ޔޫތް ޗެމްޕިއަންޝިޕްގެ ފައިނަލް މެޗު ކުޅޭނީ މާލެއިން ބޭރުގަ - އެފްއޭއެމް އިން ނިންމާފައިވަނީ ފ. ނިލަންދޫގައި ކުޅޭގޮތަށް

ޔޫތް ޗެމްޕިއަންޝިޕްގެ ފައިނަލް މެޗު ކުޅޭނީ މާލެއިން ބޭރުގައި ކުޅޭގޮތަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ނިންމައިފިއެވެ. މައުލޫމާތު ލިބޭ ގޮތުގައި ޔޫތު ޗެމްޕިއަންޝިޕްގެ ފައިނަލް ...

09 Feb 2022 | 17:50

ޔޫތް ޗެމްޕިއަންޝިޕްގެ ފައިނަލް މެޗު ކުޅޭނީ މާލެއިން ބޭރުގައި ކުޅޭގޮތަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ނިންމައިފިއެވެ.

މައުލޫމާތު ލިބޭ ގޮތުގައި ޔޫތު ޗެމްޕިއަންޝިޕްގެ ފައިނަލް މެޗު ކުޅުމަށް ނިންމާފައިވަނީ ފ. ނިލަންދޫ ޓާފު ދަނޑުގައެވެ.

އެރަށުގައި ފައިނަލް މެޗު ކުޅުމުގެ ކުރިން އެފްއޭއެމްގެ ޓީމަކުން އެ ރަށަށް ގޮސް އިންސްޕެކްޝަނެއް ހަދާފައިވާ އިރު، އެޓީމުން ވަނީ ދަނޑުގެ އިންސްޕެކްޝަނާއި އެކޮމަޑޭޝަނާއި އަދި އެހެނިހެން ކަންކަން ބަލާފައެވެ.

ޔޫތް ޗެމްޕިއަންޝިޕްގެ ފައިނަލު މެޗު ކުޅުމަށް ތާވަލުކޮށްފައިވަނީ މި ފެބްރުވަރީ މަހުގެ 13 ވަނަ ދުވަހެވެ.

މި މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ އީގަލްސް އިން ވަނީ ހޯދާފައެވެ. އެޓީމުން މި ޖާގަ ހޯދީ މިއަދު ހަވީރު ކުޅުނު ސެމީފައިނަލުގެ ފުރަތަމަ މެޗުގައެި ޓީސީގެ މައްޗަށް 0-1 ލަނޑުން ކުރި ހޯދައިގެންނެވެ.

ސެމީގެ ދެވަނަ މެޗުގައި މިރޭ ބައްދަލުކުރާނީ ޔުނައިޓެޑް ވިކްޓަރީ އާއި ސުޕަރ ޔުނައިޓެޑް ސްޕޯޓްސް ކުލަބް (ސަސް) އެވެ.

ފ. ނިލަންދޫ ފުޓްބޯޅަ ދަނޑަކީ މި ސަރުކާރުން ރާއްޖޭގެ ގިނަ ރަށްތަކުގައި ޓާފު ދަނޑުތައް އަޅަމުން ގެންދާ މަޗްރޫޢު ގައި ހިމަނައިގެން ޓަރފް އަޅާފައިވާ ދަނޑެކެވެ. އެ ދަނޑުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ އަމީން ކޮންސްޓްރަކްޝަނާ ހަވާލުކޮށްގެންނެވެ.

ރާއްޖޭގެ ފުޓުބޯޅައިގައި މަޝްހޫރު ކުޅުންތެރިންތަކެއް ހިމެނޭ ފ. ނިލަންދޫގެ ފާހަގަކޮށްލެވޭ ކުޅުންތެރިންގެ ތެރޭގައި ނިއުރޭޑިއަންޓާއި ގައުމީ ޓީމަށް ކުޅުނު އަންވަރު އަލީ އާއި ފަރުހާދު އިސްމާއިލް (ފަރޭ) ހިމެނެއެވެ.

ރާއްޖޭގައި ގާއިމުކުރެވޭ ޓަރފު ދަނޑުތަކުގައި ގައުމީ ބޮޑެތި މެޗުތަކާއި ބައިނަލްއަގުވާމީ މެޗުތައް ކުޅުމަކީ މި ސަރުކާރުގެ އަމާޒެއްކަމަށް ޔޫތު މިނިސްޓަރު އަހްމަދސު މަހުލޫފް ވަނީ މީގެކުރިން ވިދާޅުވެފައެވެ.

އެގޮތުން ރައީސުލްޖުމްހޫރިއްޔާގެ ތައްޓަށް ކުޅޭ ޕްރެޒިޑެންޓްސް ކަޕްގެ ފައިނަަލު މެޗު ވެސް ކުޅެފައިވަނީ ރ. އަލިފުށީގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް