އިރާންގެ ކުޑަކުދިންގެ ކޯޗް ހޮސެއިނީއާ ކަރާޓީ ޗެމްޕިއަން ކަރާމީއަށް މަރުގެ އަދަބު ދީފި

22 އަހަރުގެ މަހްސާ އަމީނީގެ މަރަށްފަހު އިރާންގައި ކުރިޔަށްގެންދަމުންދާ މުޒާހަރާތަކުގައި ބައިވެރިވަމުންދާ އެތައްބަޔަކަށް އަނާނަނީ މަރުގެ ހުކުމް އިއްވަމުންނެވެ. މީގެ ކުރިން ދެ މީހަކަށް ހުކުމް ތަންފީޒުކޮ...

09 Jan 2023 | 08:11

22 އަހަރުގެ މަހްސާ އަމީނީގެ މަރަށްފަހު އިރާންގައި ކުރިޔަށްގެންދަމުންދާ މުޒާހަރާތަކުގައި ބައިވެރިވަމުންދާ އެތައްބަޔަކަށް އަނާނަނީ މަރުގެ ހުކުމް އިއްވަމުންނެވެ.

މީގެ ކުރިން ދެ މީހަކަށް ހުކުމް ތަންފީޒުކޮށްފައިވެ އެވެ. މުޒާހަރާތަކާއި ގުޅިގެން މިހާތަނަށް 11 މީހަކަށް މަރުގެ ހުކުމް އިއްވާފައި އެވެ.

ރިޕޯޓުތައް ބުނާގޮތުގައި އެ މުޒާހަރާތަކުގައި ބައިވެރިވެގެން އިތުރު ހަތަރު މީހަކަށް މަރުގެ ހުކުމް ވަނީ ތަންފީޒު ކޮށްފައި އެވެ.

އޭގެ ތެރޭގައި އީރާންގެ މަޝްހޫރު ކަރާޓީ ޗެމްޕިއަނެއް ކަމުގައިވާ 21 އަހަރުގެ ކަރާމީއާއި ހިލޭ ސާބަހަށް ކުޑަކުދިންނަށް އެހީތެރިވެދިން 20 އަހަރުގެ ސައްޔިދް މުހައްމަދު ހޮސެއިނީއަކީ އެވެ. އެ ދެމީހުންނަށް މަރުގެ ހުކުމް އިއްވައި ތަންފީޒު ކުރީ އިރާނުގެ ގާނޫނު ހަދާ މެމްބަރަކު މަރާލިކަމަށް ބުނެ އުފުލި ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައެވެ.

މީގެ ތެރެއިން ކަރާމީގެ ގާނޫނީ ވަކީލު ބުނީ އޭނާއަށް މަރުގެ އަދަބު ދިނީ މަރާލެވުމުގެ ކުރިން އެފަދަ ކޮންމެ މީހަކަށް މައިންބަފައިންނާއެކު ވާހަކަދައްކާލުމަށް ލިބިގެންވާ ހައްގު އޭނާއަށް ނުދީ ކަމަށެވެ.

މަރުގެ ހުކުމް އިއްވި ހިސާބުން އޭނާގެ ބައްޕަ ބުނެފައިވަނީ ކޮންމެ ދުވަހަކުވެސް ފުލުހުންގެ ކައިރިއަށް މައްސަލަ ރަނގަޅަށް ބަލައިދޭތޯ އެދުމަށް އަދި ދަރިފުޅު ސަލާމަތްކޮށްދިނުމަށް އެދި ދިޔަ ކަމަށެވެ. އެހެންނަމަވެސް މަހްސާ އަމީނީއާ މެދު ކަންހިނގިގޮތުގެ ބަދަލުގައި އިރާނުގެ ރައްޔިތުން އުފުލާ އަޑުތަކުގެ ތެރެއިން ހިނގި މައްސަލައެއް ކަމުގައިވާތީ ފުލުހުން އޭނާގެ އަޑުވެސް ނާހާ މައްސަލަ ބެލުމާއި ދެކޮޅު ހަދާކަމުގައިވެއެވެ. އެގޮތުން ކޮންމެ ދުވަހަކުވެސް އުއްމީދެއް ނެތް ހާލު އެނބުރި ދަރިފުޅު ދުއްވާލާނެ ވަގުތެއް ނޭނގި ބިރުހިތާއެކު އެނބުރި އަންނަންޖެހޭކަމުގައި އޭނާ ބުނެފައިވާކަމަށް ހަބަރުތަކުގައިވެއެވެ.

އަދި ދަރިފުޅު މަރާލައިފިކަމުގެ ޙަބަރު ކޮންމެ ވަގުތަކުވެސް އިރާނުގެ ސަރުކާރުން ދީފާނެކަމުގެ ބިރު ކޮންމެ ރެއަކުވެސް ތަހައްމަލުކުރާ ކަމަށްވެސް ބުންޏެވެ.

ކަރާމީގެ މައްޗަށް ހުކުމް އިއްވި ހިސާބުން، އޭނާގެ މައިންބަފައިން ސޯޝަލް މީޑިއާގައި ޝާއިއު ކޮށްފައިވާ ވީޑިއޯގައިވަނީ "ތިމަންމެންގެ ދަރިފުޅަކީ އިރާނުގެ ކަރާޓީ ޗެންޕިއަނުންގެ އެކަކު ކަމަށާއި އިރާނަށް އެތައް ވަނައެއް ހޯދައިދީފައިވާ އަދި އެޤައުމުގެވެސް ކަރާޓީގެ ހަތަރުވަނަ ކަމުގައެވެ. އަދި ދަރިފުޅުގެ މައްޗަށް އޮތް މަރުގެ އަމުރު އުވާލުމަށް އެދި އާދޭސް ކުރާ ކަމަށެވެ"

އިރާނުގައި ހިލޭސާބަހަށް ކުޑަކުދިންގެ ކޯޗެއްގޮތުގައި މަސައްކަތްކުރި 20 އަހަރުގެ ސައްޔިދް މުހައްމަދު ހޮސެއިނީ މަރާލެވިފައިވަނީ ކަރާމީ މަރާލި ދުވަހު އިތުރު ދެމީހުންނާއެކުއެވެ.

ސައްޔިދް މުހައްމަދު ހޮސެއިނީ ގެ ވާހަކައަކީވެސް އެހާ އަނިޔާވެރިކޮށް ކަންތައްކޮށްފައިވާ ހިތާމަވެރި ހާދިސާއެކެވެ. ރިޕޯޓުތަކުގައިވާ ގޮތުން އޭނާގެ މައިންބަފައިން ދުނިޔެއަކު ނެތެވެ. އަދި އޭނާ ހައްޔަރުކުރެވިފައިވަނީ އާދައިގެ މަތިން ކޮންމެ ބުރާސްފަތި ދުވަހު މައިންބަފައިންގެ ޤަބުރަށް ޒިޔާރަތް ކުރުމަށްދިޔަ މަގުމަތީގައި ކަމަށްވެއެވެ. އަދި ސައްޔިދު މުހައްމަދު ހޮސެއިނީ މަރާލެވުނު އިރު އޭނާއަށް ވަކީލަކު ހަމަޖެއްސުމުގެ ހައްޤުވެސް ނުދޭކަމުގައި ރިޕޯޓުތައް ބުނެއެވެ.

ޙަބަރުތަކުން އިނގޭ ގޮތުގައި އިރާނުގެ ހަމަނުޖެހުންތަކުގައި ހަރަކަާތްތެރިކޮށް މަސައްކަތްކުރާ ފަރާތްތަކުގެ ތެރެއިން މަރާލުމަށް ބޮޑުންނަށް ފެންނަ އިރާނުގެ ރައްޔިތުންނަށްޓަކައި ރަނގަޅަށް މަސައްކަތްކުރާ ފަރާތްތަކަށް ޓާރގެޓްކޮށް ހައްޔަރުކުރުވުމަށްފަހު މަރުގެ ތުހުމަތު ބޮލުގައި އަޅުވައި ގަދަކަމުން މަރަށް އިއުތިރާފު ކުރުވަނީއެވެ. އެއަށްފަހު ޝަރީއަތުގައިވާގޮތަށް މަރަށް މަރުހިފުމުގެ އުސޫލުގެ ދަށުން މަރާލަނީ ކަމަށްވެ އެވެ.

އިރާނުގެ ހާލަތު ގޯސްވެފައިވަނީ މަހްސާ އަމީނީ މަރާއި ގުޅިގެންނެވެ. އޭނާ މަރުވީ ފެޝަން ބުރުގާ އަޅައިގެން ވެރިރަށް ތެހެރާންގެ މަގުމަތީ އުޅެނިކޮށް ހައްޔަރު ކުރިތާ ދެ ގަޑިއިރެއްގާއިރު ފަހުން ފިޓު ޖެހުމަށްފަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް