އިތުރު 15 އެމްބިއުލާންސް ރާއްޖެއަށް ގެނެސްފި

އިތުރު 15 އެމްބިއުލާންސް ރާއްޖެއަށް ގެނެސްފިއެވެ. މިއީ ރާއްޖޭގެ ސިއްހީ ނިޒާމު ހަރުދަނާކޮށް، ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އެމްބިއުލާންސްގެ ޚިދުމަތް ދިނުމަށް ސަރުކާރުން ނިންމާފައިވާ ނިންމު...

08 Feb 2022 | 20:00

އިތުރު 15 އެމްބިއުލާންސް ރާއްޖެއަށް ގެނެސްފިއެވެ.

މިއީ ރާއްޖޭގެ ސިއްހީ ނިޒާމު ހަރުދަނާކޮށް، ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އެމްބިއުލާންސްގެ ޚިދުމަތް ދިނުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމުގެ ދަށުން ގެނައި އެމްބިއުލާންސެވެ.

އަތޮޅުތެރެއަށް ބޭނުންވާ 96 އެމްބިއުލާންސް ގެނައުމަށް ސަރުކާރު މައި ވިޔަފާރި ކުންފުނި، އެސްޓީއޯ އާ ހަވާލުކޮށް އެކަމުގެ އެއްބަސްވުމުގައި ފިނޭންސް މިނިސްޓްރީ އާއި އެސްޓީއޯ އަދި ހެލްތު މިނިސްޓްރީއާ ދެމެދު ސޮއިކޮށްފައިވަނީ މިިދިޔަ 2021 ވަނަ އަހަރުގެ ޖުލައި މަހުގެ 10 ވަނަ ދުވަހުއެވެ.

އެސްޓިއޯއިން ބުނީ އެ އެމްބިއުލާންސްތައް ރަށްރަށަށް ފޮނުވުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ. އެހެންނަމަވެސް އެމްބިއުލާންސްތައް ފޮނުވަން ނިންމާފައިވަނީ ކޮން ރަށްރަށަކަށް ކަމެއް ހާމަކޮށްފައެއް ނުވެއެވެ.

އެސްޓީއޯ އާ ހަވާލުކޮށްގެން ގެންނަން ނިންމި އެމްބިއުލާންސްތަކުގެ ތިން ބުރެއް މިހާރުވަނީ ރާއްޖެ ގެނެސްފައެވެ. މީގެ ކުރިން ދެ ބުރެއްގައި 40 އެމްބިއުލާންސް ގެނެސްފައިވާ އިރު، ފުރަތަމަ ގެނައީ 20 އެމްބިއުލެންސެވެ. އެއީ އޮކްޓޯބަރު މަހުގެ 23 ވަނަ ދުވަހުއެވެ. އަދި ދެވަނަ ބެޗުގެ 20 އެމްބިއުލާންސް ގެނެސްފައިވަނީ ނޮވެމްބަރު މަހުގެ 29 ވަނަ ދުވަހުއެވެ. އެ އެމްބިއުލާންސްތައް މިހާރު ވަނީ ރަށްރަށަށް ފޮނުވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް