ށ. ޅައިމަގު ސްކޫލާއި އއ. އަތޮޅު މަދަރުސާގެ ކުލާސްރޫމް ޢިމާރާތް ކުރުމުގެ މަސައްކަތް ޔެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި މިއަދު ހަވާލުކޮށްފިއެވެ.
މިއަދު އެކުލަވާލެވުނު އެއްބަސްވުމުގެ ދަށުން ޔެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ޅައިމަގު ސްކޫލުގައި 8 ކްލާސް ރޫމާއި، މަލްޓިޕާޕަސް ހޯލެއް ޢިމާރަތް ކުރާނެއެވެ.
މިއީ މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން ޔެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްގެން އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކުރެވިފައިވާ 16.7 މިލިއަން ރުފިޔާގެ މަޝްރޫޢުއެކެވެ.
އއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ކްލާސް ރޫމްތައް ޢިމާރާތް ކުރުމުގެ އެއްބަސް ވުމުގެ ދަށުން، 8 ކްލާސް ރޫމާއި އޮފީސް، ސްޓާފްރޫމް، އަދި މަލްޓިޕާޕަސް ހޯލް އިމާރާތް ކުރުމުގެ މަސައްކަތް ހިމެނެއެވެ.
މިއީ މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން ޔެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްގެން 400 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލު ކުރެވިފައިވާ 21.9 މިލިއަން ރުފިޔާގެ މަޝްރޫޢުއެކެވެ.
މި އެއްބަސްވުންތަކުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ ޑރ. އައިޝަތު އަލީ އެވެ. ޔެސް މޯލްޑިވްސްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރ އަހްލަމް ރުޝްދީ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް