ރައިސް ޔާމީނަށް ތާއީދު ނެތީމަ ދެރަވޭ، އަޅުގަނޑާ ވާދަ ކުރިޔަސް ބަލި ކުރާނަން: ނަޝީދު

ރައްޔިތުންގެ ތައީދު ރައީސް އަބްދުﷲ ޔާމީނަށް ނެތުމަކީ ހިތާމަ ކުރައްވާ ކަމެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. ރައީސް ނަޝީދު މިހެން ވިދާޅުވީ އިއްޔެ ޕީޕިއެމްއިން ބޭއްވި ހަފްލާއެއ...

09 Feb 2017 | 08:46

ރައްޔިތުންގެ ތައީދު ރައީސް އަބްދުﷲ ޔާމީނަށް ނެތުމަކީ ހިތާމަ ކުރައްވާ ކަމެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ އިއްޔެ ޕީޕިއެމްއިން ބޭއްވި ހަފްލާއެއްގައި އިދިކޮޅު ފަރާތްތަކުން އެންމެ މީހެއް ވަށައި ތޮވާފު ކުރަމުންދާ ކަމަށް ރައީސް ޔާމީން ވިދާޅުވުމުން އެކަމާއި ގުޅޭގޮތުން ނޫސްވެރިން ސުވާލު ކުރުމުންނެވެ.

ސިރީލަންކާގައި މީޑިއާ އާއި ބައްދަލު ކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު ބަޔަކު ތާއީދުކު ކުރުމަކީ ކުރާނެ ކަމެއް ނޫންކަމަށާއި އެފަދަ ގޮތަކަށް ރައީސް ޔާމީން ފަހަތުން ދާނެ ބަޔަކު ނެތުމުން ދެރަވާ ކަމަށެވެ. ނަޝީދު ވިދާޅުވީ އަމިއްލަ ޕާޓީގައިވެސް ރައިސް ޔާމީނަށް ފުރިހަމަ ތާއީދު ނެތުމަކީ ހަމަ ހަގީގަތުގައިވެސް ދެރަވާ ކަމެއް ކަމަށެވެ.

"ވަރަށް ދެރަ ކަމެއް، ރައީސް ޔާމީނަށް ބޭފުޅުން ތާއީދު ނުކުރައްވާތީވެ، އެ ބޭފުޅާގެ އަމިއްލަ ޕާޓީން ވެސް އެކަން ނުވާތީވެ. ދެން އަޅުގަނޑު ވަރަށް ދެރަވާ މައްސަލައެއް މިއީ، އަޅުގަނޑުގެ ކުށެއް ނޫން،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ރައިސް ޔާމީނަށް ތާއިދު އޮތްވަރު އެނގިގެންދާނީ ރިޔާސީ އިންތިހާބުން ކަމަށެވެ. އެ އިންތިހާބުގައި ވާދަ ކުރުމުގެ ފުރުސަތު އަދި ނެތް ކަމުގައިވިޔަސް އުންމީދު ކުރައްވަނީ ފަހު ވަގުތު ނަމަވެސް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރެވޭނެ ފުރުސަތު ލިބިގެންދާނެ ކަމަށް ކަމަށެވެ.

އެ ފުރުސަތު ލިބިއްޖެ ނަމަ އަދި ރައިސް ޔާމީނަށް ނަޝީދު އާއި ވާދަ ކުރައްވަން ކެރިވަޑައިގެންނަވައި ނަމަ ވަރަށް ސާދާކޮށް ބަލި ކުރައްވާނެ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ސިޔާސީ މައިދާނުގައި ކުރިޔަށް ދާންޖެހޭނީ ވާދަ ކޮށްގެން ކަމަށެވެ. އެކަމަކު ރިޔާސީ އިންތިހާބުގައި އެމަނިކުފާނާއި ވާދަ ކުރަން ރައިސް ޔާމީން ދެކޮޅު ހައްދަވައި ގާނޫނީ ހުއްޖަތު ދައްކައިފިނަމަ އެއީ ލަދުވެތި ކަމެއް ކަމަށެވެ.

ރައީސް ނަޝިދު ވިދާޅުވީ 2008 ގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވުމުގެ ފުރުސަތު ލިބުނީ ފަހު ވަގުތުގައި ކަމަށެވެ. ހަމަ އެގޮތަށް މިފަހަރުވެސް އެމަނިކުފާނަށް ވާދަ ނުކުރެވޭގޮތް ހަދައިފިނަމަ ބައިނަލް އަގުވާމީ ފަރާތްތަކުން އެފުރުސަތު ފަހިކޮށްދިނުމަށް މަސައްކަތް ކޮށްދޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

ރައީސް ނަޝީދު ވަނީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ އެމްޑީޕީގެ ޓިކެޓު ހޯދަން ޕްރައިމަރީގައި ވާދަ ކުރައްވާނެކަމަށް ވިދާޅުވެފައި އެވެ. އަދި ވާދަ ކުރުމުގެ ފުރުސަތު ނުލިބިެއްޖެނަމަ އެމްޑީޕީން ތާއީދު ކުރާނީ އިދިކޮޅު އެއް ކެންޑިޑޭޓެއް ނެރުމަށް ކަމަށް ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް