އުމްރާގެ އަޅުކަމަށް ދިވެހިންތަކެއް ގެންގޮސް މަގުމަތިކޮށްލާފައިވާ މައްސަލައިގާ އެ ގްރޫޕުގެ ވެރިންނާއިމެދު ފިޔަވަޅު އަޅާނެކަން އިސްލާމީ ކަންތައްތަކާއިބެހޭ ވުޒާރާގެ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ޝަހީމް ވިދާޅުވެފައިވަނީވަނީ އުމްރާވެރިންނާއިމެދު އިހުމާލުވި ހިޖުރަ ގްރޫޕްގެ ވެރިންގެ މައްސަލަ ތަހުގީގުކޮށް ފިޔަވަޅު އަޅާނެކަމަށެވެ.
އެ ގްރޫޕްގެ ހަވާލުގައި 24 އުމްރާވެރިއަކު މައްކާއަށް ގެންގޮސް ވަނީ މަގުމަތިކޮށްލާފައެވެ. އެ 24 އުމްރާވެރިންގެ ތެރޭގައި ކުޑަކުދިންވެސް ހިމެނެއެވެ.
އެ އުމްރާވެރިންގެ ކަންކަމާއި ހަވާލުވެ އެ އުމްރާވެރިން ރާއްޖެ ގެނައުމުގެ މަސައްކަތް ހައްޖު ކޯޕަރޭޝަނުން މިހާރުވަނީ ފަށާފައެވެ.
ތާށިވެފައިވަނީ އަލްހިޖްރަ ޓްރެވަލްސް އެންޑް ޓުއާރސްގެ ހަވާލުގައި އުމްރާއަށް ދިޔަ 24 އުމްރާވެރިންނެވެ.
މިކަމާއި ގުޅޭގޮތުން އެ އުމްރާ ގްރޫޕުން މިރޭ ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ އެ ކުންފުނިން ޑިސެމްބަރު 2024 އިން ފެށިގެން މިހާރު ކުރަމުންދާ އުމްރާގެ ދަތުރުގައި އުމްރާގެ އަޅުކަން ނިމިފައިވީނަމަވެސް ކުންފުންޏަށް ދިމާވެފައިވާ މާލީ ދަތިތަކާހުރެ 24 އުމްރާވެރިން ރާއްޖެ ގެނައުމަށްވަނީ ދަތިވެފައިކަމަށެވެ.
އުމްރާވެރިން ގެނައުމަށް ކުންފުނިން މިވަގުތުވެސް މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެހެންނަމަވެސް އަދި ކުރިމަގެއް ފެނިފައިނުވާކަމަށްވެސް ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް