ކ. ގުރައިދޫގައި ހުންނަ ޚާއްސަ އެހީ އަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ދިރިއުޅޭ ދޮށީ އުމުރުގެ މީހުންނަށްދޭ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ޖެންޑާ މިނިސްޓްރީން، އޭޖްޑް ކެއާ މޯލްޑިވްސް އާއި އެކު އެއްބަސްވުމެއްގައި މިއަދު ސޮއި ކޮށްފިއެވެ.
މި އެއްބަސްވުމުގެ މަޤްސަދަކީ ގުރައިދޫ މަރުކަޒުގައި ތިބޭ ދޮށީ އުމުރުގެ މީހުންނަށް ދޭ ޚިދުމަތްތައް ރަނގަޅުކޮށް، ރައްކާތެރި ހިތްހަމަޖެހޭ މާހައުލެއް ޤާއިމު ކުރުން ކަމުގައި ޖެންޑާ މިނިސްޓްރީން ހާމަކުރެއެވެ.
މި އެމްއޯޔޫގެ ދަށުން ޖެންޑާ މިނިސްޓްރީ އާއި އޭޖްޑް ކެއާ މޯލްޑިވްސް އެއްބަސްވި ކަންކަމުގެ ތެރޭގައި ޚާއްސަ އެހީ އަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ކެއާ ގިވާސްގެ ހުނަރު އިތުރު ކުރުމަށް ކޮންމެ ހަތަރު މަހަކުން އެއް ފަަހަރު ތަމްރީން ޕްރޮގްރާމް ހިންގާނެއެވެ.
މި އެއްބަސްވުުމުގެ ދަށުން، ޚާއްސަ އެހީ އަށް ބޭނުންވާ މީހުންގެ މަރުކަޒުގެ މުވައްޒަފުންނާއި މަޝްވަރާކޮށް ކަސްރަތު ނުވަތަ އެހެން ޕްރޮގްރާމެއް ޤަވާއިދުން ހިންގޭނެ ޝެޑިއުލް ހެދުމުގައި އެހީތެރިވެދޭނެއެވެ.
އަދި ޚާއްސަ އެހީ އަށް ބޭނުންވާ މީހުންގެ މަރުކަޒުގައި މުނިފޫހިފިލުވުމުގެ ހަރަކާތް ރޭވުމުގައި ވެސް އެހީ ތެރިވެދޭނެއެވެ.
މީގެ އިތުރުން، ޑައިޓީޝަނެއްގެ އެހީގައި ފައިދާ ހުރި ޑަޔަޓް ޕްލޭނެއް ހެދުމާއިި އެކު، ކޮންމެ ތިން މަަހަކުން ރިވިއު ކުރުން ފަަދަ ކަންކަން މި އެއްބަސްވުމުގައި ހިމަނާފައި ވެއެވެ.
ޖެންޑާ މިނިސްޓްރީން ހާމަ ކުރާ ގޮތުގައި މި އެއްބަސްވުމުގެ ސަބަބުން ދޮށި އުމުރުގެ މީހުންނަށް ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު ރަނގަޅު ވާނެ އެވެ. އަދި މި އެއްބަސްވުމަކީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމުގައި ފާހަަގަ ކުރައްވާފައި ވެއެވެ.
މި އެއްބަސްވުން އެކުލަވާލާފައި ވަނީ އެއް އަހަރު ދުވަހުގެ މުއްދަތަކަށެވެ.
މި އެއްބަސްވުމުގައި ޖެންޑާ މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ އެވެ. އަދި އޭޖްޑް ކެއާ މޯލްޑިވްސްގެ ފަރާތުން ސޮއި ކުރެއްވީ އެ ޖަމިއްޔާގެ ސީއީއޯ ޑރ. އާމިނަތު ޖަމީލް އެވެ.
އޭޖްޑް ކެއާ މޯލްޑިވްސް އަކީ ދޮށީ އުމުރުގެ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އުފައްދާފައިވާ ޖަމިއްޔާއެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް