ސްޕެއިންގެ ކޯޗުކަމުގެ މަޤާމުން ލުއިސް އެންރީކޭ އިސްތިއުފާ ދީފި

ސްޕެއިންގެ ކޯޗުކަމުގެ މަޤާމުން ލުއިސް އެންރީކޭ އިސްތިއުފާ ދީފި އެވެ. އެންރީކޭ ސްޕެއިންގެ ކޯޗުކަމުން އިސްތިއުފާ ދީފައި މިވަނީ ވޯލްޑް ކަޕްގެ ދެވަނަ ބުރުގައި މޮރޮކޯ އަތުން ޕެނަލްޓީ ޖަހައިގެން ބަލިވެ ސްޕެ...

08 Dec 2022 | 12:22

ސްޕެއިންގެ ކޯޗުކަމުގެ މަޤާމުން ލުއިސް އެންރީކޭ އިސްތިއުފާ ދީފި އެވެ.

އެންރީކޭ ސްޕެއިންގެ ކޯޗުކަމުން އިސްތިއުފާ ދީފައި މިވަނީ ވޯލްޑް ކަޕްގެ ދެވަނަ ބުރުގައި މޮރޮކޯ އަތުން ޕެނަލްޓީ ޖަހައިގެން ބަލިވެ ސްޕެއިން މުބާރާތުން ކަޓާފައިވާ ދަނޑިވަޅެއްގަ އެވެ.

ޒުވާން ކުޅުންތެރިންގެ ސްކޮޑަކާއި އެކު ނުކުތް ސްޕެއިން ވޯލްޑް ކަޕުގެ ދެވަނަ ބުރުން މޮރޮކޯއަތުން ބަލިބެ މުބާރާތުން ކެޓިއިރު މިއީ އެޓީމުން ވޯލްޑް ކަޕްގެ ދެވަނަ ބުރުން ޖެހިޖެހިގެން ކެޓި ދެވަނަ ފަހަރެވެ.

ސްޕެއިންގެ ކޯޗުކަމުން އެންރީކޭ ވަކިވިއިރު، އޭނާ އެޓީމުގެ ކޯޗުކަމާއި ހަވާލުވީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގައެވެ. އަދި މިއަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް އެންރީކޭ ސްޕެއިން ގައުމީޓީމާއި އެކު ހަދާފައިވާ އެއްބަސްވުން ހަމަވާނެއެވެ. ނަމަވެސް އޭގެ ކުރިން އޭނާ މިވަނީ ސްޕެއިންގެ ކޯޗުކަން ދޫކޮށްލާފައެވެ.

އެންރީކޭ އާއި އެކު ސްޕެއިންނަށް މިހާތަނަށް މާ ބޮޑު ކާމިޔާބީތަކެއް ހޯދިފައި ނުވިނަމަވެސް އޭނާ ވަނީ ސްޕެއިން ޓީމާއި އެކު އެންމެފަހުން ބޭއްވި ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ސެމީފައިނަލަށް ދަތުރުކޮށްފަ އެވެ. އަދި މިއަހަރު ބޭއްވި ޔޫއެފާ ނޭޝަންސް ލީގުގެ ސެމީފައިނަލަށް ވެސް ސްޕެއިން ވަނީ ދަތުރުކޮށްފަ އެވެ.

ސްޕެއިންގެ ގައުމީ ޓީމުން އެންރީކޭ އިސްތިއުފާ ދީފައިވާއިރު އޭނާ ދެން ފެންނާނީ އަނެއްކާ ވެސް ކުލަބު ފުޓްބޯޅައިން ކަމަށް ސްޕެއިންގެ މީޑިއާ ރިޕޯޓުތައް ބުނެއެވެ.

އެންރީކޭ ސްޕެއިން ގައުމީޓީމުން ވަކިވި އިރު، އޭނާގެ ބަދަލުގައި ސްޕެއިން ޓީމަށް ކޯޗެއް ހޯދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް ވެސް ސްޕެއިންގެ މީޑިއާ ރިޕޯޓުތަކުން ވަނީ ބުނެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް