ގައިދީން ތިބެނީ ކައިގެން، މާފުށިި ޖަލުގައި ބަނޑުހައި ހޫނުކަމުގެ ހަޅުތާލެއް ނުހިނގާ: ކަރެކްޝަން

މާފުށި ޖަލުގައި ބަނޑުހައި ހޫނުކަމުގެ ހަޅުތާލެއް ހިނގާފައި ނުވާ ކަމަށް ކަރެކްޝަން ސާވިސްއިން ބުނެފިއެވެ. ކަރެކްޝަން އިން ބުނީ ގައިދީން ތިބެނީ ކައިގެން ކަމަށާއި، މާފުށީ ޖަލުގައި ބަނޑުހައިހޫނު ކަމުގެ ހަޅ...

09 Jan 2025 | 11:07

މާފުށި ޖަލުގައި ބަނޑުހައި ހޫނުކަމުގެ ހަޅުތާލެއް ހިނގާފައި ނުވާ ކަމަށް ކަރެކްޝަން ސާވިސްއިން ބުނެފިއެވެ.

ކަރެކްޝަން އިން ބުނީ ގައިދީން ތިބެނީ ކައިގެން ކަމަށާއި، މާފުށީ ޖަލުގައި ބަނޑުހައިހޫނު ކަމުގެ ހަޅުތާލެއް ނުހިނގާ ކަމަށެވެ. އަދި ޖަލުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި މަސައްކަތްތައް ހަރުދަނާކުރުމުގެ ގޮތުން ބައެއް އުސޫލުތަކަށް ބަދަލުގެނެވުނު ނަމަވެސް އެ ސާރވިސްގެ ބެލުމުގެ ދަށުގައިވާ ގައިދީންނާއި ބަންދުގައިވާ މީހުންނަށް ލިބެންޖެހޭ އެއްވެސް އަސާސީ އިނާޔަތެއް،ޚިދުމަތެއް އުނިކޮށްފައި ނުވާނެ ކަމަށް ކަރެކްޝަންއިން އެކްސްގައި ކުރި ޕޯސްޓުގައި ބުނެފައި ވެއެވެ.

ސޯސަލް މީޑިއާގައި މާފުށި ޖަލުގެ ބައެއް ޔުނިޓްތަކުގައި ތިބި ގައިދީން ނުކައި، ބަނޑުހައި ހޫނުކަމުގެ ހަޅުތާލެއް ހިންގާތާ ތިން ދުވަސް ވެފައިވާ ކަމަށާއި، ނުކައި ހުރުމުގެ ސަބަބުން ބައެއް ގައިދީންގެ ހާލު ދެރަވެ ހޮސްޕިޓަލުގައި ފަރުވާ ދިން ކަމަށް ބުނެ ވާހަކަތަކެއް ވަނީ ފެންމަތިވެފައެވެ.

އެގޮތުން ކަރެކްޝަން އިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ގައިދީންނަށް ކަރެކްޝަން އިން ދޭ ކާބޯތަކެތި ބައެއް މީހުން ނުނެގި  ނަމަވެސް ކާބޯތަކެއްޗާއި އެނޫންވެސް ޒަރޫރީ ބޭނުންތަކަށް ބޭނުންކުރާ ތަކެތި ޖަލުގައިދީންނަށް ވިޔަފާރި އުސޫލުން ވިއްކާ ކަމަށާއި، އެ ވިއްކާ ފަރާތްތަކުގެ އަތުން ކާބޯތަކެތި ގަނެގެން ގައިދީން އެ ތަކެތި ކައި ކަމަށް ކަރެކްޝަންއިން ބުނެފައިވެއެވެ.

އަދި އެއްވެސް ކަމަކާއި ގުޅިގެން އެއްވެސް ގައިދީއެއްގެ ސިއްހީ ހާލަތު ގޯސްވެ ހޮސްޕިޓަލުގައި އެޑްމިޓްކޮށް ވަކި ހާއްސަ ފަރުވާއެއް ދެވިފައި ނުވާ ކަމަށް ކަރެކްޝަންއިން ވަނީ ބުނެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް