އާމަންހަޖަށް ތައްޔާރު ކުރި ރިޕޯޓު ފޯމް ސްކޫލްތަކަށް ބަހަން ފަށައިފި

މި އަހަރު އަލަށް ތަންފީޒުކުރަން ފެށި އާ މަންހަޖުގެ ދަށުން ގްރޭޑް 1-3ގެ ދަރިވަރުންނަށް އާ ރިޕޯޓު ފޯމެއް ތައާރަފްކޮށް ސްކޫލްތަކަށް ބަހަން ފަށައިފި އެވެ. އެޑިއުކޭޝަން މިނިސްޓްރީން ބުނީ އާ މަންހަޖުގެ ދަށު...

09 Feb 2015 | 06:56

މި އަހަރު އަލަށް ތަންފީޒުކުރަން ފެށި އާ މަންހަޖުގެ ދަށުން ގްރޭޑް 1-3ގެ ދަރިވަރުންނަށް އާ ރިޕޯޓު ފޯމެއް ތައާރަފްކޮށް ސްކޫލްތަކަށް ބަހަން ފަށައިފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ އާ މަންހަޖުގެ ދަށުން ތައާރަފްކުރި އާ ރިޕޯޓު ފޯމް މިހާރު ސްކޫލްތަކަށް ފޮނުވަން ފަށާފައިވާ ކަމަށާއި އެ ފޯމް ކޮންމެ އަހަރަކު ދެ ފަހަރު ކުދިންނަށް ދޫކުރާނެ ކަމަށެވެ.

ކުރީގެ ރިޕޯޓު ފޯމާ ހިލާފަށް އާ ފޯމުގައި ދަރިވަރުންނަށް މާއްދާތަކުން ލިބޭ މާކްސް ނުވަތަ ގްރޭޑެއް ފެންނާކަށް ނުހުރެ އެވެ. އޭގެ ބަދަލުގައި ހުންނާނީ ގައުމީ މަންހަޖުގެ ދަށުން ގްރޭޑް 1-3ގެ ދަރިވަރުންގެ ފެންވަރު ބަލައި ވަޒަންކޮށް، ހާސިލް ވާން ޖެހޭ މިންވަރު ކަނޑައަޅާފަ އެވެ.

މިނިސްޓްރީން ބުނީ ކޮންމެ މާއްދާއަކުން ދަރިވަރުންނަށް ހާސިލްވި މިންވަރާއި ޓީޗަރުންގެ އިރުޝާދާއި ކުރިއަށް އޮތް ތަނުގައި ދަރިވަރުން ކުރަން ޖެހޭ ކަންތައްތަކާއި ރަނގަޅު ކުރަންވީ ކަންތައްތައް، ދަރިވަރުންގެ ފެންވަރު ބަލައި ވަޒަންކުރަން ކަނޑައަޅާފައިވާ އުސޫލުގެ ދަށުން، ފޯމުގައި ލިޔާޏެ ކަމަށެވެ.

އާ މަންހަޖުގެ ދަށުން އެންމެ ބޮޑު ސަމާލުކަމެއް ދީފައިވަނީ ކްލާހުގެ މާހައުލުގައި ދަރިވަރުންނަށް އުނގަންނައި ދިނުމަށެވެ. އަދި ދަރިވަރުންގެ ބައިވެރިވުން ވީހާ ވެސް ބޮޑުކޮށް، ޓެކްސްޓް ފޮތަށް ބަރޯސާ ނުވާން އިސްކަމެއް ދީފައިވެ އެވެ. މީގެ ދަށުން ދަރިވަރުންގެ ފެންވަރު ބަލާނީ، އިމްތިހާނު ދިނުމުގެ ބަދަލުގައި އެ ކުދިންނަށް ކްލާސް ތެރޭން ހަވާލުކުރާ މަސައްކަތްތަކުން ނުވަތަ ޕޯޓްފޯލިއޯތަކުންނެވެ.

މިއަހަރު އާ މަންހަޖު ތަންފީޒު ކުރަމުންދަނީ ޕްރީ ސްކޫލުން ފެށިގެން ގްރޭޑް ތިނަކަށެވެ. އެޑިއުކޭޝަނުން ބުނީ މިއަހަރު އާ ރިޕޯޓު ފޯމް ބޭނުންކުރާނީ ގްރޭޑް 1-3 ގެ ދަރިވަރުން ކަމަށާއި އަންނަ އަހަރު ގްރޭޑް ހަތަރަކަށް އާ ރިޕޯޓު ފޯމް ތައާރަފް ކުރާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް