އެންމެ ފަހުން ގަތަރުގައި ނިމިގެން ދިޔަ ފީފާ ވޯލްޑް ކަޕުގައި ބެލްޖިއަމް ގައުމީ ފުޓްބޯޅަ ޓީމަށް އިރުޝާދު ދިން ކޯޗު ރޮބާޓޯ މާޓިނޭޒް ޕޯޗުގަލް ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމާއި ހަވާލުވެއްޖެއެވެ.
ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގުރޫޕް ސްޓޭޖުން ބެލްޖިއަމް ކެޓުމާއި އެކު އެ ޓީމުގެ ކޯޗުކަމުން އިސްތިއުފާ ދިން، މާޓީނޭޒް، ޕޯޗުގަލް ގައުމީ ޓީމާއި ހަވާލުވީ ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމުގެ ދަށުންނެވެ. އެހެން ކަމުން އޭނާ 2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕުގެ ނިޔަލަށް ޕޯޗުގަލް ޓީމުގެ ކޯޗެއްގެ ގޮތުގައި ހަރަކާތްތެރިވާނެއެވެ.
އުމުރުން 49 އަހަރުގެ މާޓިނޭޒް މިއަދު ޕޯޗުގަލް ޓީމާއި ހަވަލުވި އިރު، މީގެ ކުރިން ޕޯޗުގަލް ޓީމަށް އިރުޝާދު ދެމުން ގެންދިޔައީ ފެނާންޑޯ ސަންތޯސް އެވެ. އޭނާ އެ މަޤާމު ދޫކޮށްލީ އެންމެ ފަހުން ބޭއްވުނު ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުން ޕޯޗުގަލް ކެޓުމުންނެވެ.
ޕޯޗުގަލްގެ ޓީމާއި ހަވާލުވުމަށް ފަހު މީޑިއާއާއި ވާހަކަ ދައްކަމުން މާޓިނޭޒް ބުނީ ފުޓްބޯޅައިގައި ނިންމުންތައް ނިންމަން ޖެހޭނީ ދަނޑުމަތީގައި ކުޅުންތެރިން ދައްކާ ކުޅުމަށް ކަމަށާއި އެއީ އޮފީހުގައި އިދެގެން ނިންމަން ޖެހޭ ނިންމުންތަކަށް ވެގެން ނުވާނޭ ކަމަށެވެ. އަދި އޭނާ އަކީ އެގޮތަށް ނިންމުންތައް ނިންމާ މީހަކަށް ނުވާނޭ ކަމަށެވެ. އަދި އޭނާގެ ފެށުމަކީ އެންމެ ފަހުން ވޯލްޑް ކަޕްގައި ހިމެނުނު 26 ކުޅުންތެރިން ކަމަށްވެސް މާޓިނޭޒް ބުންޏެވެ.
" ކުޅުންތެރިންނާއި މެދު ގޮތް ނިންމަން ޖެހޭނީ ދަނޑުމަތީގައި ދައްކާ ކުޅުމަށް ބަލާފަ. އެއީ ފޮހީހުގައި އިނދެގެން ނިންމަން ޖެހޭ ނިންމުމެއް ނޫން. އަހަރެންގެ ފެށުމަކަށް ވާނީ އެންމެ ފަހުން ވޯލްޑް ކަޕްގައި ހިމެނުނު ޕޯޗުގަލް ޓީމުގެ 26 ކުޅުންތެރިން.' މާޓިނޭޒް ބުންޏެވެ.
ރޮނާލްޑޯ އާއި ބެހޭ ގޮތުން މާޓިނޭޒް ބުނީ ރޮނާލްޑޯ އަކީ އެންމެ ފަހުން ކުޅުނު ވޯލްޑް ކަޕްގެ ސްކޮޑުގައި ހިމެނުނު ކުޅުންތެރިއެއް ކަމަށާއި، އެހެން ކަމުން އޭނާގެ ލިސްޓުގައި ރޮނާލްޑޯ ހިމެނޭނޭ ކަމަށެވެ. އަދި ރޮނާލްޑޯ އާއި އެކު އޭނާ ވާހަތައް ކުރިޔަށް ގެންދާނޭ ކަމަށާއި ރޮނާލްޑޯ އަކީ ވަރަށް ބޮޑަށް އިހުތިރާމް ކުރަން ޖެހޭ ކުޅުންތެރިއެއް ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް