ހިޖުރަ ކުންފުނީގެ ހަވާލުގައި އުމްރާއަށްގޮސް ހާލުގައި ޖެހުނު ދިވެހި އުމްރާވެރިން ހޮނިހިރު ދުވަހު ހެނދުނު ރާއްޖެ ގެނެވޭނެކަން އިސްލާމިކް މިނިސްޓްރީން ހާމަކޮށްފިއެވެ.
މިކަން ހާމަކުރައްވަމުން އިސްލާމީ ކަންތައްތަކާއިބެހޭ ވުޒާރާގެ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ އެ ވުޒާރާގެ އިރުޝާދުގެ ދަށުން ހައްޖު ކޯޕަރޭޝަންގެ އުމްރާވެރިން ތިބި ހޮޓަލަށް އެ އުމްރާވެރިން މިހާރު ބަދަލުކޮށްފައިވާކަމަށާއި ހޮނިހިރު ދުވަހު ހެނދުނު 08:10 ގައި ޤަތަރު އެއާވޭސް އިން އެ ފަރާތްތައް ރާއްޖެ ގެނެވޭނެކަމަށެވެ.
ހިޖުރަ ކުންފުނީގެ ހަވާލުގައި އުމްރާއަށް ދިޔަ 24 މީހަކު ހާލުގައި ޖެހިފައިވާއިރު އެ 24 އުމްރާވެރިންގެ ތެރޭގައި ކުޑަކުދިންވެސް ހިމެނެއެވެ.
މި މައްސަލައިގާ ހިޖުރަ ކުންފުންޏަށް ދޫކޮށްފައިވާ ހުއްދަ ބާތިލުކޮށް 1 ލައްކަ ރުފިޔާއިން ޖޫރިމަނާކޮށް އަދި އެ ކުންފުނީގެ އެއްވެސް ހިއްސާދާރެއް ހިމެނޭ އެހެން ކުންފުންޏަކަށްވެސް ހުއްދަ ނުދޭން އިސްލާމީ ކަންތައްތަކާއިބެހޭ ވުޒާރާއިން މިއަދު ނިންމާފައިވެއެވެ.
އަދި އެ އުމްރާވެރިން ރާއްޖެ ގެނައުމަށް ދިޔަ ހަރަދު އެ ކުންފުނިން ހޯދުމާއި އެ ކުންފުންޏާއިމެދު ގާނޫނީ ފިޔަވަޅު އެޅުމަށް ފުލުހުންނަށް ހުށަހެޅުމަށްވެސް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން މިއަދު ނިންމާފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް