އިންޑިއާ އައުޓް ކެމްޕޭނުގައި ޑްރަގުގެ ބޮޑުން ހަރަކާތްތެރިވޭ، އެމީހުން ދަނީ އެ ކެމްޕޭނަށް މިލިއަނުން ފަންޑުކުރަމުން: ސީޕީ ޙަމީދު

އިންޑިއާ އައުޓް ކެމްޕޭނުގައި ޑްރަގުގެ ބޮޑުން ހަރަކާތްތެރިވާ ކަމަށާއި އެމީހުން ދަނީ އެ ކެމްޕޭނަށް މިލިއަނުން ފަންޑުކުރަމުން ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވެއްޖެއެވެ. ސީޕީ ހަމީދު ...

09 Feb 2022 | 14:44

އިންޑިއާ އައުޓް ކެމްޕޭނުގައި ޑްރަގުގެ ބޮޑުން ހަރަކާތްތެރިވާ ކަމަށާއި އެމީހުން ދަނީ އެ ކެމްޕޭނަށް މިލިއަނުން ފަންޑުކުރަމުން ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވެއްޖެއެވެ.

ސީޕީ ހަމީދު މިހެން ވިދާޅުވީ އިންޑިއާ އައުޓް ކެމްޕެއިނާއި ގުޅިގެން ރާއްޖެއަށް ލިބޭ ގެއްލުން ދިރާސާ ކުރުމަށް 241 ކޮމިޓީން ބޭއްވި ބައްދަލުވުމުގައެވެ.

އޭނާ ވިދާޅުވީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ކުށް ކޮށްގެން މުއްސަނދިވެ، އެކައުންޓުތަކުގައި މިލިއަނުން ފައިސާ ރޯލް ކުރާ މީހުން ނިސްބަތްވާ 10 ގޭންގެއް އުޅޭ ކަމަށެވެ.

"އެ ހުރިހާ ގްރޫޕެއްގެ ވެރިން ވެސް އިންޑިއާ އައުޓް ކެމްޕެއިންގައި ބައިވެރިވޭ. ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް ހިންގާ "އިންޑިއާ އައުޓް" ކެމްޕެއިންގައި ނުރައްކާތެރި ކުށްވެރިންގެ ބައިވެރިވުން އޮވޭ. އެކަމަށް މިލިއަނުން ފަންޑު ކުރޭ. ސީޕީ ވިދާޅުވިއެވެ.

ސީޕީ އިތުރަށް ވިދާޅުވީ ދެ މިލިއަނުން، ތިން މިލިއަނުން ފަންޑު ހޯދައިގެން ހިންގާ މިފަދަ މައްސަލަތަކަކީ އޯގަނައިޒްކޮށްގެން ހިންގާ ހަރަކާތްތަކެއް ކަމަށެވެ. އަދި އެކަން ކުރުމުގެ ފަހަތުގައި ހުރި އަސްލު މަގްސަދުތަކާ ބެހޭ އިންޓަލިޖެންސް އެސެސްމަންޓެއް މިހާރު ހަދާފައިވާ ކަމަށެވެ.

އިންޑިއާ އައުޓް ހަރަކާތުގެ ސަބަބުން ދާޚިލީ ސަލާމަތަށް ނުރަނގަޅު އަސަރު ކުރާކަން ސީޕީ ހަމީދު ވަނީ ފާހަގަ ކުރައްވާފައެވެ.

އިދިކޮޅު ޕާޓީތަކުން ފާހަގަކުރާ ގޮތަށް ރާއްޖޭގައި އިންޑިއާ ސިފައިން ތިބެގެން ނުރައްކަލެއް އޮތް ކަމަކަށް ފާހަގަ ނުކުރެވޭ ކަމަށް ސީޕީ ވިދާޅުވި އެވެ.

ކޮންޓެމްޕަރަރީ ނުވަތަ ސްޓްރެޓަޖިކް ސެކިއުރިޓީ އަކަށް ކޮމްޕޯނަންޓް ހަރަކާތްތެރިވާކަން ފާހަގަކުރައްވާ ސީޕީ ވިދާޅުވީ ރާއްޖޭގެ ސިފައިން ވެސް ސައުދީގައި ޔުނިފޯމް ވެސް އަޅައިގެން ތިބޭ ކަމަށާއި މިއަދުގެ ދުނިޔޭގައި ދައުލަތުގެ ކަންކަމަށް ބަލާއިރު ހުރިހާ ދައުލަތެއްގެ ވެސް އެހީތެރިކަން ހޯދާ ކަމަށެވެ.

މީގެ އިތުރުން ސީޕީ ވިދާޅުވީ އިންޑިއާގެ ސިފައިން ދާޚިލީ ކަމަކަށް ބުރޫ އަރާފާނެ އަމަލުތަކެއް ހިންގާ ކަމެއް ފެނިފައި ނެތް ކަމަށެވެ.

އެ ކެމްޕެއިން ހުއްޓުވުމަށް އޮތީ ގާނޫނީ ހުރަސްތަކެއް ކަމަށާއި އެކަމާއިގުޅޭ ގޮތުން ޕްރޮސެކިއުޓަރ ޖެނަރަލް އާ މަޝްވަރާ ކުރަމުން އަންނަ ކަމަށް ވެސް ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވިއެވެ.

އެ ހަރަކާތަކީ، ސިޔާސީ ޕާޓީތަކުން ކުރާ ކަމަކަށް ވާތީ، ޕާޓީތަކުގެ ރެގިއުލޭޓަރީ ބޮޑީތަކުން ވެސް މިކަމާ މެދު ފިޔަވަޅު އަޅަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް