ.
ޤުރުއާން ކްލާހާއި ޓިއުޝަން ކްލާސް ހިންގަން ކުރިމަތިލެވެނީ އިކޮނޮމިކް މިނިސްޓްރީގައި ރެޖިސްޓްރީކޮށްގެން އެ ވިޔަފާރި ހިންގާ ފަރާތްތަކަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް