ކީރިތި ރަސޫލާއަށް ފުރައްސާރަކުރި ފަރަންސޭސިވިލާތުގެ ނޫހެއް ކަމަށްވާ "ޗާލީ ހެބްޑޫ" ގެ މަރުކަޒަށް ގޮތްނޭނގޭ ބަޔަކު މިދިޔަ އަންގާރަދުވަހު ދިން ހަމަލާއާ ދިވެއްސަކާ ގުޅުމެއް ވާކަމަށް ބޭރުގެ ބައެއްމީޑިއާތަކުގައި ވާހަކަދެކެވެން ފަށައިފި އެވެ.
އެގޮތުން އިނގިރޭސި ވިލާތުގެ ނޫހެއްގައި ބުނެފައިވަނީ @PaladinOfJihad ނަމުގައި ޓްވިޓާ ބޭނުން ކުރަމުން އަންނަ ދިވެހި ރާއްޖެއަށް އުފަން އަދި މިހާރު އައިއެސްއާ ގުޅިގެން ހަނގުރާމަ ކުރަމުން އަންނަ 20 އަހަރުގެ މީހަކު، ފްރާންސްގެ ނޫހަށް ހަމަލާ ދިނުމުގެ ދެ ދުވަސް ކުރިން ފްރާންސަށް އިންޒާރެއްގެ ގޮތުގައި ސިފަވާގޮތަށް ޓްވީޓެއް ކުރި ކަމަށެވެ.
އެ ޓްވީޓްގައި snail eating people ، ފިނިހަކަ ކާ މީހުން ކަމަށް ސިފަކޮށްފައިވަނީ ފްރާންސަށް ކަމަށާއި ފްރާންސަށް ރައްދުކޮށް އެހެންބުނެފައިއެވަނީ ފްރާންސް މީހުންނަކީ ފިނިހަކަ ކެއުމުގައި ދުނިޔެއަށް މަޝްހޫރުބަޔަކަށް ވާތީ ކަމަށް ބޭރުގެ މީޑިއާތަކުގައި ބުނެފައިވެއެވެ. އަދި އެ ޓްވީޓްގައި ރޯ މަންޒަރު ދައްކުވައިދޭ "އިމޯޓިކޯން" ބޭނުންކޮށްފައިއެވަނީ ފްރާންސްގެ ރައްޔިތުން ރޮއްވާލާނެ ކަމަށް ބުނުމުގެ ބޭނުމުގައި ކަމަށްވެސް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
ބޭރުގެ މީޑިއާތަކުގައި އިތުރަށް ބުނެފައިވަނީ ފްރާންސްގެ ޗާލީ ހެބްޑޫއަށް ހަމަލާދިންތާ މާ ގިނައިރެއް ނުވެ ކުރިން އިންޒާރު ދިންކަމަށްބުނެ @PaladinOfJihad އިން ޓްވީޓް ކުރުމުން މި ހަމަލާއާއި އެ ޓްވިޓާ އެކައުންޓް ގެންގުޅޭ މީހާއާއި އައިއެސް ޖަމާއަތާ ގުޅުމެއް ވާކަމަށްވެސް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
https://twitter.com/PaladinOfJihad/status/552824521938731008
ހަތްވަނަ ދުވަހުގެ ހަމަލާއަށްފަހު އެ އެކައުންޓުން ކޮށްފައިވާ ޓްވީޓް
@PaladinOfJihad މި ޓްވިޓާ އެކައުންޓަކީ އެކި ގޮތްގޮތުން އައިއެސްއާ ގުޅުން އޮންނަ ފަރާތަކުން ގެންގުޅޭ ޓްވިޓާ އެކައުންޓެއްކަން މީޑިއާގެ އެކި ރިޕޯޓްތަކުން ހާމަވެއެވެ. އެގޮތުން ދާދިފަހުން އައިއެސް ރަހީނުކުރާ ބައެއް މީހުންގެ އާއިލާތަކުން ރަހީނުކުރާ ފަރާތްތައް މިނިވަންކުރަން އެދި މި ޓްވިޓާ އެކައުންޓަށް ޑައިރެކްޓް މެސެޖް ފޮނުވާ ކަމަށްވެ އެވެ.
ނަމަވެސް މި އެކައުންޓަކީ އައިއެސްއާ ގުޅިގެން ހަނގުރާމަ ކުރަމުން އަންނަ ދިވެއްސަކު ގެންގުޅޭ ޓްވިޓާ އެކައުންޓެއްކަން އެ އެކައުންޓުން އަދި އެހެން ގޮތަކުން ހާމަކޮށްފައެއް ނުވެއެވެ. އެހެން ނަމަވެސް ބޭރުގެ ބައެއް މީޑިއާތަކުން ބުނެފައިވަނީ މި އެކައުންޓަކީ ރާއްޖެއަށް އުފަން އަދި މިހާރު އައިއެސްއާ ގުޅިގެން ހަނގުރާމަ ކުރަމުން އަންނަ ފަރާތެއްގެ އެކައުންޓެއް ކަމަށެވެ.
ޗާލީ ހެބްޑޫ ނޫސް އިދާރާ އަށް ދިން ހަމަލާގައި 12 މީހަކު މަރުވެ 10 މީހަކު ޒަހަމްވިއެވެ. މަރުވި މީހުންގެ ތެރޭގައި މަޖައްލާގެ އެޑިޓަރ ސްޓެފާން ޝާބޮނިއޭގެ އިތުރުން އެމަޖައްލާގައި ކާޓޫން ކުރަހާ ހަތަރު މީހުން ވެސް މަރުވިއެވެ. މި ހަމަލާގެ ޒިންމާ އަދި އެއްވެސް ފަރާތަކުން އުފުލާފައި ނުވިނަމަވެސް ބައެއް ފަރާތްތަކުން ތުހުމަތުގެ އިނގިލި ދިއްކުރަމުންދަނީ ހަރުކަށި އިސްލާމީ ހަނގުރާމަވެރިންނަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް