އޭޑީއެޗްޑީ، އެޓެންޝަން ޑެފިޝިއެންސީ ހައިޕަރ އެކްޓިވް ޑިސްއޯޑަރ އަކީ ނިއުރޯޑިވެލޮޕްމެންޓް ޑިސްއޯރޑާރއެކެވެ.ސިކުނޑި ތަރައްގީވުމުގައި ކުރިމަތިވެފައިވާ ހުރަސްތަކެކެވެ.
ކަންކަމުގައި ސަމާލުކަންދިނުމަށާއި އެއްތަނެއްގައި އެއްގޮތަކަށް ގިނައިރު ހުރުމަށް އުނދަގޫވޭހެއްޔެވެ. ނުވަތަ ބައެއް ފަހަރު މާބޮޑަށް ހަރަކާތްތެރިވެވުމާއި އަނެއްބައި ވަގުތުތަކުގައި މާބޮޑަށް ވަރުބަލިވެ ކަމެއްކުރާ ހިތްނުވާގޮތްވާކަން ފާހަގަކުރެވޭނަމަ ފަހަރުގައި އެއީ އޭޑީއެޗްޑީގެ ސަބަބުން ދިމާވާ ކަންކަން ކަމުގައިވެދާނެއެވެ.
އޭޑީއެޗްޑީ ހުންނަމަ ދިރިއުޅުމުގެ އާއްމު ކަންކަން ކުރުމުގައި ދަތިތަކާއި ކުރިމަތިލާނެޖެހެއެވެ. އެގޮތުން ދަރިވަރެއްނަމަ ކިޔެވުމުގައި އުނދަގޫތަކާއި ކުރިމަތިވުމާއި ވަޒީފާއެއްގައި އުޅޭނަމަ މަސައްކަތުގެ ވަގުތު ސަމާލުކަންދޭން އުނދަގޫވުންފަދަ ކަންކަމާއި ކުރިމަތިލާންޖެހެއެވެ.
އެހެންކަމުން އޭޑީއެޗްޑީ އަކީ ނަފްސާނީ ގޮތުން ސިކުނޑިއަށް ކުރިމަތިވެފައިވާ ހާލަތެއް ކަމުގައި ދެނެގަނެވުމަކީ ދިރިއުޅުމުގެ ގިނަ ކަންކަން ދިމާވަނީ މިހެން ވެގެންކަން އެނގި ފުރިހަމަ ތައްޔާރީއާއެކު ކުރިމަތިލުމަށް މަގުފަހިކޮށްދޭނެ ކަމެއްކަމުގައިވާނެއެވެ.
ކުޑަކުދިންނާއި ބޮޑެތި މީހުންގެވެސް އޭޑީއެޗް ހުރެއެވެ. އެގޮތުން އޭޑީއެޗްޑީ އެޑީއެޗްޑީ ހުންނަކަމުގައިވާނަމަ ދިރިއުޅުމުން ފާހަގަވާނެ ކަންކަން:
- ސަމާލުކަންދިނުމުގައި ނުވަތަ ވަކި ކަމެއް ކުރުމަށް ގިނަ ވަގުތު ހޭދަކުރުމުގައި އުނދަގޫވުން
- ކުރަންޖެހޭ އާއްމު ކަންކަން ހަނދާންނެތުން
- ފަސޭހައިން އެހެން ކަންކަމަށް ވިސްނުން ދިއުން
- ގިނަވަގުތު އެއްގޮތަކަށް ހުރުމަށް އުނދަގޫވުން
- އެހެންމީހުންނާއެކު ވާހަކަދައްކާއިރު މެދުތެރެއިން ހުއްޓުވާ ވާހަކަ ނިމެންދެން މަޑުކުރަން އުދަގޫވެ އަމިއްލައަށް ވާހަކަ ކުރިޔަށްގެންދިއުން
- ގެންގުޅެ ތަކެތި ފަސޭހައިން ގެއްލުން ނުވަތަ ލެވުނު ތަނެއް ހަނދާން ނެތިގެން އަބަދު އުޅުން
- ކުދިކުދި ކަންކަމާއި ހެދި ސަމާލުކަން ގެއްލުން
- ޙިޔާލީ ދުނިޔެއެއްގެ ތެރެއަށް ފަސޭހައިން ޣަރަގުވުން
- މަޑުކޮށްލައިގެން ހުންނަ ވަގުތުތަކުގައި ހަށިގަނޑުގެ ކޮންމެވެސް ގުނަވަނަކުން ހަރަކާތްކޮށްލެވުން
- ކުރާ ކަންކަމުގައި މުހިއްމު ކަންކަން ދޫކޮށްލެވުން ނުވަތަ އަވަސް އަވަހަށް ގޯސްހެދުން
މިހުރިހާ އަލާމާތެއް ނުވަތަ ބައެއް ކަންކަން ދިރިއުޅުމުން ފާހަގަވާނަމަ ފަހަރުގައި އެއީ އޭޑީއެޗްޑީ ކަމުގައިވެދާނެއެވެ. އަދި މިކަމަކީ ދުނިޔޭގެ ވަރަށް ގިނަ މީހުން ތަހައްމަލު ކުރަމުންދާ ކަމެއްނަމަވެސް ސީދާ މިކަން ސިކުނޑިއަށް ދިމަވާ ސަބަބު ޑޮކްޓަރުންނަށް ހޯދިފައެއްނުވެއެވެ.
އެގޮތުން ބައެއް ދިރާސާތަކުން ދައްކާގޮތުގައި ސިކުނޑީގައި ޑޮޕަމައިން އުފެއްދޭ މިންވަރު މަދުވުމަކީ އޭޑީއެޗްޑީ އަށް މަގުފަހިކުރުވާ ސަބަބެކެވެ. ޑޮޕަމިން އަކީ ސިކުނޑީގައި ސިގްނަލްތައް ދަތުރު ކޮށްދިނުމުގައާއި އިހުސާސްތައް ކުރުވާ ކެމިކަލެކެވެ.
އަދި އެހެން ދިރާސާތަކުގައި ވާގޮތުން އޭޑީއެޗްޑީ އާއި ކުރިމަތިވަނީ އިންސާނުންގެ ސިކުނޑީޣައި 'ގްރޭ މެޓާރ ވޮލިއުމް' މަދުވުމުން ކަމުގައިވެއެވެ. ގްރޭ މެޓާރ އަކީ ވާހަކަދެއްކުމާއި، ނަފްސު ކޮންޓްރޯލްކުރުމުގައި، ނިންމުންތައް ނިންމުމުގައި އެހީތެރިވެދޭ ސިކުނޑީގެ ހިސާބުތަކެވެ. އެހެންނަމަވެސް ތިބާއަށް ނުވަތަ ތިބާގެ ދަރިފުޅުގެ އުޅުމުން މިކަންކަން ފެންނަނަމަ އެއީ އޭޑީއެޗްޑީގެ ސަބަބުން ދިމާވާ ކަންކަމެއްކަން އެނގުމަކީ ދެން ހަދަންވީ ގޮތެއް ހޯދުމަށް ފަސޭހަ ވެގެންދާނެކަމެކެވެ.
އޭޑީއެޗްޑީ ހުންނަކަން ޔަގީންކުރުމަށް ހެދޭނެ ވަކި ޙާއްސަ ޓެސްޓެއް ހޯދިފައެއް ނުވެއެވެ. އެހެންނަމަވެސް އުޅުމުން ފެންނަ އަލާމަތްތަކަށް ބެލުމަށްފަހު 6 މަސްދުވަސްވެންދެން އުޅުމުން ފާހަގަވާ އެފަދަ ކަނކްމަށް ރިއާޔަތްކުރުމަށްފަހު ޑޮކްޓަރުން މިކަން ޔަގީންކުރެއެވެ.
އޭޑީއެޗްޑީ ހުންނަ ފަރާތްތަކުން އަލާމާތްތަކާއި ދުރުވުމަށްޓާކައި އަމިއްލައަށް ދިރިއުޅުމުގައި ގެންގުޅެވިދާނެ އުކުޅުތަކަކާއި ޑޮކްޓަރުންގެ ފަރާތުން ތެރަޕީގެ ބޭނުން ހިފިދާނެއެވެ.
އޭޑީއެޗްޑީގެ ތަފާތު ވައްތަރުތަކެއް ހުރެއެވެ. އޭގެތެރެއިން ހައިޕަރ އެކްޓިވިޓީގެ ސަބަބުން ބައެއް މީހުންނަށް ކަންކަމުގައި ފޫހިކަމެއްނެތި، މިކަން ނުހުންނަ މީހުންނާއި ތަފާތުކޮށް ސަމާލުކަން ދެވުމަކީވެސް މެދުވެރިވާ ގޮތެއްކަމުގައި ދިރާސާތަކުން ސާބިތުވެއެވެ. އަދި ދުނިޔޭގެ ގިނަ ކާމިޔާބު ވެރިންނާއި ބައެއް މަޝްހޫރު ތަރިންގެވެސް އޭޑީއެޗްޑީ ހުންނަކަން ހާމަކޮށްފައިވެއެވެ.
އެގޮތުން އޭޑީއެޗްޑީއާއި ވިދިގެން އެނާރޖެޓިކް ވުމުގެ ސަބަބުން ކާމިޔާބަށް ކުރާ ކަންކަމަށް ބޭނުން ކުރުންފަދަ ކަންކަން ފާހަގަކޮށް މިކަމަކީ ދިރިއުޅުމައް ފައިދާއެއްކަމުގައި ބޭނުންކޮށްގެންނެވެ. އަދި އޭޑީއެޗްޑީ ހުންނަ ފަރާތްތަކުގެ ޙިޔާލު މުއްސަނދިވުން ނުވަތަ ކްރިއޭޓިވިޓީ ލެވެލް އެހެން މީހުންނަށްވުރެ މަތިކަމުގައި ދިރާސާތަކުން ހާމަވެއެވެ.
އެހެންކަމުން ތިބާގެ ކިބައިގައި އޭޑީއެޗްޑީ ހުންނަކަމަށް ފާހަގަކުރެވޭނަމަ ރަނގަޅެއްގޮތުގައި އަދި ކާމިޔާބަށް ލިބުނު ބާރެއްގެ ގޮތުގައި ބޭނުންކުރެވޭނެ ގޮތްތައް ދަސްކުރެވިދާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް