ބޮޑުވިއްސާރަ: ހަމައެކަނި ގެތަކަށް ލިބުނު ގެއްލުމުގެ އަދަދު 3 މިލިޔަނަށް އަރާ

ބޮޑު ވިއްސާރަ: ވިޔަފާރިތަކާ ދަނޑު ބިންތައް ނުލާ މާލެ އަދި ރަށްރަށުގެ ގެތަކަށް ލިބުނު ގެއްލުން 3 މިލިޔަނަށް އަރާ މި އަހަރުގެ ފުރަތަމަ ހަފްތާގައި ރާއްޖެއަށް ކުރި ބޮޑު ވިއްސާރައިގާ ރާއްޖޭގެ ގެތަކަށް ލިބު...

09 Jan 2025 | 05:31

ބޮޑު ވިއްސާރަ: ވިޔަފާރިތަކާ ދަނޑު ބިންތައް ނުލާ މާލެ އަދި ރަށްރަށުގެ ގެތަކަށް ލިބުނު ގެއްލުން 3 މިލިޔަނަށް އަރާ

މި އަހަރުގެ ފުރަތަމަ ހަފްތާގައި ރާއްޖެއަށް ކުރި ބޮޑު ވިއްސާރައިގާ ރާއްޖޭގެ ގެތަކަށް ލިބުނު ގެއްލުމުގެ އަދަދު 3 މިލިޔަނަށް އަރާކަމުގައި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.

އެންޑީއެމްއޭއިން މިކަން ހާމަކޮށްފައިވަނީ އެ އޮތޯރިޓީން ހަދައި އާންމުކުރި އެސެސްމަންޓް ރިޕޯޓުގައެވެ.

އެ ރިޕޯޓްގައި ބުނެފައިވާގޮތުގައި ފެންބޮޑުވުމުގެ ހާދިސާގައި މާލޭގެ ގެތަކަށް ލިބުނު ގެއްލުމުގެ ޖުމްލަ 2.2 މިލިޔަން ރުފިޔާއަށް އަރައެވެ. ރަށްރަށުގެ މީހުން ދިރިއުޅޭ ގެތަކަށް ލިބުނު ގެއްލުން 8 ލައްކައަށް އަރައެވެ.

މި އަދަދުތަކަކީ މާލޭގައި ނަމަ އެކި ވިޔަފާރިތަކާއި ގުދަންތައް އަދި އެފަދަ އެހެން ތަންތަން ނުހިމެނޭހެން އަދި ރަށްރަށުގައިނަމަ ދަނޑުބިންތަކާއި އެކިއެކި ވިޔަފާރިތަކާއި ގުދަންތައް އަދި އެފަދަ އެހެންތަންތަން ނުހިމެނޭހެން ލިބުނު ގެއްލުމުގެ އަދަދުކަމުގައި އެންޑީއެމްއޭއިން ފާހަގަކޮށްފައިވެއެވެ.

އެންޑީއެމްއޭގެ ރިޕޯޓްގައި ފާހަގަކޮށްފައިވާ ބައެއް އެހެން އަދަދުތަކަށް ބަލައިލާއިރު ފެންބޮޑުވުމުގެ ހާދިސާއަށް އިޖާބަދިނުމުގެ ގޮތުން 20 ހާސް ގޯނި ވެލި ސިޓީ މާލޭ ސިޓީ ކައުންސިލަށް އެންޑީއެމްއޭއިން ފޯރުކޮށްދިނެވެ.

03 ޖަނަވަރީ ވަނަ ދުވަހުގެ ރޭ ކައްކައި ކައިބޮއި ހެދުމަށާއި ނިދުމަށް އަދި ޒަރޫރީބޭނުންތަކަށް ހުރަސް އެޅިގެން 53 ގެއަކުން ރިޕޯޓްކޮށްފައިވާއިރު ރެޕިޑް އެސެސްމަންޓް ހަދައި އާންމު ދިރިއުޅުމަށް ދަތިވި 27 ގޭބިސީއަކުން 226 މީހަކަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއުންބުއިން ދެ ދުވަހުގެ މުއްދަތަށް ފޯރޮށްދިންކަމަށް ބުނެފައިވެއެވެ.

ހިފާގެންގުޅޭ ތަކެއްޗާއި އިމާރާތަށް އެކިވަރުގެ ގެއްލުން ލިބިގެން ޑެމޭޖް އެސެސްމަންޓް ހަދަންޖެހޭކަމަށް މާލެއިން 145 ގެއެއް ފާހަގަކުރެވުނު އިރު އޭގެ ތެރެއިން 115 ގެއެއްގެ އެސެސްމަންޓް ހަދާ ނިމިފައިވާކަން ފާހަގަކޮށްފައިވެއެވެ.

ރަށްރަށުން އުދަ އަރައިގެން ދެ ރަށަކުން ބޯކޮށް ވާރޭވެހުމުގެ ސަބަބުން 08 ރަށަކުން ރިޕޯޓްކުރިއިރު އޭގެ ތެރެއިން 4 ރަށެއްގެ 73 ގެއަކަށް އެކިވަރުގެ ގެއްލުންލިބި އެސެސްމަންޓް ފޯމު ހުށަހަޅާފައިވާކަންވެސް ފާހަގަކޮށްފައިވެއެވެ.

03 ޖަނަވަރީ 00:00 އިން 4 ޖަނަވަރީ 00:00 އަށް މާލެއަށް 161.9 މިލިމީޓަރުގެ ވާރޭ ވެހިފައިވާއިރު މިއީ 24 ގަޑިއިރުގެ ތެރޭގައި މާލެއަށް މިހާ ބޯކޮށް ވާރޭވެހުމުގެ ރެކޯޑެއްކަން މެޓުން ފާހަގަކޮށްފައިވެއެވެ.

މާލެ އަދި ރަށްރަށުގައި ފެންބޮޑުވުމުން ފެށި އޮޕަރޭޝަން ހިންގުމަށް 61500 ރުފިޔާ ޚަރަދުވެފައިވާކަމަށް އެންޑީއެމްއޭއިން ބުނެފައިވެއެވެ. އަދި ރިލީފްގެ ގޮތުގައި ހާލުގައި ޖެހުނު ފަރާތްތަކަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއުން ބުއިމަށް 2 ލައްކަ ރުފިޔާގެ އެހީތެރިކަން ފޯރުކޮށްދެވުނުކަންވެސް ފާހަގަކޮށްފައިވެއެވެ.

އެންޑީއެމްއޭއިން ބުނެފައިވަނީ މިއީ މާލޭގައި ބޯކޮށް ވާރޭވެހިގެން މިހާތަނަށް ހިންގުނު އެންމެ ބޮޑު އޮޕަރޭޝަން ކަމަށާއި އަދި އެންމެ ބޮޑަށް ގެއްލުންވެ، އެންމެ ގިނަ މީހުން ރައްކާތެރި ތަންތަނަށްވެސް ބަދަލުކުރަން ޖެހުނު ފަހަރު ކަމަށެވެ.

މި ހާދިސާގައި މާލެއާއި އަތޮޅުތަކުން ގެއްލުން ލިބުނު ގެތަކަށް "ކާރިސާތަކުގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމާއި، ކާރިސާތަކުން ލިބޭ ގެއްލުންތަކަށް އެހީދިނުމުގެ ގަވާއިދު"ގެ ދަށުން އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން އަންނަކަމަށްވެސް އެންޑީއެމްއޭއިން ފާހަގަކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް