މާފުށީ ޖަލު އޮޕަރޭޝަންގައި 200 އަށް ވުރެ ގިނަ ފޯނާއި މަސްތުވާތަކެތި ހޯދައިފި

ކ. މާފުށީ ޖަލުގައި ސަލާމަތީ ބާރުތަކުން ހިންގި އޮޕަރޭޝަންގައި ގިނަ އަދަދެއްގެ ފޯނާއި މަސްތުވާތަކެތި ހޯދައިފި އެވެ. މި އޮޕަރޭޝަން ހިންގީ މިމަހުގެ ހަ ވަނަ ދުވަހުގެ ރޭ އެވެ. އެ އޮޕަރޭޝަން ހިންގީ ކަރެކްޝަނ...

08 Dec 2022 | 12:14

ކ. މާފުށީ ޖަލުގައި ސަލާމަތީ ބާރުތަކުން ހިންގި އޮޕަރޭޝަންގައި ގިނަ އަދަދެއްގެ ފޯނާއި މަސްތުވާތަކެތި ހޯދައިފި އެވެ.

މި އޮޕަރޭޝަން ހިންގީ މިމަހުގެ ހަ ވަނަ ދުވަހުގެ ރޭ އެވެ. އެ އޮޕަރޭޝަން ހިންގީ ކަރެކްޝަންސް އާއި ފުލުހުން އަދި ސިފައިން ގުޅިގެންނެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން މައުލޫމާތުދޭގޮތުގައި މި އޮޕަރޭޝަން އިއްޔެ ވަނީ ނިންމާލާފައި އެވެ.

މި އޮޕަރޭޝަނުގައި ފޯނާއި، ސިމްކާޑާއި، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ގިނަ އަދަދެއްގެ ތަކެތި ހޯދާފައިވެ އެވެ. ޖަލުން ހޯދާފައިވަނީ ކިހާ ޢަދަދެއްގެ މަނާ ތަކެއްޗެއްކަމަށް އެ ސާވިސްއިން އަދި ރަސްމީކޮށް ހާމައެއް ނުކުރެ އެވެ.

"ދުވަސް"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ބައެއް ގޮޅިތަކުން އަތުލައިގަތް ފޯނުތަކުގެ އަދަދު އުޅެނީ 200 އިން މަތީގައި އެވެ. އެއީ މުޅި ޖަލުން އަތުލައިގަތް އަދަދު ނޫން ކަމަށްވެ އެވެ.

މި އޮޕަރޭޝަން ހިންގީ ކުއްތާވެސް ބޭނުން ކޮށްގެން ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.

މި އޮޕަރޭޝަން ހިންގީ ކަރެކްޝަންސްގެ އެދުމަށެވެ. އެ އިދާރާއިން ބުނީ ޖަލަށް މަނާތަކެތި ވައްދައިގެން ސްކޭމް ކުރުމާއި ޓެރެރިޒަމަށް މަގުފަހިވާ އަމަލުތައް ހިންގާކަމަށް ލިބިފައިވާ މައުލޫތުތަކާއި ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށެވެ.

މި އޮޕަރޭޝަން ހިންގާފައި މިވަނީ އޮޅުވާލައިގެން މީހުން އަތުން ފައިސާ ހޯދުމަށް ސްކޭމް ކޯލުތަކާއި އެނޫންވެސް އަމަލުތައް ހިންގަނީ މާފުށީ ޖަލުގައި ތިބެގެނ ގައިދީންކަން ތަހުގީގަށް އެނގިފައިވާ ކަމަށް ފުލުހުން ހާމަކޮށްފައިވަނިކޮށެވެ.

ފުލުހުންގެ ތަފާސް ހިސާދު ދައްކާގޮތުން މިއަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ސްކޭމް ކޯލުތަކާއި ގުޅޭ 998 މައްސަލަ ހުށަހަޅާފައިވެ އެވެ. އަދި އެ މައްސަލަތަކުގައި 23 މިލިއަން ރުފިޔާގެ ގެއްލުން އެކި ފަރާތްތަކަށް ވެފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް