ބައްޝާރުގެ އެތަކެއް އަހަރެއްވީ އަނިޔާވެރި، ވެރިކަން ނިމުމަކަށް!

ސޫރިޔާގެ އިދިކޮޅު ހަނގުރާމަ ވެރިން ރޭ ފަތިހު ވެރިރަށް ދިމިޝްގަށް އެރުމާއެކު ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދާއި އޭނާގެ އާއިލާ ސޫރިޔާ ދޫކޮށް ފިއްލަވައިފި އެވެ. ސޫރިޔާގެ އަސްކަރިއްޔާއިން ވަނީ އަސަދުގެ ވ...

08 Dec 2024 | 05:49

ސޫރިޔާގެ އިދިކޮޅު ހަނގުރާމަ ވެރިން ރޭ ފަތިހު ވެރިރަށް ދިމިޝްގަށް އެރުމާއެކު ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދާއި އޭނާގެ އާއިލާ ސޫރިޔާ ދޫކޮށް ފިއްލަވައިފި އެވެ.

ސޫރިޔާގެ އަސްކަރިއްޔާއިން ވަނީ އަސަދުގެ ވެރިކަން ނިމުނުކަން އެ ގައުމުގެ ސިފައިންނަށް އަންގައި އެކަން އިއުލާނުކޮށްފައެވެ.

ސީރިއާގެ ޑިފެންސް މިނިސްޓްރީ ދޫކޮށް އެގައުމުގެ ސިފައިން ފިލާފައިވާ ކަމަށް ރިޕޯޓުތައް ބުނެފައިވާއިރު ސީރިއާގެ ދައުލަތުގެ ޓީވީ ސްޓޭޝަންވެސް އިދިކޮޅު ހަނގުރާމަވެރިންގެ ބާރުގެ ދަށަށް ގެނެސްފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.

ހަނގުރާމަވެރިންގެ ބާރުގެ ދަށަށް ގޮސްފައިވާ ސޫރިޔާގެ ވެރިރަށް ދިމިޝްގުގެ ސަރަހައްދުތަކުގައި ބައްޝާރާ ދެކޮޅަށް އަޑު އުފުލައި، މައިދާންތަކުގައި ހުރި އޭނާގެ ބުދުތަކަށް ގެއްލުންދީ އާންމުން އަންނަނީ އުފާ ފާޅުކުރުން ނެވެ.

ސޫރިއާގެ ވެރިކަމުން ބައްޝާރު ދުރުކުރުމަށް ފެށި މުޒާހަރާތައް ރޫޅާލުމަށް ބާރުގެ ބޭނުންކުރުމާ އެކު އުފެދުނު ދާހިލީ ހަނގުރާމައިގެ ސަބަބުން މިހާތަނަށް 500،000 އަށް ވުރެ ގިނަ މީހުން ސީރިއާގައި ވަނީ މަރުވެފަ އެވެ. އަދި މި ހަމަނުޖެހުންތަކާ ހެދި އެތައް ހާސް ބަޔަކު ވަނީ އެކި ހިސާބުތަކަށް ހިޖުރަކޮށްފަ އެވެ.

ބައްޝާރު ސީރިޔާއިން ފިލައިގެން ދިޔަ އިރު، އޭނާއަށް ހިމާޔަތް ދޭނެކަމަށް ބެލެވެނީ ރަޝިއާ، އީރާން އަދި ޔުނައިޓެޑް އަރަބް އިމަރޭޓްސް (ޔޫއޭއީ) މިތިންގައުމެވެ. ރަޝިއާ، އީރާން އަކީ މިހާތަނަށް ބައްޝާރުގެ ވެރިކަން ދެމެހެއްޓުމުގައި އިސް ދައުރެއް އަދާކުރި ދެގައު މެވެ.

މިހާރު އުމުރުން 59 އަހަރުގެ ބައްޝާރު ވެރިކަމުގައި ހުންނަވާތާ ވެސް 24 އަހަރު ވެފައި ވާއިރު މިއީ އޭނާގެ ވެރިކަމުގެ ނިމުމުގެ އިތުރުން ސޫރިއާ ކޮންޓްރޯލްކުރަމުން ދިޔަ އަސަދު އާއިލާގެ ވެރިކަން ވެސް ނިމުމަކަށް އައީ އެވެ. ބައްޝާރު ވެރިކަމަށް ވަޑައިގަތީ 14 މާޗް، 1971 އިން ފެށިގެން ވެރިކަމުގައި ހުންނެވި ބައްޕާފުޅު ހާފިޒުލް އަސަދު 2000 ވަނަ އަހަރު އަވަހާރަވުމާ އެކު އެވެ.

އެޗްޓީއެސްގެ ހަނގުރާމަވެރިން ބުނެފައިވާ ގޮތުގައި އެ މީހުން ދިމިޝްގަށް ވަނުމަށް ސޫރިޔާގެ އަސްކަރިއްޔާއިން ހުރަސްއަޅާފައި ނުވާ ކަމަށެވެ. އަދި މިއީ ހުދުމުހުތާރު ވެރިކަމެއްގެ ނިމުން ކަމަށާއި މިއީ ސޫރިޔާގެ ރައްޔިތުންގެ މިނިވަން ކަމުގެ ފެށުން ކަމަށް ވެސް ހަނގުރާމަވެރިން ބުނެފައިވެ އެވެ.

ސޫރިޔާގެ އިދިކޮޅު ލީޑަރަކަށް މިހާރު ހުރީ ކުރިން ޖަބްހަތުއްނުސްރާގެ ވެރިއަކަށް ހުރި އުމުރުން 42 އަހަރުގެ އަބޫމުހައްމަދުލް ޖޫލާނީ (އަހްމަދުއްޝަރުއު) އެވެ. އޭނާއަކީ ކުރިން ސަލަފީ ތަކްފީރީ ވިސްނުމުގެ މީހެއްކަމަށް ވިޔަސް މިހާރު އޭނާވަނީ ވަރަށް ބޮޑަށް އެގޮތްގަނޑު ދޫކޮށްލައި މެދުމިނުގެ އިސްލާމީ އަދި ގައުމީ ފިކުރެއް ގެންގުޅެން ފަށާފައެވެ. ކުރިން އޭނާއަކީ އަލްގާއިދާގައިވެސް އުޅުނު މީހެކެވެ. އަދި އައިއެސްގެ ވެރިޔާ އަބޫބަކުރުލް ބަޣްދާދީގެ އަރިސް މީހެކެވެ. ނަމަވެސް ފަހުން ވަނީ އަލްގާއިދާ ދޫކޮށް ބައުދާދީ އާވެސް ހިޔާލު ތަފާތުވެ ބަޣްދާދީ އާ ވަކިވެގެންފަ އެވެ.

ސޫރިޔާގެ އިދިކޮޅު ހަނގުރާމަ ވެރިންވަނީ ރޭ ފަތިހު އެމީހުންގެ ބާރުތައް ވެރިރަށް ދިމިޝްގަށް ވަދެގަނެ ސޫރިޔާގެ ރަސްމީ ޓީވީ އާއި ރޭޑިއޯ އަދި ސަރުކާރުގެ ބައެއް އިމާރާތްތައް ހަނގުރާމައަކާނުލައި އެމީހުންގެ ކޮންޓްރޯލްގެ ދަށަށް ގެންދިޔަކަން ކަށަވަރުކޮށްދީފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް