ހުޅުމާލޭ ކޯޓުގެ ބެންޗުގެ ސަހައްކަމާ މެދު ސުވާލު އުފައްދައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ހައިކޯޓަށް ހުށަހެޅުއްވި މައްސަލަ ނުބެލޭނެ ކަމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ހައިކޯޓުން މިއަދު ކުރި ހުކުމްގައި ވަނީ ރައީސް ނަޝީދު އެ މައްސަލަ ހުށަހަޅުއްވާފައި ވަނީ ސުޕްރީމް ކޯޓުން ނެރެފައިވާ ބެލެނިވެރިކަމުގެ އިހްތިސޯސްގެ ގަވާއިދުގެ ދަށުން ކަމުގައިވާ އިރު، އެ މައްސަލައަކީ އެ ގަވާއިދުގެ ދަށުން ހައިކޯޓަށް ބެލެނޭ މައްސަލައެއް ނޫންކަމަށެވެ.
ނަޝީދު ފަރާތްޕުޅުން ހައިކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި ބުނެފައިވަނީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ބަންދުކުރުމާ ގުޅިގެން ނަޝީދުގެ މައްޗަށް ހުޅުމާލޭ ކޯޓުގައި ކުރިއަށް ގެންދާ މައްސަލަ ބަލާ ބެންޗާ މެދު، އެ މަނިކުފާނުގެ ފަރާތުން ސުވާލު އުފެއްދީ އެ ބެންޗު ކަނޑައެޅީ ޖޭއެސްސީން ކަމަށް ވާތީ ކަމަށެވެ. ކޯޓުތަކުގެ ގާނޫނު ބުނާ ގޮތުން މައްސަލައެއް ބަލާނެ ފަނޑިޔާރުންނާއި ފަނޑިޔާރުންގެ އަދަދު ކަނޑައަޅާނީ އެ ކޯޓުގެ އިސް ގާޒީ އެވެ. ނަޝީދު ހައި ކޯޓުގައި އެދިވަޑައިގެންފައި ވަނީ، އެއީ ގާނޫނާ ހިލާފަށް ކަނޑައަޅާފައިވާ ބެންޗެއް ކަމުގައި ކަނޑައަޅައި ދިނުމަށެވެ.
އެހެން ނަމަވެސް، ޖޭއެސްސީން ހައި ކޯޓުގައި ބުނެފައި ވަނީ އެ ގޮތަށް ބެންޗު ކަނޑައެޅީ ސުޕްރީމް ކޯޓުގެ ލަފާގެ މަތިން ކަމަށެވެ. ސުޕްރީމް ކޯޓުން ދިން ލަފައަކާ ގުޅިގެން ކޮށްފައިވާ ކަމެއްގެ މައްސަލަ ހައި ކޯޓަށް ނުބެލޭނެ ކަމަށް ބުނެ އެ ކޮމިޝަނުން ވަނީ އިޖުރާއީ ނުކުތާއެއް ނަގާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް