ރާޖަޕަކްސަ ބަލި ގަބޫލުކުރައްވައިފި

ފާއިތުވި 10 އަހަރު ވެރިކަން ކުރެއްވުމަށްފަހު އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި ސްރީލަންކާގެ ރައީސް މަހިންދަ ރާޖަޕަކްސަ ބަލި ގަބޫލު ކުރައްވައިފި އެވެ. ލަންކާގެ އިންތިހާބު ކާމިޔާބު ކުރެއް...

09 Jan 2015 | 05:23

ފާއިތުވި 10 އަހަރު ވެރިކަން ކުރެއްވުމަށްފަހު އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި ސްރީލަންކާގެ ރައީސް މަހިންދަ ރާޖަޕަކްސަ ބަލި ގަބޫލު ކުރައްވައިފި އެވެ.

ލަންކާގެ އިންތިހާބު ކާމިޔާބު ކުރެއްވީ ރާޖަޕަކްސަގެ ސަރުކާރުގައި ކުރިން ހެލްތު މިނިސްޓަރުކަން އަދާކުރެއްވި މައިތުރިޕާލަ ސިސިރޭނާއެވެ.

ރާޖަޕަކްސަގެ ޕްރެސް އޮފިޝަރާ ހަވާލާދީ ބީބީސީގައި ބުނެފައިވަނީ ރާޖަޕަކްސަ ބަލިވެވަޑައިގެންފިކަން ގަބޫލުކޮށް އެކަން އިއުލާނުކުރެއްވީ ރިޔާސީ ގަނޑުވަރުގައި އިދިކޮޅު ލީޑަރު ރަނިލް ވިކްރަމަސިންހައާ ބައްދަލުކުރެއްވުމަށްފަހު ކަމަށާއި އިންތިހާބުގައި ރައްޔިތުންގެ ނިންމުމަށް ރާޖަޕަކްސަ އިހުތިރާމްކުރާ ކަމަށާއި ވެރިކަމުގެ ބާރުތައް ބަދަލުކުރުމުގެ ކަންތައްތައް ކުރިއަށް ގެންދަވާނެ ކަމަށް ރާޖަޕަކްސަ ވިދާޅުވެފައިވާކަމަށެވެ.

ރާޖަޕަކްސަގެ މީޑިއާ އޮފިޝަރު އިތުރަށް ވިދާޅުވެފައިވަނީ ރިޔާސީ ގަނޑުވަރު ދޫކުރައްވައި ރާޖަޕަކްސަ މިހާރު ވަޑައިގެންފައިވާކަމަށާއި އިންތިހާބު ކާމިޔާބު ކުރެއްވި ސިސިރޭނާ މިއަދުގެ ވަގުތެއްގައި ރައީސްކަމާ ހަވާލުވެވަޑައިގަންނަވާނެ ކަމަށެވެ.

އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން ސިސިރޭނާވަނީ 50 އިންސައްތަ އަށްވުރެ މަތިން ވޯޓު ހޯއްދަވާފަ އެވެ. އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާނު ކުރާނެ ކަމަށް ބުނެފައިވަނީ މިއަދުގެ މެންދުރު ފަހުގެ ވަގުތެއްގަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް