ސަރުކާރުގައި ސިޔާސީ ވިސްނުމެއް ނުގެންގުޅުއްވައި، ހަމަހަމަކަމާއެކު ރައްޔިތުންނަށް ޚިދުމަތް ކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރޮއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ތޮއްޑޫ ރައްޔިތުންނާ ވާހަކަދައްކަވަމުން ރައީސް ވަނީ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީން ކުރާ މަސައްކަތުގައި ވެސް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރަށަށް ދިމާވެފައިވާ ބައެއް ކަންކަމަށް އަލިއަޅުއްވައިލައްވަމުން، ރަށުގެ މަގުތަކުގެ ހާލަތު ފާހަގަކުރައްވައި، ތޮއްޑޫގެ މަގުތައް އަންނަ އަހަރު ހެދޭނެކަމުގެ ޔަޤީންކަން ދެއްވިއެވެ.
އެގޮތުން 2025 ވަނަ އަހަރަށް ސަރުކާރުން ހުށައެޅުއްވި ބަޖެޓުގައި އެންމެ އިސްކަމެއް ދެއްވާފައިވާނީ ފެނާއި ނަރުދަމާ އެޅުމާއެކު ރަށުގެ މަގުހެދުން ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ. އަދި ރަށުގެ ތަރައްޤީއަށްޓަކައި ވަޢުދުވެވަޑައިގެންފައިވާ ގޮތަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމެނިގެން ސިއްޙީ މަރުކަޒު ފުޅާކުރެވި، ޚިދުމަތްތައް އިތުރުކޮށްދެވޭނެ ކަމަށާއި، ރަށު ސްކޫލް، އެއް ދަންފަޅިއަށް ބަދަލުކޮށް، އޭލެވެލްއަށް ޖާގަ ހެދުމަށް ބޭނުންވާ ކްލާސްރޫމްތަކާއި ވަޞީލަތްތައް ގާއިމުކުރުމުގެ މަސައްކަތް އަންނަ އަހަރު ކުރިއަށްގެންދަވާނެކަން އެ މަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ކުނި މެނޭޖްކުރަން ރީޖަންތަކަށް ބަހާލައިއިގެން، ގްރީން ޓެކްސްގެ ބޭނުން ހިއްޕަވައިގެން ކޮންސޮލިޑޭޓަޑް ގޮތެއްގައި ބެލެހެއްޓޭނެ ނިޒާމެއްގެ މަސައްކަތް، މުޅި ރާއްޖޭގައި ފައްޓަވާފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ ތޮއްޑޫގައި ޑޮލަރު އޭޓީއެމް އެއް ގާއިމުކޮށްދެއްވާނެ ކަމަށާއި، ބޭންކިންގ ޚިދުމަތްތައް ރައްޔިތުންނަށް ރަށުގައި ތިބެގެން ލިބޭނެ މަގުފަހިކޮށްދެއްވައި، މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް މި ވަޞީލަތްތައް ހޯއްދަވައިދެއްވުމަށް ކުރައްވަމުންގެންދަވާ މަސައްކަތް އެ މަނިކުފާނުގެ ވާހަކަފުޅުގައި ހިއްސާ ކުރައްވާފައެވެ.
ރައްޔިތުންނާ ބައްދަލުކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ތޮއްޑޫ ސިއްޙީ މަރުކަޒަށް ޒިޔާރަތް ކުރައްވައި، އެ ތަނުގެ ޙާލަތު ބައްލަވާލައްވައި، މުވައްޒަފުންނާ ބައްދަލުކުރައްވައި، އެ މަރުކަޒުގެ ހިންގުމަށް ދިމާވެފައިވާ ދަތިތައް އޮޅުންފިލުއްވާފައެވެ. އަދި އެ މަނިކުފާނު ވަނީ އެ މަރުކަޒު އިތުރަށް ތަރައްޤީ ކުރުމަށްޓަކައި މަރުކަޒަށް ބޭނުންވާ ކަންކަމުގެ މަޢުލޫމާތު ސާފުކުރައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް