އިންޑިއާ ކަނޑުގައި އުފެދިފައިވާ ތޫފާން "މަންޑޫސް" ގެ ނުސީދާ އަސަރު ރާއްޖެއަށް ކުރާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓު) އިން ލަފާކޮށްފި އެވެ.
ބޭ އޮފް ބެންގޯލްގައި އުފެދުނު ކޮޅިގަނޑު ތޫފާނަކަށް ބަދަލުވެ، ދަތުރު ކުރަމުން ދަނީ އިންޑިއާގެ ޓަމިލް ނާޑޫ ސްޓޭޓްގެ އައްސޭރި ފަށުން އެއްގަމާއި ދިމާލަށެވެ. މި ތޫފާންގެ އަސަރު އިންޑިއާގެ ދެކުނުގެ ސަރަހައްދުތަކުގެ އިތުރުން ސްރީލަންކާއަށް ކުރާނެ އެވެ.
މެޓުން މައުލޫމާތު ދޭގޮތުގައި ކުރިޔަށް އޮތް ދެ ދުވަހު ރާއްޖެއަށް ތޫފާނު "މަންޑޫސް" ގެ ނުސީދާ އަސަރު ކުރާނެ އެވެ. އެގޮތުން ގަދަ ވަޔާއި އެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެ އެވެ.
މި ތޫފާނުގެ ބާރު ގަދަވާނެ ކަމަށް ލަފާ ކުރަނީ އަންނަ ހޮނިހިރު ދުވަހު އެވެ. މެޓުން ވަނީ މޫސުމަށް ސަމާލުވުމަށާއި ހާއްސަކޮށް ކަނޑު ދަތުރު ކުރާ ފަރާތްތަކުން ދަތުރަށް ފެށުމުގައި ސަމާލުވުމަށް އިލްތިމާސްކޮށްފައި އެވެ.
މެޓުން މިހާރުވެސް އޮތީ ރާއްޖޭގެ ބައެއް ހިސާބުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ވައިޓް އެލާޓު ނެރެފައި އެވެ. އެއީ ލ. އަތޮޅުން ފެށިގެން އައްޑޫ ސިޓީ އާއި ދެމެދަށެވެ.
އެ އިދާރާއިން ބުނީ10:00 އާއި ހަމައަށް އެ ސަރަހައްދަށް ކަނޑާއި ވައި ގަދަވާނެ ކަމަށެވެ. އަދި ވިލާގަނޑުގައި40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާ ކުރެ އެވެ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް