ބިންހިއްކާއިރު ގިރާސަރަޙައްދުގެ މައްސަލަވެސް ޙައްލު ކުރެވިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މާލެއަތޮޅު ދިއްފުށީ ކައުންސިލްގެ މެންބަރުންނާއެކު މިއަދު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު މެންދުރުފަހު ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ދިއްފުށީ ބިންހިއްކައި ތަރައްޤީކުރުމަށް ސަރުކާރުން ގެންގުޅުއްވާ ޕްލޭން ކައުންސިލާއި ޙިއްޞާކުރައްވާފައެވެ.
އެގޮތުން ބިންހިއްކާއިރު ގިރާސަރަޙައްދުގެ މައްސަލަ ވެސް ޙައްލު ކުރެވިގެންދާނެކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ފުލުހުންގެ ޚިދުމަތް މުޅިރާއްޖެއަށް ފުޅާކުރުމަށް ސަރުކާރުން ގެންގުޅުއްވާ ޕްލޭނާއި ރަށްރަށަށް ބޭނުންވާ މިންވަރަށް އެމްބިއުލަންސް ހަމަކުރުމަށް ސަރުކާރުން ކުރިޔަށްގެންދާ މަސައްކަތްތައް ވެސް ހިއްސާ ކުރައްވާފައެވެ. އަދި ކައުންސިލުން ފާހަގަކުރެއްވި އިތުރު ކަންކަމުގެ އެންމެފަހުގެ މަޢުލޫމާތުތައް އެމަނިކުފާނު ދިއްފުށީ ކައުންސިލަރުންނާ ޙިއްޞާކުރެއްވިއެވެ.
މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ވަކިރަށެއް ތަފާތުކުރުމެއްނެތި ރައްޔިތުންނަށް ބޭނުންވާ ތަރައްޤީގެ ކަންކަން ސަރުކާރުން ފުރިހަމަކޮށްދެއްވަމުން ގެންދަވާނެކަން ފާހަގަކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި، ކައުންސިލުން ވަނީ އެރަށުގެ ތަރައްޤީއަށް އެންމެ މުހިންމު ކަންކަމާއި މަޝްރޫޢުތަކާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާއާ މަޝްވަރާކުރައްވާފައެވެ.
އެގޮތުން، ކައުންސިލުން ވަނީ ރަށްގިރުމުގެ މައްސަލައާއި ސިނާއީ ސަރަހައްދަށް ފެނާއި ނަރުދަމާގެ ޚިދުމަތް ދިނުމާ ގުޅޭގޮތުންނާއި ރަށުގެ ބިންހިއްކުމާއި ޞިއްޙީ މަރުކަޒުގެ ޚިދުމަތް ފުޅާކޮށް ލެބޯޓްރީގެ ޚިދުމަތް އަވަހަށް ފެށުމަށް ބޭނުންވާކަމާއި ރަށަށް އައު އެމްބިއުލަންސްއެއް ބޭނުންވާކަމާއި ސްކޫލުގައި އޭލެވެލް ފެށުމާއި މަލްޓިޕާޕަސް ހޯލެއްގެ މުހިންމުކަމާއި އިތުރު މިސްކިތެއްގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން މިހާރު ކުރިޔަށްދާ ފުޓްބޯޅަދަނޑު ތަރައްޤީކުރުމާއި އައުޓްޑޯޖިމްގެ މަސައްކަތް އަވަސްކުރުމާއި ގުޅޭގޮތުންނާއި ރަށަށް ފުލުހުންގެ ޚިދުމަތް ބޭނުންވާކަމާއި މި ނޫންވެސް ރަށުގެ އިޤްތިޞާދީ އިޖްތިމާޢީ ތަރައްޤީއަށް މުހިންމު ކަންތައްތައް ކައުންސިލަރުން ފާހަގަކުރެއްވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް