ވާހަކަ: ޑައިރީ – ހަތްދިހަ ވަނަބައި

ކުރީގެ އަދަދާއި ގުޅޭ... ނަދުވީ އަށްވެސް ޝައްކުތަކެއް ވާންފެށި...! ނަދުވީގެ ސުވާލުތަކަށްވެސް ދޭނެ ޖަވާބެއް އަހަންނަކަށް ނޭނގުނު...!" ނާޒިމާ އިސްޖަހައިގެން އިނދެ ވާހަކަ ދައްކަމުން ގެންދިޔައެވެ. "ހޫން......

08 Dec 2024 | 08:37

ކުރީގެ އަދަދާއި ގުޅޭ...

ނަދުވީ އަށްވެސް ޝައްކުތަކެއް ވާންފެށި...! ނަދުވީގެ ސުވާލުތަކަށްވެސް ދޭނެ ޖަވާބެއް އަހަންނަކަށް ނޭނގުނު...!" ނާޒިމާ އިސްޖަހައިގެން އިނދެ ވާހަކަ ދައްކަމުން ގެންދިޔައެވެ.

"ހޫން... ހޫން... އެންމެ ރަނގަޅޭ...! ތި ފިލްމުގެ ދެން ކަންތައް ވީގޮތެއް އަޑުއަހަން ވަރަށް ޝައުޤުވެރިވެ އަހަރުމެން މިތިބީ...! ހަދަހަދައިގެން ނަމަވެސް ދެންވީގޮތެއް އަހަރުމެންނަށް ކިޔާދީބަލަ...! ދެން ކިހިނެކޭވީ..." މަލާމާތުގެ ރާގަކަށް އައިލީން ބުންޏެވެ.

"އަހަރެން... އަހަރެން އެއްވެސް ވާހަކައެއް މިދައްކަނީ ހަދަހަދައިގެނެއްނޫން...! ކަންތައްވީ ގޮތަށް...! އަހަންނަކީ ހަދަހަދައިގެން ވާހަކަ ދައްކާހާ ގޯސްމީހެއް ނޫން...! މިއަދު ކަންތައް ދިމާވިގޮތުން އަހަރެން މިދައްކާ ވާހަކަ ޤަބޫލު ކުރުމަކީ އުނދަގޫ ކަމަކަށްވެސް ވެދާނެ...! އަހަންނަށްވެސް އެނގޭ އަހަރެން އެގޮތަށް ކަންތައްތައް ކޮށްގެންނުވާނެކަން...! އެއީ ވަރަށް ބޮޑު ގޯހެއްކަންވެސް...! އަހަރެން އެކަމަށްޓަކައި ތި ދެމަފިރިންގެ ކިބައިން ވަރަށްބޮޑަށް މާފަށް އެދެން...! އަހަރެން ވަންނާނެ ތަނެއް، ދާނެ ތަނެއް ނެތި އެގޭގައި ހުއްޓާ މިގެއަށް ގެނައީ ތި ދެމަފިރިން...! އެހެންވީމަ ތި ދެމަފިރިން ހިތްހަމަ ނުޖެހޭފަދަ އެއްވެސް ކަމެއް ކުރިއަށް އޮތްތާނގައި އަހަރެން ދުވަހަކުވެސް ނުކުރާނަން..." ނާޒިމާ ރޮމުން ރޮމުން އިސްއުފުލާލާ އައިލީން އާ ދިމާއަށް ބަލާލުމަށްފަހު ބުންޏެވެ.

"ހޫން...! ދެން މާ މާތްމީހަކަށްވާން އުޅޭނެކަމެއްނެތް...! އަހަރުމެން ހިތްހަމަ ޖައްސައިދޭކަމަށްވެސް ހިތްހަމަ ނުޖެހޭ ކަންކަން ކުރާކަށްވެސް ދެން ނާޒިމާ މިގެއަކު ނުބަހައްޓާނަން....! އަހަރުމެން މިއަހާ ސުވާލަކީ ކަލޭ ތީ ކާކުހޭ...! ކީއްވެހޭ ކަލޭގެ ތި ދިރިއުޅުން އަހަރުމެންނަށް ކުރިން ކިޔައިނުދީ މިގެއަށް އައީ..؟" ރާއިފު ކުރަމުން އައި ސުވާލު އަނެއްކާވެސް ތަކުރާރު ކުރިއެވެ.

"އަހަރެން މި މަސައްކަތް ކުރަނީ އަހަރެންގެ ހުރިހާ ވާހަކައެއް ކިޔައިދޭން...! އެންމެ ފަހުން އަހަރެން ހަދާނެ ގޮތެއް ނޭނގިގެން އަހަންނަށް ގަސްދުކުރީ އަހަންނަށް ކަންތައްތައް ވަމުންދިޔަގޮތް ނަދުވީއަށް ކިޔައިދޭން...! އެއީ އަހަރެން އެ މާހައުލުން ސަލާމަތްވާނެ ގޮތެއް ފެނޭތޯ، އަދި ނަދުވީގެ އެހީތެރިކަމެއްވެސް ލިބޭތޯ...؟ އަހަރެން ނަދުވީއަށް އެދުވަހު ފޯނުކުރީ ވަރަށް އުއްމީދާއެކު..!  އެއީ ގޭތެރޭގެ މާހައުލުގައި ދެއްކޭ ކަހަލަ ވާހަކައަކަށް ނުވާތީ އަހަރެން ގަސްދުކުރީ ބޭރުން ކޮންމެވެސް ތާކުން ނަދުވީ އާ ބައްދަލުކޮށް ވެގެންއުޅޭގޮތް ނަދުވީއަށް ކިޔައިދިނުމަށްފަހު އެކަމުން ސަލާމަތްވުމަށްޓަކައި ނަދުވީގެ އެހީތެރިކަމެއް ހޯދަން...! ދެންމެ ވީކަމެއްހެން އަދިވެސް އަހަރެން އެދުވަސް ހަނދާން އެބަހުރި... އަހަރެން އެދުވަހު ނަދުވީއަށް ފޯނުކުރިން...!" ވާހަކަ ދައްކަމުންގޮސް ދުރުބަލާލުމަށްފަހު ނާޒިމާ މާޒީގެ ކަނޑަށް ޣަރަޤުވެގެން ދިޔައެވެ.

"ނަދުވީ...! ނަދުވީ...! އަހަރެން މިއަދު ނަދުވީ އާ ބައްދަލުކޮށްލަން ބޭނުން...! ވަރަށް އަވަހަށް...!" ހާސްވެފައިވާ އަޑަކުން ނާޒިމާ ބުންޏެވެ.

"އަނެއްކާ ކިހިނެތްވީ...؟ ހާދަ ހާސްވެފަ...! ގޭގައި އަނެއްކާވެސް ކަމެއް ދިމާވީތަ...؟ ބުނެބަލަ..! މިއަދު ކިހިނެތްވީ...؟" ނަދުވީ ވެސް ހާސްވެފައި ސުވާލު ކުރިއެވެ.

"ވަރަށް ބޮޑުކަމެއް...! މިހެން ފޯނުން ކިޔައިދެވޭ ވަރަށްވުރެވެސް ބޮޑު ކަމެކޭ...! މިވާހަކަ ކިޔައިދެވޭނީ ދިމާވެގެން..! ބުނެބަލަ ދިމާވެވޭނެ އިރެއް...! އަހަންނަކަށް މިހާރަކު ދެން ވަގުތެއްނެތް...! އަހަރެން ބޭނުން ވީހާވެސް އަވަހަކަށް...!" ހާސްވެފައިހުރި ނާޒިމާ އަވަސް އަވަހަށް ވާހަކަ ދައްކަމުން ގެންދިޔައެވެ.

"ތިހާ ބޮޑު ކަމެއްވިއްޔާ މިހާރުވެސް ދިމާވާންވީ...! ކިހިނެތް އަހަރެން ހަދަންވީ...؟ ތިގޭ ކައިރިއަށް ދާންވީތަ...؟ ތައްޔާރު ވެލަން ކުޑަވަގުތުކޮޅެއްދީ...!" ނާޒިމާ ހާސްވެފައިހުރިވަރު އިޙްސާސް ކުރެވިގެން އެވާހަކަތައް އަވަހަށް އަޑު އެހުމަށްޓަކައި ނަދުވީ ބުންޏެވެ.

"މިހާރަކުނޫން...! ހަވީރު ކޮންމެސް ގަޑިއަކުން...! މިހާރު މިއުޅެނީ ބަދިގޭ މަސައްކަތްތަކުގަ...! މި ކަންކަން ނިންމާލާފަ ހަވީރު ފަހެއް ޖަހަންވާއިރަށް އަހަރެން ދާނަން ފުއްޓަރު ފަރާތުގެ އަތިރިމަތީގު ހުރި ބޮޑު ނިކަގަސްދޮށަށް...! ނަދުވީ ވެސް އެގަޑިއަށް އެތަނަށް ދޭ...!" ނާޒިމާ ފޯނޯ ބާއްވަމުން ބުންޏެވެ.

ބޮޑުދައިތައަކީ ރަށުގައި ކުނިކަހާ މީހެއްގެ ވަޒީފާ އަދާކުރާ މީހެއް ކަމުގައިވާތީ، އެހެން ދުވަސްދުވަހެކޭ އެއްގޮތަށް މިއަދުވެސް އާދައިގެމަތިން ހެނދުނު ކުނިކަހަން ދިޔަގޮތަށް ބޮޑުދައިތަ އަދި ގެއަކަށް ނާދެއެވެ. ކުނިކަހާ ނިމިގެން ޢާންމުކޮށް ކޮންމެ ދުވަހަކުވެސް ބޮޑުދައިތަ ގެއަށް އަންނާނީ މެންދުރުވާ ފަހުންނެވެ. އަނެއްކާ ހަވީރު ކުނިކަހަންދާނެއެވެ. ގޭގެ ހުރިހާ ޚަރަދެއް ބަލަހައްޓަމުން ގެންދަނީ ބޮޑުދައިތަ ކުނިކަހައިގެން ލިބޭ މަދު ފައިސާކޮޅުންނެވެ. ގިނަ ފަހަރު އެލާރިކޮޅުންވެސް އެއްބައި ބޮޑުދައިތަގެ އަތުން ބޮޑުދައިތަގެ ފިރިމީހާ އަތުލައެވެ. ނާޒިމާ ފޯނު ބޭއްވުމަށްފަހު ދިޔައީ ބަދިގެއަށެވެ. ބަދިގެއަށް ވަދެ މެންދުރަށް ކެއްކުމަށްޓަކައި ކުރަންހުރި މަސައްކަތްތައް އަވަސް އަހަވަށްކޮށް ނިންމާލުމަށްފަހު ބަދިގެއިން ބޭރަށް ނުކުންނަށް ހިނގައިގަން އިރު ބަދިގެ ދޮރުމަތީގައި ދޮރުގެ ދެކަނީގައި އަތް ވިއްދާލައިގެން ބޮޑުދައިތަގެ ފިރިމީހާ ހުއްޓެވެ. އާދަމްފުޅު ހުރީ ދަހިވެތި ނަޒަރަކުން ނާޒިމާއާ ދިމާއަށް ބަލަހައްޓައިގެންނެވެ.

"ފެންތައްޓެއް...! ވަރަށް ބޮޑަށް ކަރު ހިއްކައިގަންފަ މިހިރީ...!" ނާޒިމާއާ ދިމާއަށް ބަހައްޓައިގެންހުރި އާދަމްފުޅު ފާޑަކަށް ހީނލާފައި ބުންޏެވެ.

ނާޒިމާ އައިސްއަލަމާރިން ފެންފުޅި ނަގާ ބިއްލޫރިތައްޓަށް ފެންފޮދެއް އަޅާ އާދަމްފުޅާ ދިމާއަށް ދިއްކޮށްލުމާއެކު އާދަމްފުޅު ފެންތަށީގައި ހިފާ ފެންތަށި ބޯލުމަށްފަހު ހުސްތަށި ނާޒިމާއަށް ދިއްކޮށްލިއެވެ. ނާޒިމާ އެތަށީގައި ހިފުމާއެކު އާދަމްފުޅު އަނެއްއަތުން ނާޒިމާގެ އަތުގައި ވަރަށް ބާރަށް ހިފާލިއެވެ.

"އަދި ބޭނުން...! އެވަރަކުން އަހަރެން އަލައެއް ނުފިލި...! ނާޒިމާއަށް އެނގެއެއްނު އެވަރުން އަހަރެންގެ އަލާ ނުފިލާނެ ކަންވެސް...!" ފާޑަކަށް ހިނިއައިސްފައިހުރެ ނުބައި ފާޑަކަށް އާދަމްފުޅު ބުންޏެވެ.

ނާޒިމާ ބަލާވެސް ނުލާ އާދަމްފުޅުގެ އަތް ފޮޅުވާލުމަށްފަހު ގޮސް އަނެއްކާވެސް އައިސް އަލަމާރި ހުޅުވާލުމަށްފަހު ފެންފުޅި ނެގިއެވެ.

"ތި ފެނަކުން މިހާރަކު ދެން އަލައެއް ނުފިލާނެ...! ފެންދޭން ކޮޓަރިއަށް ހިނގާ...!" އަނެއްކާވެސް ނާޒިމާގެ އަތުގައި ހިފަމުން ހަރުކަށިކަމާއެކު އާދަމްފުޅު ބުންޏެވެ.

"އަތުން ދޫކުރޭ...! ކިހިނެތް ވެގެންތަ ތިއުޅެނީ...! ކަލެއާ ހެދި މިހާރު ދެން ކިހާބޮޑު ކަމެއްތަ...؟ މަ ނޫޅެން ކަލޭ ހެދިހާ ގޮތެއް ހެދިގެން ދެން ހުންނާކަށް...! ވަރަށް ގިނަ ދުވަހު ކެތްކޮށްފީމެއްނު...! މަށަށް ހެޔޮ ކަލޭ ބޮޑުދައިތައަށް ކޮންމެ ގޮތެއް ހެދިޔަސް...! ކަލޭގެ އަންހެނުން އެއީ... ކަލޭ ބޭނުންގޮތެއް ހަދާބަލަ...! އަބަދަކު ދެން ތިހެން މަށަށް ބިރު ދައްކައިގެން ކަލޭ ބޭނުންހާ ގޮތަކަށް ކަންތަކެއް ނުކުރެވޭނެ...! ހީނުކުރައްޗޭ ދެން ކަލޭދެކެ ބިރުން އަހަރެން އަނގަ މަޑުން ލައިގެން ހުންނާނެޔޭ..." ގޭގައި އިތުރު އެއްވެސް މީހަކު ނެތްކަން ނާޒިމާއަށް އެނގޭތީ ނާޒިމާ، އާދަމްފުޅުގެ އަތް ފޮޅުވާލުމަށްފހު ހަޅޭއްލަވައި ގަތެވެ.

"އައްދެ...! ކުއްލިއަކަށް ހާދަ ހިތްވަރެއް ތިލިބުނީ...! ކާކުގެ ނަސޭހަތެއް އަޑުއަހައިގެން ތިއުޅޭނީ...! ތިހެން ފާޑުފާޑަށް ގަދަހަދައިގެން ކަލޭ ހީކުރީ ކަލެއަށް މިގޭގަ އުޅެވިދާނެ ކަމަށްތަ...؟ މިގޭގައި އުޅެންޏާ މަ ބޭނުން ހުރިހާ ކަމެއް ކަލޭ ޖެހޭނީ އަހަންނަށް ކޮށްދޭން...! ކަލޭ މިގޭގައި އުޅެންޏާ އެކަމުގެ އަގު އަހަރެން ކަލޭގެ އަތުން ހޯދާނާނަން...! މިއީ މަގޭ ގޯއްޗެކޭ...! މަށަށް އަގެއް ނުލިބޭގޮތަކަށް މިތާކު ކަލެއެއް ނުބަހައްޓާނަން...! ހިނގާ ކޮޓަރިއަށް..." އަނެއްކާވެސް ނާޒިމާގެ އަތުގައި ހިފުމަށްފަހު އާދަމްފުޅު ވަރަށް ބާރަށް ބުންޏެވެ.

"އައްދޯތް...! އަހަރެންގެ އަތުން ދޫކޮށްލާ...! އަހަންނަށް ތަދުވެޔޭ...! އަހަރެންގެ ގައިގައި ހާދަ ވޭނެއް އަޅަޔޭ...! ކަލޭގެ އަނިޔާތަކުގެ ސަބަބުން އަހަރެންގެ ގައިގައި ނުރިއްސާ އެންމެ ތަންކޮޅެއްވެސް މިހާރަކު ނެތޭ ...! އެވަރުންވެސް ކަލެއަކަށް ނުފުދޭތަ...؟ ކަލޭ ހީނުކުރާތި އަހަރެން އަބަދު އަނގަމަޑުން ލައިގެން ހުންނާނެއޭ...! ކަލޭ އަހަންނާދޭތެރޭ ކަންތައް ކުރާގޮތުގެ ވާހަކަ ބޮޑުދައިތަ ކައިރީގަވެސް ބުނާނަން...! ކަލޭ މުޅި ރަށަށް ބޭޒާރު ކޮށްލާނަން...! މިކަން ކޮށްގެން ކަލެއަށް އިތުރަށް އަހަންނަށް ކުރެވޭނެ އެއްވެސް އަނިޔާއެއް ދެން ނެތް...! އަހަންނަށް ކުރެވޭނެ ހުރިހާ އަނެއްކާވެސް ކަލޭ މިހާރު އޮތީ ކޮށްފަ...!" ރުޅިއައިސް ރަތްވެފައިހުރި ނާޒިމާ ވާހަކަ ދައްކަމުން ގެންދިޔައެވެ.

"އައްޗި...! ހިތުން މަ ބިރުގަންނަވަންތަ ތިއުޅެނީ...! ބަލަ ތިވާހަކަތަކެއް ދައްކައިގެން ބޭޒާރުވާނީ މަ އެކަންޏެއް ނޫނޭ...! މަށެކޭ އެއްވަރަށް ކަލޭވެސް ބޭޒާރުވާނެ...! އެކަމެއް ކަލެއަކަށް ނުވިސްނޭތަ...؟ އެހެންވީމަ އަދިވެސް ރަނގަޅުވާނީ ތި އަނގަ މަޑުންލައިގެން އަހަރެންގެ ޚިދުމަތުގަ އަހަރެން ބުނާ ކަންކަން ކޮށްލަދޭން ހުރިއްޔާ...! އޭރުން ކަލެއަށްވެސް އަހަންނަށްވެސް ހިތްހަމަ ޖެހުމާއި، އުފާ ލިބޭނެ....! އަހަރެންގެ ފަރާތުން ކަލެއަކަށް ހިތްހަމަ ޖެހުމެއް ނުލިބޭތަ...؟ އުފަލެއް ނުލިބޭތަ...؟ އަރާމެއް ނުލިބޭތަ...؟ ލިބެޔެއްނު...! އެހެންވީމަ މިކަމަށް ފުރަގަސްދޭންވީ އެއްވެސް ސަބަބެއް ނެތެއްނު..." ނުބައި ފާޑަކަށް ހިނިއައިސްފައިހުރެ އާދަމްފުޅު ވާހަކަ ދައްކަމުން ގެންދިޔައެވެ.

"ހުންނަ ގޮތް ކުޑަކަން...! އުފަލޭ...! ހިތްހަމަ ޖެހުމޭ...! އަރާމޭ...! އުފަލާ ހިތްހަމަޖެހުމާ އަރާމަކީ ކޮބައިކަން ކަލެއަށް އެނގޭތަ...؟ ކޮންމެ ރެއަކު އަހަރެން ރޮއިރޮއި ގަދަހަދަހަދަ އޮއްވަ، އަހަރެން ނުގަބޫލުގައި އައިސް އަހަންނަށް ހިތްހަމަ ޖެހުމާއި އުފާތަ ކަލޭ ދެނީ...! ވަރިހަމަ މިފަހަރު އަހަރެން ބޭޒާރުވިޔަސް...! އެހެން ނޫނަސް އަހަރެން ބޭޒާރުވާކަށް މާގިނަ ދުވަހެއް ދެންނެތޭ..! އަހަރެން ބޭޒާރު ވުމުގެ ކުރިން އަހަރެން ބޭނުން ކަލޭވެސް ބޭޒާރު ކޮށްލަން...!" ނާޒިމާ ރުޅި އައިސްގެން ހަޅޭއްލަވައިގަތެވެ.

"ކަލޭ ބޭޒާރޭ...! އާނ.. ކަލޭ ބޭޒާރުވާނީ އަމިއްލައަށް...! އެހެން ނޫނަސް ބޭޒާރޭ ކިޔައިގެން ކަލޭ ތިދައްކާ ވާހަކައެއް އަހަންނަކަށް ނޭނގެ...! ތަންކޮޅެއް އެނގޭ ގޮތަށް ތިކިޔާ އެއްޗެއް ކިޔާބަލަ...! އޭރުން މަށަށް އެނގޭނީ...! މަމީ ނާޒިމާއާ އެއްފެންވަރަށް ކިޔަވައިގެން ހުރި މީހެއް ނޫނޭ...!" ނާޒިމާއަށް ދިމާއަށް ބަލަންހުރެ އާދަމްފުޅު ވާހަކަ ދެއްކިއެވެ.

"ކަލެއަށް ނޭނގެންޏާ މިކިޔާ އެއްޗެއް ރަނގަޅަށް ކަނުލާ އަޑުއަހާ...! ކަލޭ ކޮންމެ ރެޔަކު އައިސް ތިކުރާ ކަންތައްތަކުން އަހަރެން މިއިނީ މިހާރު ކަލޭގެ ދަރިޔަކަށް ބަލިވެ..! އަހަރެން ބޭޒާރުވުމުގެ ކުރިން އަހަރެން ކަލޭވެސް ބޭޒާރުކޮށްލާނަން...! އަހަންނަށް ހެޔޮ ފަހުން ކޮންމެ ގޮތަކަށް ކަންތައްވިޔަސް...!" ނާޒިމާ އެހުރިގޮތަށްހުރެ ފަހަތަށް ޖެހިލަމުން ބުންޏެވެ.

"އޭނ...! ބަލިބެ އިނީޔޭ....! މަގޭ ދަރިޔަކަށޭ....! ކަލޭ އުޅޭނެހާ ގޮތަކަށް އުޅެފައައިސް ބަނޑުބޮޑުވީމަ އަހަރެންގެ ބޮލަށް ކަނޑާލަން ނޫޅޭ...! ކިހިނެތް ކަލޭ އަހަރެންގެ ދަރިޔަކަށް ބަލިވެ އިންނާނީ...!" އެކަން ބޮލުން ނައްޓާލަން މަސައްކަތް ކުރަމުން އާދަމްފުޅު ބުންޏެވެ.

"ބަލަ. ކަލޭ ކުރިން ކުރާ ކަންތަކެއްނޫނެއްނު މިހާރު ކޮންމެ ރެޔަކު އައިސް ކުރަނީކީ...! އެކަމެއް ކަލެއަކަށް ނޭނގޭތަ...؟ ހެއްދެވިހާ ނުބައިކަމެއް ކޮށްފަ ކޮންމެހެން ބޮލުން ނައްޓާލަން އެޅޭނެ ކަމެއްނެތް...! އަހަރެން ބޭޒާރު ވެގެންދާއިރު އަހަންނެކޭ އެއްވަރަށް ކަލޭވެސް ބޭޒާރު ކޮށްލާނަން...!" ނާޒިމާ އާދަމްފުޅާ ދިމާއަށް އިނގިލި ދިއްކޮށްލުމަށްފަހު ބުންޏެވެ.

"އެހެންތަ...؟ މައްސަލައެއް ނެތް...! އެކަމަކު ކަލޭ ބަލަންހުންނާތި ދެން ކަލޭގެ ބޮޑުދައިތައަށް ވާނެގޮތް...! މިތާނގައި މިއުޅޭ ކަލޭގެ ކޮއްކޮމެންނަށް ވާނެގޮތް...! އެކަމުގެ ޒިންމާ މަގޭ ބޮލުގަ ނާޅުވާތި...!" ބަދިގެއިން ނުކުންނަން ހިނގައިގަންނަމުން އާދަމްފުޅު ބުންޏެވެ.

"އަހަންނަށްހެޔޮ އެމީހުންނަށް ކޮންމެގޮތެއް ވިޔަސް....! ބޮޑުދައިތައަކީ ކަލޭގެ އަންހެނުން...! ދެން މިގޭގައި މިއުޅެނީ ކަލޭގެ ދަރިން...! އެމީހުންނަށް ބަލައިގެން އުޅެން ހަދައިގެން އަހަރެންގެ މުޅި ދިރިއުޅުން މި ހަލާކުވެގެން ދިޔައީ...! މިހުރިޙާ ކަމެއްގެ ޒިންމާ އުފުލަންޖެހޭ މީހަކީ ތިއީ...! މިއަދު ކަލޭގެ ހުރިހާ ވާހަކައެއް އަހަރެން ބޮޑުދައިތައަށްވެސް ކިޔައިދޭނަން...!" ބަދިގެއިން ނުކުންނަން ދިޔަ އާދަމްފުޅާ ދިމާއަށް ބަލަންހުރެ ނާޒިމާ ހަޅޭއްލަވައި ގަތެވެ.

އާދަމްފުޅު ބަދިގެއިން ނުކުމެގެން ދިދުމުން ނާޒިމާ ހިފަހައްޓައިގެންހުރި ކަރުނަތައް އެއްވެސް ހިފެހެއްޓުމެއްނެތި އޭނާގެ ކޯތާފަތްމައްޗަށް ފައިބައިގަތެވެ. ނާޒިމާ މަޑުމަޑުން ކާމޭޒު ދޮށުގައި ހުރި ގޮނޑީގައި އިށީނދެ، ދެން ކަންތައް ކުރާނެގޮތަކާމެދު ވިސްނާލުމަށްޓަކައި އިސްޖަހާލިއެވެ. އޭރުވެސް ނާޒިމާގެ ލޮލުން ކަރުތައް ފައިބަމުން ދިޔައެވެ. އިރުކޮޅަކުން ކޮންމެސް މީހަކު އައިސް ބަދިގެއަށް ވަތް އަޑު އިވިގެން ނާޒިމާ ލޯ ފޮހެލުމަށްފަހު އެނބުރި ބަލާލިއެވެ.


ނުނިމޭ.... ވާހަކައިގެ އާ ބައެއް، 10 ޑިސެމްބަރު، އަންގާރަ ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް