ލ. ފޮނަދޫގައި ކޮވިޑް-19 ގެ ނުރައްކާ ބޮޑުވެފައިވާ މި ދަނޑިވަޅުގައި އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށް ސިއްޚީ މާހިރުންގެ ލަފަޔާއި އެކު އަޅަމުންގެންދާ ފިޔަވަޅުތަކަށް ބައެއް ފަރާތްތަކުން ތަކުރާރުކޮށް ޚިލާފުވަމުންދާކަމަށް ފޮނަދޫ ކައުންސިލުން ބުނެފިއެވެ.
ފޮނަދޫ ކައުންސލުން މިއަދު ނެރެ އާންމުކުރި ދެންނެވުމެއްގައި ބުނެފައިވަނީ ކޮވިޑް-19 ގެ ނުރައްކާތެރިކަން އިތުރުވަމުން ދާ މި ދަނޑިވަޅުގައި އެންމެ ހާ ރައްޔިތުންގެ އެހީތެރިކަމާއި އެއްބާރުލުން އިންތިހާއަށް ބޭނުންވާ ކަމަށާއި ސިއްޚީ މާހިރުންގެ ލަފަޔާއި އިރުޝާދުތަކުގެ ދަށުން އަޅަމުން ގެންދާ ރައްކާތެރިކަމުގެ ވިޔަވަޅު ތަކަކަކީ އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަމުންގެންދާ ފިވަޅުތަކެއް ކަމަށެވެ.
ކަން މިހެން އޮތް ނަމަވެސް އެންމެންގެ ރައްކާތެރިކަމަށް އަޅަމުންގެންދާ ފިޔަވަޅުތަކަށް ބައެއް ފަރާތްތަކުން ތަކުރާރުކޮށް ޚިލާފުވަމުން އަންނަކަން ފާހަގަކުރެވޭ ކަމަށް ކައުންސިލްގެ ދެންނެވުމުގައި ބުނެފައިވެއެވެ.
އަދި ކައުންސިލް އިދާރާއިން ކުރިންވެސް އިލްތިމާސް ކޮށްފައިވާ ފަދައިން ގިނަ މީހުން އެއްވެ ނޫޅުމާއި މާސްކު އެޅުމާއި މީހުންނާއި ބައްދަލުކުރާއިރު ރައްކާތެރިކަމުގެ ފިޔަވަޅު އަޅުއްވާ ޢިޖުތިމާޢީ ގައިދުރުކަން ބެހެއްޓުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ވެސް މި ދެންނެވުމުގައި އިލްތިމާސްކޮށްފައިވެއެވެ. އަދި މީގެ އިތުރުން ކޮންމެހެން ގެއިން ބޭރަށް ނުކުންނަށް ޖެހޭ ޙާލަތެއްގައި މެނުވީ ގެއިން ބޭރަށް ނުނިކުތުމަށް ވެސް މި އެންގުމުގައި އިލްތިމާސްކޮށްފައިވެއެވެ.
ފޮނަދޫގައި ކޮވިޑް-19 ގެ ހާލަތު ގޯސްވެފައިވާއިރު، އެރަށުން މި ބައްޔަށް ފައްސިވާ މީހުންގެ އަދަދު ވެސް ދަނީ ދުވަހެއްދުވަހަކަށް އިތުރުވަމުން ނެވެ. އެގޮތުން ކޮންމެ ދުވަހަކުވެސް މަދުވެގެން 30 އާއި 40 އާއި ދެމެދުގެ އަދަދަކަށް ޕޮޒިޓިވް ކޭސްތައް ދަނީ ފެންނަމުންނެވެ.
މި އަހަރުގެ ފެބްރުއަރީ މަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ފެބުރުއަރީ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން މިއަދާއި ހަމައަށް 4947 ސާމްޕަލެއް ނެގިފައިވާއިރު، އޭގެ ތެރެއިން 169 ފަރާތެއް ވަނީ ކޮވިޑް-19 އަށް ޕޮސިޓިވް ވެފައެވެ.
ފޮނަދޫގައި ހަލުވި ކަމާއެކު ކޮވިޑު ފެތުރޭތީ އެޗްޕީއޭއިން ވަނީ އެރަށް މޮނިޓަރިންއަށް ވެސް ލައިފައެވެ. ފޮނަދޫ މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ މިދިޔަ އާދިއްތަ ދުވަހުއެވެ.
ލ. ގަމުގައި ހުންނަ އެ އަތޮޅު ރީޖަނަަލް ހޮސްޕިޓަލުގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި އެރަށުގައި މިހާރުވެސް 154 އެކްޓިވް ކޭސް އެބަ އުޅެއެވެ. އަދި މިއަދު އެކަނިވެސް 39 މީހަކު އެރަށުން ވަނީ ޕޮޒިޓިވްވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް