ހެކިބަސްދޭ މީހުން ހިމާޔަތް ކުރުމާއި ގުޅޭ ބިލެއް މަޖިލީހަށް ހުށަހަޅައިފި

ޖިނާއީ މައްސަލަތަކުގައި ހެކި ބަސްދޭ މީހުން ރައްކާތެރި ކުރުމާއި ހިމާޔަތް ކޮށްދިނުމާއި ގުޅޭ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ. މި ބިލު މަޖިލީހަށް ހުށަހެޅީ ފުވައްމުލަކު އުތުރު ދާއިރާގެ މެނ...

09 Feb 2017 | 06:52

ޖިނާއީ މައްސަލަތަކުގައި ހެކި ބަސްދޭ މީހުން ރައްކާތެރި ކުރުމާއި ހިމާޔަތް ކޮށްދިނުމާއި ގުޅޭ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

މި ބިލު މަޖިލީހަށް ހުށަހެޅީ ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު އަލީ ޝާހު އެވެ.

މި ބިލުގައި ބުނެފައިވަނީ ހެކިބަސްދޭ މީހާއަށް ހިމާޔަތް ދޭން ޖެހޭނަމަ ކޯޓާއި ފުލުހުން މެދުވެރިކޮށް އެކަން ކުރުމަށް އެދޭނީ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ކަމަށެވެ. އެގޮތަށް ހިމާޔަތް ދިނުމުގައި އެމީހާގެ އިތުރުން އޭނާގެ މުދަލަށާއި ހެކިބަސް ދޭ މީހާއަކީ 18 އަހަރު ނުފުރޭ ކުޑަކުއްޖެއް ނަމަ އެ ކުއްޖާގެ ބެލެނިވެރިންނަށް ދޭން އެދެވޭނެ ކަމަށެވެ.

މި ބިލުގައިވާގޮތުން ހެކިބަސް ނަގާނީ ކޯޓު އަމުރެއްގެ ދަށުން ހެކިބަސް ދޭމީހާ ކޯޓަށް ހާޒިރުކޮށް އަނގަ ބަހުން ނެވެ. އެކަމަކު ކުޑަކުއްޖެއް ނަމަ ހެކި ބަސް ނަގާނީ ލިޔުމުން ކަމަށް ބުނެފައިވެ އެވެ.

ހެކި ބަސް ދޭ މީހުންގެ ގައިގަ ހުންނަންޖެހޭނެ ކަމަށް ކަނޑައަޅާ ބަޔާންކޮށްފައިވާ ޝަރުތުތަކަކީ  ހެކިބަސް ދެނީ ތެދު ހަގީގަތަކަށް ދެނެގަތުމުގެ ގާބިލްކަން ހުރުމާއި ބާލިޣުވެފައިވާ މީހަކު ކަމުގައިވުން، ބުއްދި ސަލާމަތުން ހުރި މީހަކު ކަމުގައިވުން، ދޮގު ހެކި ދިނުމުގެ އަމަލެއް ސާބިތުނުވާ މީހުން އަދި އަމިއްލަ އިހްތިޔާރުގައި ހެކިބަސް ދޭ މީހަކަށްވުމާއި  ދީނުގެ އަސްލެއް ކަނޑައަޅާފައިވާ ކަންކަމުގައި މުސްލިމަކަށް ވުމެވެ.

މި ބިލު ހުށަހެޅީ އިންސާފުން ޝަރީއަތް ކުރެވުމުގެ ހައްގަކީ ގާނޫނުއަސާސީގެ 42 ވަނަ މާއްދާ އިން ކަށަވަރު ކޮށްދީފައިވާ އަސާސީ ހައްގަކަށްވާތީ އެ ހައްގު އެގޮތުގައި ކަށަވަރު ކޮށްދިނުމަށް ބޭނުންވާ އަސާސީ އެއް އުސޫލުކަމުގައިވާ ހެކީގެ އުސޫލު ތަފްސީލްކޮށް ބަޔާންކޮށް ދިނުން ކަމަށް ބުނެފައިވެ އެވެ.

ހެއްކާ ބެހޭ ބިލެއް މީގެ ކުރިންވެސް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އެވެ. ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ހުށަހެޅުއްވި އެ ބިލު މަޖިލިސް ދައުރު ހަމަވުމާއެކު ވަނީ ބާތިލްވެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް