މަސްވެރިކަމުގައި ސަރުކާރުގެ އެއްވެސް ކޮންޓްރޯލެއް ގެންގުޅެން ބޭނުމެއް ނުވޭ: ރައީސް

މަސްވެރިކަމުގައި ސަރުކާރުގެ އެއްވެސް ކޮންޓްރޯލެއް ގެންގުޅެން ބޭނުންނުވާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އއ. އަތޮޅަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެތެރެއިން އެ އަތޮޅު ރ...

08 Dec 2024 | 16:48

މަސްވެރިކަމުގައި ސަރުކާރުގެ އެއްވެސް ކޮންޓްރޯލެއް ގެންގުޅެން ބޭނުންނުވާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އއ. އަތޮޅަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެތެރެއިން އެ އަތޮޅު ރަސްދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ މަސްވެރިކަމުގެ ހުރިހާ ކޮންޓްރޯލެއް ބާއްވަން ބޭނުންވަނީ މަސްވެރިންގެ އަތުގައި ކަމަށާއި އެކަމުގައި މި ސަރުކާރުގެ އެއްވެސް ކޮންޓްރޯލެއް ގެންގުޅެން ބޭނުން ނުވާކަމަށެވެ.

ރައީސް ވިދާޅުވީ ރަސްދޫއަކީ މަސްވެރިކަމާއި ފަތުރުވެރިކަމުގައިވެސް ކުރިއަށްދާ ރަށެއްކަމަށާއި، ކަންނެލި މަސްވެރިކަންކުރާ 12 އުޅަނދު އެރަށުގައި އެބައޮތްކަމަށެވެ.

އަދި ސައުދީ ފަންޑުގެ އެހީގައި ރަސްދޫގައި އައިސްޕްލާންޓެއް އެޅުމުގެ މަސައްކަތްކުރައްވާކަމަށެވެ. ރައީސްގެ ވާހަކަފުޅުގައި މަސްވެރިންނަށް ފަހި ފުރުޞަތުތައް ހޯދައިދިނުމަށް ކުރާ މަސައްކަތްތައް ތަފްސީލްކޮށްދެއްވަމުން ވިދާޅުވީ، ދޯނިފަހަރުގައި އާރުއެސްޑަބްލިއު ހަރުކުރެވޭނެ މާލީ އެހީ ދިނުމުގެ މަސައްކަތް ފައްޓަވާފައިވާކަމަށެވެ.

ރައީސް ދެއްވި ޔަޤީންކަމަކީ މަސްވެރިކަމުގައި ސަރުކާރުގެ ކޮންޓްރޯލް ނުގެންގުޅޭނެކަމަށާއި، ހުރިހާ ބާރެއް ދޫކޮށްލާނީ މަސްވެރިންނަށްކަމަށެވެ.

ރަސްދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެރަށުގެ ތަރައްޤީއަށް ބޭނުންވާ ގިނަ ކަންކަން އެބަހުރިކަމަށާއި ރަސްދޫއަށް ވެފައިހުރި ހުރިހާ ވައުދުތައް ފުއްދަވާނެކަމުގެ ޔަޤީންކަން ދެއްވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް