އިންޑިއާގެ ހުޅަނގުގެ ސްޓޭޓެއް ކަމަށްވާ ގުޖުރާތުގައި 2002 ވަނަ އަހަރު މުސްލިމުންނާ ދެކޮޅަށް ހިންގި ހަމަނުޖެހުންތަކުގައި ބިލްކިސް ބާނޯ ގޭންގް ރޭޕްކޮށް އޭނާގެ ގާތްތިމާގެ މީހުން މަރާލި މައްސަލާގައި އުމުރަށް ޖަލަށްލާފައިވާ ހިންދޫ 11 ފިރިހެނަކަށް ދިން މައާފު އިންޑިއާގެ ސުޕްރީމް ކޯޓުން ބާތިލްކޮށްފިއެވެ.
އެ 11 މީހުން ދެ ހަފުތާގެ ތެރޭގައި ގުޖުރާތުގެ ޖަލު އޮފިޝަލުންނާ ހަވާލުވުމަށް ސުޕްރީމް ކޯޓުން އިއްޔެ ވަނީ އަމުރުކޮށްފައެވެ.
"އެ މީހުންގެ މިނިވަންކަން ހިމާޔަތް ކޮށްދިނުމަށް އެދި އެ މީހުން ހުށަހެޅި މައްސަލަ ބަލައެއް ނުގަނެވޭ. އެމީހުން މިނިވަން ކަމާއެކު ދޫކޮށްލާފައި ބޭތިއްބުމަކީ ގާނޫނީ ހަމަތަކާ އެއްގޮތަށް ކުރެވޭނެ ކަމެއް ނޫން." ކޯޓުން ބުންޏެވެ.
މިހާރު އުމުރުން 40 އަހަރުގެ ބާނޯ، ގޭންގް ރޭޕް ކުރި އިރު އޭނާގެ ބަނޑަށް ފަސް މަހެވެ. އިންޑިއާގައި މިހާތަނަށް ކުރިމަތިވި އެންމެ ނުރައްކާތެރި ދީނީ ހަމަނުޖެހުންތަކުގައި ގާތްގަނޑަކަށް 2،000 މީހުން މަރުވި އިރު، އޭގެ ތެރޭގައި ގިނައީ މުސްލިމުންނެވެ.
އެއް ހާދިސާގައި މަރާލި 14 މީހުންގެ ތެރެއިން ހަތް މީހުންނަކީ ބާނޯގެ ގާތް ތިމާގެ މީހުންނަށް ވާއިރު، އޭގެ ތެރޭގައި އޭނާގެ ތިން އަހަރުގެ އަންހެން ދަރިފުޅު ވެސް ހިމެނެއެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އޭރު ގުޖުރާތުގެ ޗީފް މިނިސްޓަރަކަށް ހުންނެވިއިރު، އެ ސްޓޭޓުގައި އަދިވެސް ވެރިކަން ކުރަނީ އޭނާގެ ހިންދޫ ނޭޝަނަލިސްޓް ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) އެވެ.
2002 ވަނަ އަހަރު ހިނގި ހަމަނުޖެހުންތަކުގެ ސަބަބުން އެތައް ހަފުތާއެއް ވަންދެން ލޭ އޮހޮރުވުމުގެ ހަމަނުޖެހުންތައް ހިންގުމަށް ހުއްދަ ދިނުމަށް ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް އަމުރުކުރި ކަމަށް މޯދީއަށް ވަނީ ތުހުމަތުތައް ކޮށްފައެވެ. ނަމަވެސް ސުޕްރީމް ކޯޓުން ވަނީ އޭނާގެ މައްޗަށް ދައުވާ ކުރެވޭނެ އެއްވެސް ހެއްކެއް ފެނިފައި ނުވާ ކަމަށް ބުނެފައެވެ.
"އަހަރެމެންގެ ޒަހަމްތައް އަދިވެސް ތާޒާ"
2008 ވަނަ އަހަރުގެ ކުރީކޮޅު ކުށް ސާބިތުވި މި 11 މީހުން މިނިވަން ކުރުމަށް ގުޖުރާތު ސަރުކާރުން އަމުރުކުރީ 2022 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ.
އޭރު ވައިރަލްވި ވީޑިއޯއަކުން ފެންނަ ގޮތުގައި އެ މީހުންގެ ގާތް ތިމާގެ މީހުންނާއި ސަޕޯޓަރުން އެމީހުންނަށް މަރުހަބާ ކިޔަނީ މާފަތިންނާއި ފޮނި ކާއެއްޗެހިންނެވެ.
ހާއްސަކޮށް އިންޑިއާގެ މިނިވަން ދުވަހުގެ މުނާސަބަތާ ދިމާކޮށް، އަންހެނުންގެ ސަލާމަތާއި ރައްކާތެރިކަމާ ބެހޭ ގޮތުން މޯދީ ވާހަކަ ދެއްކެވިއިރު، އެ މީހުން ދޫކޮށްލުމުން ގިނަ ބަޔަކު ވަނީ އެކަން ކުށްވެރިކޮށްފައެވެ.
ބާނޯގެ ބޮޑުބޭބެ އަދި އޭނާގެ މައްސަލައިގެ ހެކިވެރިއެއް ކަމަށްވާ އަބްދުއްރައްޒާގު މަންސޫރީ ބުނީ ސުޕްރީމް ކޯޓުގެ ހުކުމަކީ ބާނޯއަށް އިންސާފު ހޯދައިދިނުމަށް އެޅި ފިޔަވަޅެއް ކަމަށެވެ.
"އަޅުގަނޑުމެން އުފާކުރަން ދެ ހަފުތާގެ ތެރޭގައި ދައުވާ ލިބޭ މީހުން އަނބުރާ ޖަލަށް ފޮނުވަން ކޯޓުން އެންގުމުން. ގުޖުރާތު ސަރުކާރުން އެ ކުށްވެރިން ދޫކޮށްލުމުން އަހަރެމެން ވަރަށް ހިތާމަކުރިން." އޭނާ ބުންޏެވެ.
"2002 ވަނަ އަހަރު ހިންގި ހަމަނުޖެހުންތަކުގެ ހަނދާންތައް ދުވަހަކުވެސް ހަނދާން ނައްތައެއް ނުލެވޭނެ. އަހަރެމެންގެ ޒަހަމްތައް އަދިވެސް ހުރީ ތާޒާކޮށް."
ގުޖުރާތުގެ މައި ސިޓީ އަހްމަދުއާބާދުގެ މައިނޯރިޓީ ރައިޓްސް އެކްޓިވިސްޓެއް ކަމަށްވާ ކަލީމް ސިއްދީގީ ތުހުމަތު ކުރާ ގޮތުގައި އެ 11 މީހުން ބީޖޭޕީ ގެ ސަރުކާރުން ދޫކޮށްލީ ސްޓޭޓް އިންތިހާބުގެ ކުރިން ސިޔާސީ މަންފާއެއް ހޯދުމަށެވެ.
"މުސްތަގުބަލުގައި ގުޖްރާތު ސަރުކާރުން އެމީހުން ހިމާޔަތް ކުރަން މަސައްކަތް ކޮށްގެން ނުވާނެ. ދައުވާ ލިބޭ މީހުންނަށް ލިބެންޖެހޭ އަދަބު ލިބެންޖެހޭނެ." މަންސޫރީ ބުންޏެވެ.
އިދިކޮޅު ކޮންގްރެސް ޕާޓީން ވަނީ ހޯމަ ދުވަހުގެ ހުކުމަށް މަރުހަބާ ކިޔައި، ބީޖޭޕީން އަންހެނުންނަށް އިހުމާލުވެފައިވާކަން ހާމަކޮށްފައެވެ.
މި ހުކުމާ ގުޅިގެން 11 މީހުންނާއި ގުޖުރާތު ސަރުކާރުގެ ފަރާތުން އަދި ޖަވާބެއް ބަހެއް ބުނެފައެއް ނުވެއެވެ.
އެ 11 މީހުންގެ އަދަބު ލުއިކުރުމުގެ ބާރު ގުޖުރާތަށް ލިބިގެން ނުވާ ކަމަށް ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ވެއެވެ.
"މިއީ އިންޑިއާގެ ޑިމޮކްރަސީ އޮންނަ މައިގަނޑު ތަނބުގެ ގޮތުގައި ގާނޫނުގެ ވެރިކަން ދަމަހައްޓާ ވަރަށް މުހިންމު ހުކުމެއް." ސުޕްރީމް ކޯޓުގައި ބާނޯގެ ފަރާތުން ވަކާލާތު ކުރެއްވި ވަކީލުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ވަރިންޑާ ގްރޯވާ ވިދާޅުވިއެވެ.
"ކޯޓުން ބުނަނީ ކޮންމެ މީހަކަށް ވިޔަސް ހުރިހާ ރައްޔިތުންގެ މައްޗަށް ވެސް ގާނޫނުގެ ވެރިކަން ހިނގާނެ ކަމަށް."
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް