ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަށް ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ޓިކެޓް ލިބިއްޖެ ނަމަ ރައްޔިތުން މަގުމަތިވެ އެމްޑީޕީއަށް ވެރިކަން ނުހޯދޭނެ ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ، އެމްޑީޕީގެ ޕްރައިމަރީ ކެމްޕޭންގައި މިއަދު ނ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ނ. ކެނދިކުޅުދޫގައި ރައްޔިތުންނާ އެކު ބޭއްވި ކެމްޕެއިން ބައްދަލުވުމުގައެވެ. ރައީސް ނަޝީދު މިހެން ވިދާޅުވެފައި މިވަނީ އެމަނިކުފާނުގެ ވެރިކަމުގައި ދިވެހި ރައްޔިތުން މަގުމަތުކޮށްލި ކަމަށް ރައީސް ޞާލިހް ވިދާޅުވެފައި ވަނިކޮށެވެ.
އެގޮތުން މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ރައީސް ޞާލިހަށް އެ ޓިކެޓު ހޯދައިދޭން އުޅެފިނަމަ އެމްޑީޕީއަށް އެތައް ވޯޓެއް ގެއްލި ރައްޔިތުން މަގުމަތިވާނެ ކަމަށެވެ.
އަދި ރައީސް ޞާލިހް ކުރިމަތިލުމުން ގެއްލޭނެކަން ޔަގީންވާ ވޯޓުތައް އެމަނިކުފާނަށް ލިބޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބަ އޮތް ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.
މީގެ އިތުރުން މި ސަރުކާރުގައި މައުމޫނީ ވެރިކަމުގެ ގޮތްގަނޑު އަށަގެންފައިވާ ކަމަށާއި އެއީ ކަން އޮންނަންޖެހޭ ގޮތް ނޫން ކަމަށް ނަޝީދު ވިދާޅުވެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް