ލ. ފޮނަދޫގައި ކޮވިޑް-19 ގެ ހާލަތު ގޯސްވެ ގިނަ އަދަދެއްގެ ބަޔަކު ބައްޔަށް ފައްސިވަމުން ދާތީ ފޮނަދޫ މިސްކިތްތަކުގައި ކޮންމެ ނަމާދަކަށް ފަހު ގުނޫތް ނާޒިލާ ކިޔުމަށް ނިންމައިފިއެވެ.
ފޮނަދޫ ކައުންސިލްގެ ރައީސް އަޙުމަދު ޔިޔާޟް ވިދާޅުވީ މިރޭ ފަތިސް ނަމާދުން ފެށިގެން ފޮނަދޫ ހުރިހާ މިސްކިތެއްގައި ވެސް ގުނޫތު ނާޒިލާ ކިޔަން ފަށާނެ ކަމަށާއި މިސްކިތްތަކުގައި ގުނޫތު ނާޒިލާ ކިޔަން ނިންމީ ފޮނަދޫގައި ހަލުވި ކަމާއި އެކު ކޮވިޑް-19 ބަލިމަޑުކަން ފެތުރެމުން ދާތީ ކަމަށެވެ.
ރިޔާޟް ވިދާޅުވީ މިސްކިތްތަކުގައި ގުނޫތު ނާޒިލާ ކިޔަން ނިންމީ އިސްލާމިކް މިނިސްޓްރީގެ ލަފަޔާއި އެކުގައި ކަމަށާއި ރަށުގައި ކޮވިޑްގެ ހާލަތު ރަނގަޅު ވަންދެން މިސްކިތްތަކުގައި ގުނޫތު ނާޒިލާ ކިޔުން މެދު ނުކެނޑިި ކުރިޔަށް ދާނެ ކަމަށެވެ.
" ފޮނަދޫ މިސްކިތްތަކުގައި ގުނޫތު ނާޒިލާ ކިޔަން ނިންމީ އިސްލާމިކް މިނިސްޓްރީގެ ވެސް ލަފަޔާއި އެކު ފޮނަދޫ ކައުންސިލް އިދާރާއިން އިސްނަގައިގެން. މިކަން މިގޮތަށް ކުރަން ނިންމީ ރަށުގައި ކޮވިޑްގެ ހާލަތު ގޯސްވަމުން ދާތީ. މިރޭ ފަތިސް ނަމާދުން ފެށިގެން ހުރިހާ މިސްކިތެއްގައިވެސް ގުނޫތު ނާޒިލާ ކިޔަން ފަށާނެ." ދުވަސް ނޫހަށް މަޢުލޫމާތު ދެމުން ރިޔާޟް ވިދާޅުވިއެވެ.
ފޮނަދޫގައި ކޮވިޑް-19 ގެ ހާލަތު ގޯސްވެފައިވާއިރު، އެރަށުން މި ބައްޔަށް ފައްސިވާ މީހުންގެ އަދަދު ވެސް ދަނީ ދުވަހެއްދުވަހަކަށް އިތުރުވަމުން ނެވެ. އެގޮތުން ކޮންމެ ދުވަހަކުވެސް މަދުވެގެން 30 އާއި 40 އާއި ދެމެދުގެ އަދަދަކަށް ޕޮޒިޓިވް ކޭސްތައް ދަނީ ފެންނަމުންނެވެ.
މި އަހަރުގެ ފެބްރުއަރީ މަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ފެބުރުއަރީ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން މިއަދާއި ހަމައަށް 4947 ސާމްޕަލެއް ނެގިފައިވާއިރު، އޭގެ ތެރެއިން 169 ފަރާތެއް ވަނީ ކޮވިޑް-19 އަށް ޕޮސިޓިވް ވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް