ޕްރިމިއާ ލީގު: ނޮޓިންހަމް އަތުން ވެސް ޔުނައިޓެޑް ބަލިވެއްޖެ

ޕްރިމިއާ ލީގުގައި ނޮޓިންގހަމް ފޮރެސްޓް އާއި ދެކޮޅަށް މެންޗެސްޓަރ ޔުނައިޓެޑް ކުޅުނު މެޗުން ވެސް މެންޗެސްޓަރ ޔުނައިޓެޑް ބަލިވެއްޖެ އެވެ. ނޮޓިންހަމް ފޮރެސްޓް އަތުން ޔުނައިޓެޑް ބަލިވީ 2-3 ގެ ނަތީޖާއިންނެވ...

08 Dec 2024 | 04:26

ޕްރިމިއާ ލީގުގައި ނޮޓިންގހަމް ފޮރެސްޓް އާއި ދެކޮޅަށް މެންޗެސްޓަރ ޔުނައިޓެޑް ކުޅުނު މެޗުން ވެސް މެންޗެސްޓަރ ޔުނައިޓެޑް ބަލިވެއްޖެ އެވެ.

ނޮޓިންހަމް ފޮރެސްޓް އަތުން ޔުނައިޓެޑް ބަލިވީ 2-3 ގެ ނަތީޖާއިންނެވެ.

ޔުނައިޓެޑްގެ އޯލްޑް ޓްރެފަޑްގައި ހަތްދިހަ ތިން ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ ދެވަނަ މިނިޓުގައި ނިކޮލާ މިލެންކޮވިޗް ވަނީ ލަނޑެއް ޖަހާ ފޮރެސްޓަށް ކުރި ހޯދަދީފަ އެވެ.

ނަމަވެސް އޭގެ 16 މިނިޓް ފަހުން ޔުނައިޓެޑްގެ ރަސްމުސް ހޮއިލަންޑް ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.

މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމުނުއިރު 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެފައިވީ ނަމަވެސް ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ދެވަނަ މިނިޓުގައި ފޮރެސްޓްގެ ގިބްސް ވައިޓް ވަނީ އިތުރު ލަނޑެއް ޖަހާ ދެވަނަ ފަހަރަށް އެ ޓީމަށް ކުރި ހޯދަދީފަ އެވެ.

އަދި މެޗުގެ 54 ވަނަ މިނިޓުގައި ކްރިސް ވުޑް ވަނީ ޔުނައިޓެޑްގެ ޑިފެންޑަރުންނަށް ހެދުނު ގޯހެއްގެ ފައިދާ ނަގާ އިތުރު ލަނޑެއް ޖަހާފަ އެވެ. މި ލަނޑާއެކު އޭނާ ވެފައިވަނީ ޕްރިމިއާ ލީގުގައި ފޮރެސްޓަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާގެ ޝަރަފު އޭނާގެ އުފަން ދުވަހު ހޯދާފަ އެވެ.

މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗު ކަމާއި ދާދި ފަހުން ހަވާލުވި ޕޯޗުގަލްގެ ރުބެން އަމޮރިމް ހަވާލުވިފަހުން ލީގުގައި އެ ޓީމު ކުޅުނު ހަތަރު މެޗުގެ ތެރެއިން މޮޅުވެފައިވަނީ އެންމެ މެޗަކުންނެވެ.

ރޭ ކުޅުނު މި މެޗުން ނޮޓިންހަމް ފޮރެސްޓް މޮޅުވުމާއެކު އެ ޓީމަށް ވަނީ 15 މެޗުން 25 ޕޮއިންޓާއެކު ތާވަލުގެ ފަސްވަނަ މަގާމް ލިބިފަ އެވެ. މެންޗެސްޓަރ ޔުނައިޓެޑް އޮތީ 15 މެޗުން ލިބުނު 19 ޕޮއިންޓާއެކު ތާވަލުގެ 13 ވަނައިގަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް