ދުނިޔޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ޕޯޗުގަލް ތަރި ކްރިސްޓިއާއޯ ރޮނާލްޑޯއަށް ބަދުބަސް ބުނެ ފާޑުކިޔާ ހެދުމަކީ ފުޓުބޯޅައަށް ލޯބި ކުރާ މީހަކު ކުރާނެ ކަމެއް ނޫން ކަމަށް އިޓަލީގެ ފުޓުބޯޅަ ލެޖެންޑް އަލެސަންދްރޯ ޑެލް ޕިއޭރޯ ބުނެފިއެވެ.
ފަހަކަށް އައިސް ފޯމުދައްވެ ރަނގަޅު ކުޅުމެއް ނުދެއްކި ބެންޗުގައި އިންނަން ޖެހުމުން ގިނަ ބައެއްގެ ފާޑުކިޔުންތައް ރޮނާލްޑޯއަށް އަމާޒުވަމުން އަންނަ އިރު، ރޮނާލްޑޯގެ ދިފާއުގައި ވާހަކަދައްކަމުން ޑެލްޕިއޭރޯ ބުނީ ރޮނާލްޑޯއަކީ އެއްވެސް މީހަކަށް ފާޑުކިޔޭވަރަށްވުރެ ހައި ޕްރޮފައިލް ކުޅުންތެރިއެއް ކަމަށާއި އެފަދަ ކުޅުންތެރިއަކަށް ބަދަުބަސްތައް ރައްދުކުރުމަކީ ފުޓްބޯޅައަށް ލޯބި ކުރާނެ އެއްވެސް މީހަކު ކުރާނޭ ކަމެއް ނޫންކަމަށެވެ. އަދި ކުލަބު ފެންވަރުގައާއި ބައިނަލްއަގުވާމީ ފުޓުބޯޅައިގައި ހޯދާފައިވާ ކާމިޔާބިތަކާއި އިންޑިވިޖުއަލް އެވޯޑުތަކަށް ބަލާއިރުވެސް އެއީ ރޮނާލްޑޯއަށް ފާޑުކިޔާމީހުންނަށް ދެވޭ ރައްދެއް ކަމަށް ޑެލްޕިއެރޯ ވަނީ ބުނެފައެވެ.
ޑެލް ޕިއޭރޯ ބުނީ މިފަހަރުގެ ވޯލްޑް ކަޕުގައި ރޮނާލްޑޯގެ ފަރާތުން އެކަށީގެންވާ ރަނގަޅު ކުޅުމެއް ނުދެއްކޭ ކަމަށް އެއްބަސްވާ ކަމަށާއި ނަމަވެސް އެއީ ރޮނާލްޑޯ އަށް މަލާމާތްކޮށް ބަދުބަސް ބުނަން ޖެހޭ ސަބަބެއް ނޫންކަމަށެވެ. ރޮނާލްޑޯ އާއި ނުލާ ޕޯޗުގަލް މާ ރަނގަޅަށް ކުޅެ ކާމިޔާބީތައްވެސް ހޯދާނެކަމަށް މީޑިއާގައި ދެކެވޭ ވާހަކަތަކަށް ރައްދުދެމުން ޑެލް ޕިއޭރޯ ބުނީ އެއީ ގުބޫލު ކުރެވޭނެ ވާހަކަތަކެއް ނޫން ކަމަށާއި މިހާތަނަށް ޕޯޗުގަލް ހޯދާފައިވާ ކާމިޔާބީގެ އެންމެ ބޮޑު ހިއްސާދާރަކީ ރޮނާލްޑޯ ކަމަށާއި އަދިވެސް އެޓީމަށް ރޮނާލްޑޯގެ މުހިންމުކަން ބޮޑުކަމަށެވެ.
ޑެލް ޕިއޭރޯ އިތުރަށް ބުނީ ޕޯޗުގަލް އަކީ މީގެ ކުރިން ބައިނަލްއަގުވާމީ ފެންވަރުގައި ކާމިޔާބީތަކެއް އެއްވެސް ވަރަކަށް ހޯދިފައިވާ ގައުމެއް ނޫންކަމަށާއި އެޓީމަށް ކާމިޔާބީގެ ހުވަފެން ފެންނަން ފެށީވެސް ރޮނާލްޑޯ ގައުމިޓީމުގައި ހިމެނިގެން ކުޅެން ފެށި ހިސާބުންކަމަށެވެ. އެހެން ކަމުން އެފަދަ ކުޅުންތެރިއަކަށް ދޭންޖެހޭ ޤަދަރާއި އިޙުތިރާމް އެއްވެސް ފަރާތަކުން ދެމުން ނުގެއްނާ ކަމީ ހިތާމަކުރަންޖެހޭ ކަމެއް ކަމަށް ޑެލް ޕިއޭރޯ ބުންޏެވެ.
މިފަހަރުގެ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ޕޯޗުގަލް މިހާތަނަށް ކުޅުނު ހަތަރު މެޗުގައި ވެސް 90 މިނެޓު ހަމަވަންދެން ކުޅެލުމުގެ ފުރުސަތު ރޮނާލްޑޯއަށް ލިބިފައިނުވާއިރު، އެންމެ ފަހުން ދެވަނަ ބުރުގައި ސްވިޒަލެންޑާއި ދެކޮޅަށް ޕޯޗުގަލް ކުޅުނު މެޗުގެ ފުރަތަމަ 11 އިން ވެސް ރޮނާލްޑޯއަށް ފުރުސަތު ދީފައެއް ނުވެއެވެ.
ރިޕޯޓުތައް ބުނާ ގޮތުން މި މެޗުގެ ފުރަތަމަ 11 އިން ރޮނާލްޑޯއަށް ފުރުސަތު ދީފައި ނުވަނީ ސްވިޒަލެންޑް މެޗުގެ ކުރިން ޕޯޗުގަލްގެ ނޫހެއް ކަމަށްވާ ބޯލާއިން ނެގި ވޯޓަކުން 70 ޕަސެންޓް ކިޔުންތެރިން ސްވިޓްޒަލަންޑާ ޕޯޗުގަލް ކުޅޭ މެޗުގައި ރޮނާލްޑޯ ޓީމުގައި ނުހިމެނުމަށް އެދުމުންނެވެ. ނަމަވެސް އަނެއްބައި ރިޕޯޓުތަކުން ބުނެފައިވަނީ ރޮނާލްޑޯއަށް އެ މެޗުން ފުރުސަތު ނުދިނީ ރޮނާލްޑޯއާއި ކޯޗު ސަންޓޯސްއާއި ދެމެދު އޮތް ގުޅުން ގޯސްވުމުގެ ސަބަބުން ކަމަށެވެ.
އުމުރުން 37 އަހަރުގެ ރޮނާލްޑޯއަށް ވޯލްޑްކަޕުގައި އަދި އެންމެ އެދެވޭ ކުޅުމެއް ނުދެއްކޭއިރު، މިހާތަނަށް ކުޅުނު ހަތަރު މެޗުން އޭނާއަށް ޖެހިފައިވަނީ އެންމެ ގޯލެކެވެ. އެއީ ގާނާއާއި ދެކޮޅަށް ކުޅުނު މެޗުގައި ޕެނަލްޓީއިން ޖެހި ގޯލެއް އެކަންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް