މި ފަހުން ރާއްޖޭގައި ހިނގި ބޮޑެތި އަލިފާނުގެ ހާދިސާ ތަކާއި ގުޅިގެން ވަރުގަދަ ތަހުގީގެއް ފަށާފައިވާ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.
އިއްޔެ ގދ. ފިޔޮރީ ސްކޫލްގައި ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގާފައި ވަނިކޮށް މިއަދު ފަތިހު މާލޭ ނީލަން ފިހާރައިގަ ވަނީ އަލިފާނުގެ ބޮޑު ހާދިސާއެއް ހިނގާފައި އެވެ. މި ދެ ހާދިސާގައި މީހަކަށް ގެއްލުމެއް ނުލިބުނު ނަމަވެސް މިފަހުގެ ހާދިސާތަކުގައި ގިނަ ބަޔަކު މަރުވެފައިވެ އެވެ.
ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މާލެ އާއި އަތޮޅުތަކު ތެރޭ ފަހަކަށް އައިސް ހިނގަމުން އަންނަ އަލިފާނުގެ ހާދިސާތަކާ ގުޅޭ ބޮޑު ތަހުގީގެއް ފަށާފައިވާ ކަމަށެވެ.
އެކަމާ ގުޅޭ އިތުރު ތަފްސީލެއް ސީޕީ ނުދެއްވަ އެވެ. ނަމަވެސް ބެލެވޭ ގޮތުގައި އަލިފާނުގެ ހާދިސާތަކުގެ ތަހުގީގެއް ފުލުހުން ހިންގަން ފެށީ އެއީ ބަޔަކު ގަސްދުގައި ހިންގާ ކަމެއްތޯ ބެލުމަށެވެ.
މި ފަހުން ގުޅިފަޅުގައި ހުންނަ އެފްކޯންސް ކުންފުނީގެ އެކޮމޮޑޭޝަން ބްލޮކުގައި ރޯވެ އެކަކު ގެއްލިފައިވެ އެވެ. އޭގެ ފަހުން އެ ސައިޓުން ފެނިފައި ވަނީ އިންސާނެއްގެ ކަށިތަކެކެވެ.
މިދިޔަ ނޮވެމްބަރު މަހު މާލޭގެ ގަރާޖެއްގައި ކުއްލި ގޮތަކަށް ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގައި 10 މީހުން ވަނީ މަރުވެފަ އެވެ. އެ ހާދިސާގައި މަރުވީ ހުސް ބިދޭސީން ނަމަވެސް އެއީ އެހާ ގިނަ ބައެއްގެ ފުރާނަ އަލިފާނުގެ ހާދިސާއެއްގައި ފަހުގެ ތާރީހެއްގައި ގެއްލުނު ފުރަތަމަ ފަހަރެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް