ވެރި ރަށް މާލޭގައި މީހުން ދިރިއުޅޭ ސަރަހައްދުގައި ހުރުން ރައްކާތެރި ނޫން އެތައް ތަނެއް އަދިވެސް އެބަހުރިކަމަށާއި އެތަންތަން އެހެން ސަރަހައްދަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރާނެ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ނައިބު ރައީސް ފައިސަލް މިހެން ވިދާޅުވީ، ގިނަ އަދަދެއްގެ ލަކުޑިއާއި ޕްލާސްޓިކާއި އެހެނިހެން ތަކެތި ހިމެނޭ ނީލަން ފިހާރާގައި ރޭ ފަތިހު 5:40 ހާއިރު ހިނގި އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދަށް ވަޑައިގެން މީޑިއާއާ ވާހަކަފުޅުދައްކަވަމުންނެވެ.
އެގޮތުން ފައިސަލް ވިދާޅުވީ، ވަކި ޕްލޭނެއްގެ ދަށުން އެފަދަ ތަންތަން އެހެން ސަރަހައްދަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އަދި މި ޕްލޭންގެ ދަށުން ގުދަން ފަދަ ތަންތަން މާލެއިން މިހާރު ވެސް ބޭރުކުރެވިފައިވާކަން ފާހަގަކުރައްވާ ފައިސަލް ވިދާޅުވީ، ސަރުކާރުން ނިންމާފައި ވަނީ މީހުން ދިރިއުޅޭ ސަރަހައްދުގައި ހުންނަން ނުޖެހޭ ތަންތަން ތިލަމާލެ ބްރިޖްގެ މަސައްކަތް ނިމުމުން ގުޅިފަޅަށް ބަދަލުކުރުމަށް ކަމަށެވެ.
މީގެ އިތުރުން މި ބާވަތުގެ ކަންކަން ވީހާވެސް ބޮޑަކަށް ނުހިނގާނެ ގޮތަކަށް ކަންކަން ރޭވުމުގެ ކަންކަން އެއީ ކުރަންޖެހޭ ކަމެއް ކަމަށާއި، އެ ވިސްނުމުގެ ދަށުން، އެ ޕްލޭނާ އެއްގޮތަށް އިރާދަކުރެއްވިއްޔާ މަސައްކަތް ކުރާނެ ކަމަށެވެ.
ނީލަން ފިހާރައިގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް ފުލުހުންނާއި ސިފައިން ގުޅިގެން ކުރި މަސައްކަތުން މާލޭގައި ހުރި ވަސީލަތްތައް ބޭނުންކޮށްގެން އަލިފާން ކޮންޓްރޯލް ކުރެވޭ ގޮތް ނުވުމުން އަލިފާން ނިވާލާފައި ވަނީ އެއާޕޯޓުގައި ބޭނުންކުރާ އަލިފާން ނިއްވާ ވެހިކަލް ގެނެސްގެންނެވެ. އަދި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައި ވަނީ މިއަދު ހެނދުނު 07:30 އެވެ.
މީހަކަށް އަނިޔާނުވެ މި އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައިވީ ނަމަވެސް ނީލަން ފިހާރައާ ޖެހިގެން ހުރި މާލޭ ސިޓީ ކައުންސިލް ބިދޭސީ މުވައްޒަފުންގެ އެކޮމޮޑޭޝަން ބްލޮކް ވަނީ އެއްކޮށް އަނދައި ހުލިވެފައެވެ. އަދި އަލިފާނުގެ ހާދިސާ އާއި ގުޅިގެން ހާލުގައި ޖެހިފައިވާ މާލޭ ސިޓީ ކައުންސިލްގެ މުވައްޒަފުންގެ އަދަދު 166 އަރާކަމަށް އެ ކައުންސިލުން ބުނެފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް