މިހާރު ކުރިޔަށް ދާ ދުނިޔޭގެ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތް ފީފާ ވޯލްޑް ކަޕްގެ ދެވަނަ ބުރުގައި އެންމެ ފަހުން ޒްވިޒަލެންޑާއި ދެކޮޅަށް ޕޯޗުގަލް ކުޅުނު މެޗުގެ ފުރަތަމަ 11 އިން ކްރިސްޓިއާނޯ ރޮނާލްޑޯއަށް ފުރުސަތު ދީފައި ނުވާތީ ޕޯޗުގަލްގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ޕޯޗުގަލް ގައުމީޓީމުގެ ކޯޗު ފެނާންޑޯ ސަންޓޯސްއަށް ފާޑުކިޔަމުން އެބަ ގެންދެއެވެ.
މިވަގުތު ދައް ފޯމެއްގައި ހުރި ރޮނާލްޑޯއަށް މިފަހަރުގެ މުބާރާތުގައި ރަނގަޅު ކުޅުމެއް ނުދެއްކޭ ކަމަށް ގިނަ ބަޔަކު ގަބޫލް ކުރި ނަމަވެސް ރޮނާލްޑޯ ނިސްބަތްވާ ޕޯޗުގަލްގެ ގިނަ އަދަދެއްގެ ސަޕޯޓަރުން އެކަން ގަބޫލެއް ނުކުރެއެވެ. ސަޕޯޓަރުން ބުނާ ގޮތުގައި ރޮނާލްޑޯ އަކީ އަދިވެސް ޕޯޗުގަލްގައި ހުރި އެންމެ ބޭނުންތެރި މުހިންމު ކުޅުންތެރިޔާއެވެ. އެގޮތުން އަދިވެސް ރޮނާލްޑޯއަށް ތަފާތު ދެއްކޭނެއެވެ.
އެންމެ ފަހުން ދެވަނަ ބުރުގައި ޒްވިޒަލެންޑާއި ދެކޮޅަށް ކުޅުނު މެޗުގައި ޕޯޗުގަލްގެ ފުރަތަމަ 11 އިން ރޮނާލްޑޯއަށް ފުރުސަތު ނުދިން މައްސަލާގައި ސަޕޯޓަރުން އަންނަނީ ޕޯޗުގަލްގެ ކޯޗަށް ވަރަށް ބޮޑަށް ފާޑުކިޔާ ސޯޝަލް މީޑިއާގައި އެމީހުންގެ ޝުޢޫރުތައް ފާޅުކުރަމުންނެވެ. އެގޮތުން ބައެއް ސަޕޯޓަރުން ބުނެފައިވަނީ ރޮނާލްޑޯ ބެންޗުގައި މެޗުބަލަން އިނުމަކީ އެމީހުންނަށް ބަލައިގަނެވޭނޭ ކަމެއް ނޫން ކަމަށެވެ. އަދި ޕޯޗުގަލް ކުޅޭ ކޮންމެ މެޗެއްގެ ފުރަތަމަ 11 ގައި ހިމެނިގެން ކުޅުމުގެ ފެންވަރު އަދިވެސް ރޮނާލްޑޯގެ ކިބައިގައި އެބަހުރިކަމަށް ސަޕޯޓަރުން ބުނެއެވެ.
އަނެއްބައި ސަޕޯޓަރުން ބުނެފައިވާ ގޮތުގައި ޕޯޗުގަލްގެ މިހާރުގެ ކޯޗު ސަންޓޯސް އަކީ ކޯޗެއްގެ ގޮތުން ކުފޫހަމަވާ ފަރާތެއް ނޫން ކަމަށާއި މިހާރުން މިހާރަށް އޭނާ ޕޯޗުގަލް ގައުމީޓީމުގެ ކޯޗުކަމުން ވަކިކުރަން ޖެހޭކަމަށެވެ. ރޮނާލްޑޯ އަކީ މުޅި ޕޯޗުގަލްގެ ރައްޔިތުން ފަޚުރުވެރިވާ ކުޅުންތެރިއެއް ކަމަށާއި އެފަދަ ކުޅުންތެރިއަކާއި މެދު އަދަބު ކުޑަކޮށް ހިތުމަކީ އެއްވެސް ހާލަތެއްގައި ބަލައިގަނެވޭނޭ ކަމެއް ނޫން ކަމަށްވެސް ބައެއް ސަޕޯޓަރުން ބުނެފައިވެއެވެ.
" ރޮނާލްޑޯ އަކީ މުޅި ޕޯޗުގަލް ރައްޔިތުން ފަޚުރުވެރިވާ ކުޅުންތެރިއެއް. ގައުމަށް ރީތި ނަން ހޯދާދީފައިވާ ބަތަލެއް. ރޮނާލްޑޯ އަކީ އެހެން މީހުންގެ އިޙުތިރާމާއި ލޯބި ލިބިފައިވާ ފަރާތެއް. އެހެން ކަމުން ރޮނާލްޑޯ އެކަހެރިކޮށް ލުމަކީ އަހަރެމެނަށް ބަލައިގަނެވޭނޭ ކަމެއް ނޫން. ރޮނާލްޑޯ ބެންޗުގައި އިންނަތަން ދެކެން އަހަރެމެންނަކަށް ކެތެއް ނުކުރެވޭނެ." ޕޯޗުގަލްގެ ބައެއް ސަޕޯޓަރުން ބުނެފައިވެއެވެ.
" ރޮނާލްޑޯ އަށް ކޯޗު ސަންޓޯސް އެއްވެސް އިޙުތިރާމެއް ނުބަހައްޓާ. ރޮނާލްޑޯ އަކީ ދުނިޔޭގައި މިވަގުތު ހުރި އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާ ކަންވެސް ސަންޓޯސް ވަނީ ހަނދާން ނައްތާލާފަ. ސަންޓޯސް، ކަލޭގެ ލަދު ކޮބާ؟.. ސަޕޯޓަރުން އެމީހުންގެ ޝުޢޫރު ފަޅުކުރަމުން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް