މަގުތަކުގައި ޤަވާއިދާ ޚިލާފަށް ޕާކްކޮށްފައިވާ އުޅަނދުތަކާއި ގިނަ ދުވަސް ވަންދެން ބަހައްޓާފައިވާ އުޅަނދުތައް މިއަންނަ ހޮނިހިރު ދުވަހުން ފެށިގެން ނަގަން ފަށާނެ ކަމަށް ފުލުހުން ހާމަކޮށްފި އެވެ.
ފުލުހުން ބުނީ ހައުސިން މިނިސްޓްރީ އާއި ޓްރާންސްޕޯޓް އޮތޯރިޓީ ގުޅިގެން ކުރިއަށް ގެންދާ މި ޕްރޮގްރާމަކީ އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއި އެޤާނޫނުން ބާރުލިބިގެންހެދިފައިވާ އެއްގަމު އުޅަނދު ޕާކުކުރުމުގެ ޤަވާޢިދާއި ޚިލާފަށް، ރަޖިސްޓްރީ ނުކުރާ އުޅަނދުފަހަރާއި ބާވެ ހަލާކުވެފައިވާ އުޅަނދުތައް މަގުތަކާއި ޕާކިންގ ޒޯންތަކުގައި ހުރުމުގެ ސަބަބުން މަގު ބޭނުންކުރާ ފަރާތްތަކަށްދަތިވެ، ޤަވާއިދާއި ޚިލާފަށް ޕާކުކުރުމުގެ މައްސަލަ އިންތިހާއަށް ބޮޑުވެފައިވާތީ، ޤަވާޢިދާއި އެއްގޮތަށް ޕާކުކުރަން ބޭނުންވާ ފަރާތްތަކަށް ޕާކުކުރާނެ އިތުރު ޖާގަ ހޯދާ ދިނުމަށާއި މާލޭގެ މަގުތައް ތަރުތީބު ކުރުމުގެ ގޮތުން ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށެވެ.
އެގޮތުން މި ޕްރޮގްރާމުގައި ޤަވާއިދާ ޚިލާފަށް ޕާކްކޮށްފައިވާ އުޅަނދުތަކާއި ޤަވާއިދާ ޚިލާފަށް މަގުތަކުގައި ބަހައްޓާފައިވާ އުޅަނދުތަކާއި ބާވެ ހަލާކުވެގެން މަގުތަކުގައި ބަހައްޓާފައިވާ އުޅަނދުތައް ނަގަމުންދާނެ ކަމަށާއި މިގޮތުން ނަގާ އުޅަނދުތައް ނަގައިގެން ގެންދިއުމުގައި ނުވަތަ ބަހައްޓާފައި ހުންނަ ހުރުމުގައި ލިބޭ ގެއްލުމަކަށް މޯލްޑިވްސް ޕޮލިސް ސަރވިސް ޒިންމާ ނުވާނެ ކަމަށް ފުލުހުން ބުނެއެވެ. އަދި މިގޮތުންނެގޭ އުޅަނދުތަކަށް ދައްކަންޖެހޭ ޖޫރިމަނާ ފައިސާ ދެއްކުމަށްފަހު، އަނބުރާ ގެންދިއުމުގެ އެންމެހާ ޚަރަދުތައްކޮށް އެކަމުގެ ޒިންމާ އުފުލަންޖެހޭނީ އެ އުޅަނދުގެ ވެރިފަރާތުން ކަމަށްވެސް ފުލުހުން ބުނެ އެވެ.
ފުލުހުން އިތުރަށް ބުނެފައިވަނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ފުލުހުން ހިންގާ އޮޕަރޭޝަންތަކުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކޮށް ޝުކުރު ދަންނަވާކަމަށާއި އަދި ޤާނޫނާއި ޤަވާއިދާއި ޚިލާފަށް މަގުތަކުގައި ބަހައްޓާފައިވާ ވެހިކަލްތައް ނަގައި، ޤާނޫނާއި ޤާވާޢިދާއި އެއްގޮތަށް މަގުތައް ބޭނުންކުރުމަށް ހުރިހާ ފަރާތްތަކަށް އިލްތިމާސްކުރާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް