ޕާޓީގެ ރައީސަށް ދިން މަރުގެ ހަމަލާގެ މައްސަލަ ނުބަލާ ޔާމީންގެ މައްސަލަ ބަލާތީ ކަންބޮޑުވޭ: ޑރ ޝަހީމް

އެމްޑީޕީގެ ރައީސް، ކުރީގެ ރައީސް އަދި  ރައްޔިތުންގެ މަޖިލިސް ރައީސް، މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މަރުގެ ހަމަލާ ދިން މީހުންގެ ޝަރީއަތް ނުބަލާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތް ކުރިއަށް ގެނ...

09 Feb 2022 | 08:14

އެމްޑީޕީގެ ރައީސް، ކުރީގެ ރައީސް އަދި  ރައްޔިތުންގެ މަޖިލިސް ރައީސް، މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މަރުގެ ހަމަލާ ދިން މީހުންގެ ޝަރީއަތް ނުބަލާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތް ކުރިއަށް ގެންދާތީ ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް އަލީ ސައީދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ޑރ. ޝަހީމް މިހެން ވިދާޅުވެފައި މިވަނީ މިދިޔަ އަހަރުގެ މެއި 6 ވަނަ ދުވަހު ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާގެ މައްސަލައިގެ ބޮން ގޮއްވި މީހުންގެ ޝަރީއަތް ލަސްވަމުންދާތީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ.

އެކަމަށް އިޝާރަތް ކުރައްވާ ޑރ. ޝަހީމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއަކީ އިންސާނިއްޔަތާއި ޚިލާފް ބޮޑު ޖަރީމާއެއްކަމަށެވެ.

އެފަދަ ބޮޑު ޖަރީމާއެއްގެ ޝަރީއަތް ލަސްވުމަކީ ވަރަށް ދެރަ އަދި ކަންބޮޑުވާންޖެހޭ ކަމެއްކަމަށް ފާހަގަކުރައްވާ ޝަހީމް ވިދާޅުވީ އެ ޝަރީއަތް އަވަސްކޮށް އަނިޔާވެރި އަމަލު ހިންގި ފަރާތްތަކަށް ހައްގު އަދަބު ދިނުން އަވަސް ކުރަންޖެހޭކަމަށެވެ.

މީގެ އިތުރުން ޝަހީމް ވިދާޅުވީ އެމްޑީޕީގެ ނުފޫޒުގަދަ އިސް ފަރާތްތަކުން ބޮން ގޮއްވި މީހުންގެ ޝަރީއަތުގެ ވާހަކަ ބާއްވައި، އެޖަރީމާގެ ވާހަކަ ނުދައްކައި އަދިވެސް ބަލަނީ ރައީސް ޔާމިން ޖަލަށް ލެވޭނެ ގޮތެއް ހޯދުމަށްކަމަށެވެ.

އެގޮތުން ފަނޑިޔާރުންނަށް ބިރު ދައްކައިގެން ވެސް އެކަން ވޭތޯ ބަލަމުންދާކަމަށެވެ. އަދި އަމިއްލަ ޕާޓިގެ ރައީސް މަރާލަން އުޅުނު މީހުންގެ ޝަރީއަތުގެ މަތިން އެމްޑީޕީގެ އިސްވެރިން ހަނދާނެއް ނެތްކަމަށްވެސް ޝަހީމްގެ ޓްވީޓްގައި ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް