ގާޒާގެ މެދުތެރޭގެ އަލްއަޤްޞާ ޝަހީދުސް ހޮސްޕިޓަލުން އެތައް ސަތޭކަ ބަލިމީހުންނާއި ސްޓާފުން ގެއްލިފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އާއި އދ އިން އިއްޔެ ރިޕޯޓްކޮށްފައިވާ ގޮތުގައި ގިނަ އަދަދެއްގެ މެޑިކަލް ސްޓާފުންގެ އިތުރުން ގާތްގަނޑަކަށް 600 އެއްހާ ބަލި މީހުން އެ ހޮސްޕިޓަލް ދޫކޮށް ދާން ވަނީ މަޖުބޫރުވެފައެވެ. އަދި އެމީހުން ވީތަނެއް އަދި ތިބީ ކޮން ހާލެއްގައި ކަމެއް ނޭނގޭކަމަށް ރިޕޯޓުގައިވެއެވެ.
ގާޒާގެ ބޮޑު ބައެއްގައި ވައިގެ މަގުންނާއި އެއްގަމާއި ކަނޑުގެ މަގުން އިޒްރޭލުގެ ވަރުގަދަ ބޮމުގެ ހަމަލާތައް އިތުރުވެފައި ވާއިރު، ޒަހަމްވި މީހުންނަށް ފަރުވާ ދިނުމަށް ހޮސްޕިޓަލުގެ ބާކީ ތިބި މުވައްޒަފުން ދަނީ މަސައްކަތް ކުރަމުންނެވެ.
ޑަބްލިއުއެޗްއޯ އާއި އދ.ގެ އޮފީސް ފޯ ދަ ކޯޑިނޭޝަން އޮފް ހިއުމެނިޓޭރިއަން އެފެއާޒް (އޯސީއެޗްއޭ) ގެ މުވައްޒަފުން އާދީއްތަ ދުވަހު ވަނީ ގާޒާގެ މެދުތެރޭގައި ހުންނަ ޑެއިރް އަލް ބަލާހްގެ ގަވަރުނަރޭޓްގައި ހުރި ހަމައެކަނި ހޮސްޕިޓަލަށް ޒިޔާރަތްކޮށްފައެވެ. އަދި ބޮމުގެ ހަމަލާތަކުގެ ސަބަބުން ގިނަ ބަޔަކަށް އަލްއަޤްޞާގައި ބޭސްފަރުވާ ބޭނުންވެފައިވާކަމަށް ވަނީ ފާހަގަކޮށްފައެވެ.
ގާޒާގެ ސިއްހަތާ ބެހޭ ވުޒާރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ޖެނުއަރީ މަހުގެ ފަސްވަނަ ދުވަހުން ފެށިގެން ހަތް ވަނަ ދުވަހުގެ ނިޔަލަށް އިޒްރޭލުން ދިން ހަމަލާތަކުގައި ފަލަސްތީނުގެ 225 މީހުން ޝަހީދުވެ 296 މީހުން ޒަޚަމްވެފައިވެއެވެ.
އޮފިޝަލުން ވިދާޅުވީ ޒަހަމްވި ގިނަ އަދަދެއްގެ މީހުންނަށް ފަރުވާ ދެމުން ދަނީ ހޮސްޕިޓަލުގެ ވަރަށް މަދު މުވައްޒަފުން ކަމަށާއި މެޑިކަލް ސެންޓަރުތަކަށް އިތުރު ރައްކާތެރިކަން ދިނުމަށް ގޮވާލާ ކަމަށެވެ.
އެ ހޮސްޕިޓަލުގެ ޑިރެކްޓަރު ވިދާޅުވީ، ހަމަނުޖެހުންތައް އިތުރުވެ، މީހުން ހުސްކުރުމުގެ އަމުރުތައް ކުރިއަށް ދާތީ، ގިނަ ހެލްތު ވޯކަރުންނާއި ގާތްގަނޑަކަށް 600 އެއްހާ ބަލި މީހުން ހޮސްޕިޓަލް ދޫކޮށް ނުދަންނަ ތަންތަނަށް ދާން މަޖުބޫރުވެފައިވާ ކަމަށެވެ.
ޑަބްލިއުއެޗްއޯގެ އޮފިޝަލް ޝޯން ކޭސީ ވިދާޅުވީ ކޮންމެ މިނެޓަކުން ބަލި މީހުން ހޮސްޕިޓަލަށް ގެންނަމުންދާ ކަމަށާއި އިވެކުއޭޝަން އޯޑަރުތަކާއި ނުރައްކާތެރި ހާލަތުގެ ސަބަބުން އެތައް ސަތޭކަ އިމަޖެންސީ ކޭސްތަކާއި މަރުވާ މީހުންގެ ކަންކަން ބަލަހައްޓަން ބާކީ ތިބީ އެންމެ ފަސް ޑޮކްޓަރުން ކަމަށެވެ.
"މި ހޮސްޕިޓަލް މިހާރު ހިންގަމުން ދަނީ ގާތްގަނޑަކަށް 30 ޕަސެންޓް ސްޓާފުންނާ އެކު. ބައެއް ހާލަތްތަކުގައި ކުޑަ އިމަޖެންސީ ޑިޕާޓްމަންޓަކުން ދުވާލެއްގެ މައްޗަށް އެތައް ސަތޭކަ ބަޔަކު މަރުވާތަން އެ މީހުންނަށް އެބަ ފެނޭ." ކޭސީ ވިދާޅުވިއެވެ.
ކޭސީ ވިދާޅުވީ ޑައިލިސިސް އާއި ޓްރޯމާ ކެއާ ބޭނުންވާ އެތައް ހާސް ޕޭޝަންޓުންނަށް އޭނާގެ ޓީމުން އާދީއްތަ ދުވަހު ބައެއް މެޑިކަލް ސާމާނާއި އެނދުތައް ހޮސްޕިޓަލަށް ފޯރުކޮށްދީފައިވާ ކަމަށެވެ.
ބައިނަލްއަގްވާމީ ޕްރެޝަރު ބޮޑުވި ނަމަވެސް އިޒްރޭލުން ދަނީ ގާޒާގެ ސިއްހީ މަރުކަޒުތަކަށާއި ގާޒާގައި މީހުން ދިރިއުޅޭ ސަރަހައްދުތަކަށް ހަމަލާތައް ދެމުންނެވެ.
ޑަބްލިއުއެޗްއޯއިން ބުނީ ގާޒާގެ އުތުރުގެ ހޮސްޕިޓަލްތަކުން އެއްވެސް ހިދުމަތެއް ދެވެން ނެތް ކަމަށެވެ.
އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ގާޒާއަށް ދިން ހަމަލާތަކުގައި މިހާތަނަށް 22،835 މީހުން ވަނީ ޝަހީދުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް