ރައީސް ޑރ. މުޙައްމަދު މުއިއްޒު އއ. އަތޮޅާއި ކ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު ހެނދުނު ފުރާވަޑައިގެންފިއެވެ.
އެ މަނިކުފާނު ވަނީ ފުރަތަމަ މަންޒިލަކަށް މިއަދު ހެނދުނު އއ. ތޮއްޑޫއަށް ވަޑައިގެންފައެވެ. އަދި އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
ރައީސް އޮފީހުން ބުނީ، މި ދަތުރުފުޅުގައި އއ. އަތޮޅާއި ކ. އަތޮޅުގެ ބައެއް ރަށްތަކަށް ރައީސް މުއިއްޒު ޒިޔާރަތްކުރައްވަން ހަމަޖެހިފައިވާ ކަމަށެވެ.
ދެ އަތޮޅުގެ ވީހާ ވެސް ގިނަ ރަށްތަކުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރައްވާ ކޮމިޓީތަކުގެ އިތުރުން ދެ އަތޮޅުގެ އަތޮޅު ކައުންސިލާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ރައީސްގެ މިދަތުރުފުޅުގައި މާދަމާ ކ. އަތޮޅުން ވަޑައިގަންނަވާނީ ގާފަރާއި ހުރާ އަދި ހިންމަފުއްޓަށެވެ. އެރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވާނެއެވެ. އަދި މިރަށްރަށުގެ ރައްޔިތުންނާވެސް ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވެއެވެ.
ރައީސް މުޢިއްޒު އަތޮޅުތެރެއަށް ކުރައްވާ މި ދަތުރުފުޅުތަކަކީ ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރައްވާ އެމީހުންގެ ޝަކުވާތައް އަޑު އެއްސެވުމެވެ. އަދި ރަށްރަށުގައި ކުރިއަށްގެންދިޔުމަށް ފަށާފައިވާ މަޝްރޫޢުތަކުގެ މަޢުލޫމާތު ސާފުކުރުމާއި ރަށްރަށުގައި ކުރިއަށްގެންދަން ބޭނުންވާ މަޝްރޫޢުތަކުގެ މަޢުލޫމާތު އޮޅުން ފިލުވުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް