ނައިޖީރިއާގައި ރޭލެއް އަންނަންދެން މަޑުކޮށްގެން ތިބި އެންމެން ވަގަށް ނަގައިފި

ނައިޖީރިއާގެ ސްޓޭޓެއް ކަމަށްވާ އެޑޯގެ ރެއިލް ސްޓޭޝަނެއްގައި ރޭލެއް އަންނަން ދެން ތިބި އެންމެން ވަގަށް ނަގައިފި އެވެ. އެޑޯއަކީ އެ ގައުމުގެ ދެކުނުގައި އޮންނަ ސްޓޭޓެކެވެ. މި ހާދިސާގައި އެ ސްޓޭޝަންގައި ތި...

09 Jan 2023 | 12:55

ނައިޖީރިއާގެ ސްޓޭޓެއް ކަމަށްވާ އެޑޯގެ ރެއިލް ސްޓޭޝަނެއްގައި ރޭލެއް އަންނަން ދެން ތިބި އެންމެން ވަގަށް ނަގައިފި އެވެ.

އެޑޯއަކީ އެ ގައުމުގެ ދެކުނުގައި އޮންނަ ސްޓޭޓެކެވެ. މި ހާދިސާގައި އެ ސްޓޭޝަންގައި ތިބި ފަސިންޖަރުންނާއި މުވައްޒަފުން ހިމެނޭހެން 32 މީހުން ވަގަށް ނެގި އެވެ.

ރިޕޯޓުތައް ބުނާގޮތުގައި އާންމުންނާއި ނައިޖީރިއާ ސިފައިން ވަނީ އެމީހުން ހޯދުމަށް އޮޕަރޭޝަނެއް ފަށާފައި އެވެ.

އެމީހުން ވަގަށް ނެގީ ހަތިޔާރާއި އެކު އެ ސްޓޭޝަނަށް ޖަމާވި ހަނގުރާމަވެރި ގްރޫޕަކުން ވައިގެ ތެރެއަށް ބަޑި ޖެހުމަށް ފަހު އެވެ. އެ ސަރަހައްދުގައި އުޅުނު ބައެއް މީހުން ވަނީ އެމީހުންގެ އަތު ނުޖެހި ފިލާފައި އެވެ.

އޭގެ ތެރެއިން ބައެއް މީހުންގެ ގަޔަށް ވަޒަން އަރާފައިވާއިރު އެމީހުން ބުނީ އަންހެނަކާއި އޭނާގެ ކުޑަ ދަރިފުޅުވެސް ހަނގުރާމަވެރިންގެ ކިބައިން ސަލާމަތްވެ ޖަންގަލިތެރެއަށް ވަދެގެން ކައިރީގައި އޮތް އަވަށަށް ވަދެ ރައްކާތެރިކަން ހޯދި ކަމަށެވެ.

ސަލާމަތްވި މީހުންނަކީ އެ ސްޓޭޝަން ކައިރީގައި އުޅުނު މީހުންނެވެ. އެމީހުން ބުނީ ވަގަށް ނެގި މީހުންގެ ތެރޭގައި ދަތުރު ކުރުމަށް ޓިކެޓު ނަގައިގެން ތިބި އެންމެން ހިމެނޭ ކަމަށެވެ.

އެމީހުން ވަގަށް ނަގައިގެން ގެންދަން ނިންމި މީހުންގެ ތެރެއިން ދެ ކުޑަކުއްޖަކު ދޫކޮށްލާފައިވާ ކަމަށްވެ އެވެ. އެއީ އެކުދިން ގޮވައިގެން އެމީހުން ބޭނުންވާ ހަލުވި މިނުގައި އެތަނުން ފިލައިގެން ނުދެވުމުންނެވެ.

ނައިޖީރީއާގެ ހަރުކަށި ފިކުރުމުގެ މީހުން އާންމުން ވަގަށް ނެގުމަކީ އާންމުކޮށް ކުރާ ކަމެކެވެ. އަދި އެމީހުން ދޫކޮށްލަން ސަރުކާރަށް ބޮޑެތި އަދަދުތަކުން ފައިސާއަށް ޑިމާންޑު ކުރެ އެވެ.

މި ހާދިސާގައި އެމީހުން ވަގަށް ގެންދިޔަ އެކަކުވެސް އަދި ހޯދިފައެއް ނުވެ އެވެ.

މީގެ ކުރިން މިސްކިތްތަކާއި ސްކޫލްތަކާއި ހޮސްޕިޓަލްތަކުންވެސް މީހުން ވަގަށް ނަގާފައިވެ އެވެ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް