ދެކުނު އެފްރިކާ ބައްރުގެ ޤައުމުތަކުގެ މެދުގައި ކުޅޭ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި ފުޓްބޯޅަ މުބާރާތް ކަމުގައިވާ " އެފްރިކަން ކަޕް އޮފް ނޭޝަންސް 2022" މިރޭ ކެމަރޫންގައި ފަށާނެއެވެ.
ކެމަރޫންގައި މިރޭ ފެށުމަށް ހަމަޖެހިފައިވާ މިމުބާރާތުގެ ފުރަތަމަމެޗްގައި ބައްދަލުކުރާނީ މުބާރާތް ބާއްވާ ޤައުމު ކެމަރޫން އާއި ބުރްކިނާ ފަސޫއެވެ. މިރޭ މި މުބާރާތުގެ ދެ މެޗެއް ކުޅުމަށް ހަމަޖެހިފައިވާއިރު، ރާއްޖޭ ގަޑިން މިރޭ 9:00 ގައި ކެމަރޫން އަދި ބުރްކިނާ ފަސޫ ބައްދަލުކުރާއިރު، ދެ ވަނަ މެޗު ކުޅޭނީ މިރޭ ރާއްޖޭ ގަޑިން 12:00 ގައެވެ. މި މެޗުގައި ބައްދަލުކުރާނީ އިތިއޯޕިއާ އަދި ކެބޯ ވެރްޑޭ އެވެ. މި މުބާރާތް ފެށުުމުގެ ރަސްމީޔާތު އޮންނާނީ މިރޭ ރާއްޖެ ގަޑިން 10:00 ގައިއެވެ.
ކޮންމެ ދެ އަހަރުން އެއް އަހަރު ބާއްވަމުން އަންނަ މި މުބާރާތުގައި 24 ގައުމު ވާދަކުރާއިރު މުބާރާތުގެ ހުރރިހާ މެޗެއްވެސް ކުޅޭނީ ކެމަރޫންގައެވެ. އެގޮތުން ކެމަރޫންގެ ހަ ސިޓީއެއްގައި މުބާރާތުގެ މެޗުތައް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. އެއީ އޮލިމްބެ ސްޓޭޑިއަމް، ސްޓޭޑް އަހްމަޑޫ އަހިޖޯ ސްޓޭޑިއަމް، ޖަޕޯމާ ސްޓޭޑިއަމް، ރޯމްޑި އަޖިއާ ސްޓޭޑިއަމް، ކޮއިކޮން ސްޓޭޑިއަމްގެ އިތުރުން އޮލެމްބެ ސްޓޭޑިއަމްގައެވެ.
އެފްރިކަން ކަޕް އޮފް ނޭޝަންސް ފުޓްބޯޅަ މުބާރާތުގައި ކުރިން ވާދަކުތަމުން އައީ16 ގައުމަކުންނެވެ. ނަމަވެސް 2013 ވަނަ އަހަރުން ފެށިގެން މި މުބާރާތުގައި 24 ގައުމަކުން ވާދަކުރާ ގޮތަށް ވަނީ ހަމަޖައްސާފައެވެ. މި މުބާރާތް ކުރިޔަށް ދަނީ މުބާރާތުގައި ވާދަކުރާ 24 ގައުމު ހަ ގުރޫޕަކަށް ބަހާލައިގެންނެވެ.
މިފަހަރުގެ މި މުބާރާތުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ތިން ގަޑިއެއްގައެވެ. އެ ގަޑިތަކަކީ، ރާއްޖޭގެ ގަޑިން އިރުއޮއްސި 6:00 އަދި ރޭގަނޑު 9:00 ގެ އިތުރުން ރޭގަޑު 12:00 އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް