ކޯވިޑް-19 އައި ގުޅިގެން އަޅާ ފިޔވަޅެއްގެ ގޮތުން އިންޑިއާއަށް އެތެރެވާ މީހުން ކަރަންޓިން ވާން ޖެހޭގޮތަށް އެގައުމުގެ ސަރުކާރުން ނިންމައިފި އެވެ.
ކަރަންޓީން ވާން ޖެހެނީ ހަތް ދުވަހަށް އެމީހަކު ދިރިއުޅޭ ގޭގައި އެވެ. މި އުސޫލަށް އަމަލު ކުރަން ފަށާނީ މިމަަހުގެ 11 ވަނަ ދުވަހުގެ އިންޑިއާ ގަޑިން 00:01 ން ފެށިގެންނެވެ.
ކަރަންޓީންވުމުގެ އިތުރުން އޮންލައިންކޮށް "އެއާ ސުވިދާ" ޕޯޓަލް މެދުވެރިކޮށް ލިޔުންތަކެއް ހުށަހެޅުމަށް އުސޫލުގައި ހިމަނާފައިވެ އެވެ.
އޭގެ ތެރޭގައި ހިމެނެނީ 72 ގަޑިއިރު ނުވާ ޕީސީއާރު ނެގެޓިވް ނަތީޖާ، ވޭތުވެދިޔަ 14 ދުވަހުގެ ތެރޭގައި ކޮށްފައިވާ ދަތުރުތަކުގެ މަޢުލޫމާތު ހިމަނައި، ހުށަހަޅާ މަޢުލޫމާތުގެ ޞައްޙަކަމަށާއި، ކޮވިޑާ ގުޅިގެން އެ ޤައުމުގެ ސަރުކާރުގެ ކަމާ ގުޅުންހުރި އިދާރާތަކުން އަޅާ ފިޔަވަޅުތަކަށް ފުރިހަމައަށް ޢަމަލު ކުރަން އިޤުރާރުވެ ލިޔުން ހުށަހަޅަން ޖެހެ އެވެ.
މީގެ އިތުރުން ހަތްތ ދުވަސް ވުމުން އަށް ވަނަ ދުވަހު ކޯވިޑަށް ޓެސްޓުކޮށް ނަތީޖާ ނެގެޓިވް ވިޔަސް ޖެހިގެން އަންނަ ހަތް ދުވަހު އަމިއްލަ ސިއްހަތު މޮނިޓާ ކުރަން ޖެހެ އެވެ. އަދި ކޯވިޑް ޓެސްޓުގެ ނަތީާ "އެއާ ސުވިދާ" ޕޯޓަލްއަށް އަޕްލޯޑު ކުރަންޖެހެ އެވެ.
ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނީ އިންޑިއާއަށް ދާ ދިވެހިން މިކަންކަމަށް ސަމާލުކަން ދިނުމަށް އިލްތިމާސް ކުރާ ކަމަށެވެ. މި ދަނޑިވަޅުގައި ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި، އެހެން ދަތުރުތައް ނުކުރުމަށް ފޮރިން މިނިސްޓްރީން އެދެ އެވެ.
އަދި އިންޑިއާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާއި އެކިބޭނުންތަކަށް އިންޑިއާއަށް ދަތުރުކުރާ ދިވެހި ރައްޔިތުން އެޤައުމުގެ ސަރުކާރުގެ ނިންމުންތަކާއި އެންގުންތަކަށް ސަމާލުވުމަށްވެސް އިލްތިމާސްކޮށްފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް