ސައުދީ ކުލަބް އަލް ނަޞްރުން ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ބެލްޖިއަމް މިޑްފީލްޑަރ އެޑެން ހަޒާޑު ގެނައުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.
ފުޓް މަކާޓޯއިން އާންމުކުރި ރިޕޯޓެއްގައި ބުނެފައިވާ ގޮތުން ރޮނާލްޑޯގެ ސޮއި ހޯދުމަށް ފަހު އަލް ނަޞްރުން މިހާރު މަސައްކަތް ކުރަމުން އަންނަނީ ޔޫރަޕްގެ ބައެއް މަޝްހޫރު ކުޅުންތެރިން ގެނައުމަށް ކަމަށެވެ. އެގޮތުން މިވަގުތު އެކުލަބުގެ އެންމެ އިސް ޓާގެޓަކީ ރެއާލް މެޑްރިޑްގެ މިޑްފީލްޑަރ އެޑެން ހަޒާޑް ގެނައުން ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.
ހަޒާޑްގެ އިތުރުން އެންގޯލޯ ކާންޓޭ އާއި ސާޖިއޯ ރާމޮސް ފަދަ ކުޅުންތެރިން ގެނައުމަށް ވެސް އަލް ނަޞްރުން ޝައުޤުވެރިކަން ފާޅުކޮށްފައިވާ ކަމަށް ވެސް ރިޕޯޓުކޮށްފައިވެއެވެ. އަލް ނަޞްރުން ހަޒާޑް ގެނައުމަށް މަސައްކަތް ކުރަމުން އަންނައިރު، ހަޒާޑް ރެއާލް މެޑްރިޑާއި އެކު ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2024 ވަނަ އަހަރުގެ ޖުލައިގެ ނިޔަލަށެވެ.
ރިޕޯޓުގައި ބުނެފައިވާ ގޮތުން އަލް ނަސްރުގެ ކޯޗު ރޫޑީ ގާސިއާ ވަނީ މި ހޫނު މޫސުމުގައި ހަޒާޑް ހޯދަން ބޭނުންވާކަން ހާމަކޮށްފައެވެ. އޭނާ އަކީ ހަޒާޑް އާއި ގާތް ގުޅުމެއް އޮން ކޯޗަކަށް ވުމުން ހަޒާޑް އަލް ނަޞްރާއި ގުޅިދާނެ ކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށް ވެސް މަކާޓޯއިން ބުނެއެވެ.
އަލް ނަޞްރުން ވަނީ ދާދި ފަހުން ޕޯޗުގަލް ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯގެ ސޮއި ހޯދާފައެވެ. ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ރޮނާލްޑޯ އަލް ނަޞްރަށް ސޮއިކުރީ 200 މިލިއަން ޔޫރޯއަށް ކަމަށް ރިޕޯޓުތައް ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް